ފިލްމު ރިވިއުސްތަކަށާއި އެވޯޑްތަކަށް މިހާރު ބަރޯސާ ނުވަން: ސޮނާކްޝީ ސިންހާ

ފިލްމީ ކެރިއަރުގެ ވަކި ހިސާބަކަށް އާދެވިފައިވާއިރު އާއްމުންގެ ފަރާތުން އަންނަ ފިލްމު ރިވިއުސްތަކާއި ފިލްމީ ދާއިރާއިން ހުށަހަޅާ އެވޯޑްތަކަށް ބަރޯސާ ނުވާކަމަށް ބަތަލާ ސޮނާކްޝީ ސިންހާ ބުނެފިއެވެ.

ހަމައެއާއެކު އާއްމުންގެ ފަރާތުން ލިބޭ ފާޑުކިޔުންތަކާއި އަމާޒުވާ ނުރުހުމުގެ ބަސްތަކާއެކުވެސް އަބަދުވެސް މަސައްކަތް ކުރަނީ ކުރިޔަށްވުރެ ބޮޑަށް މަސައްކަތްކޮށް ކުރިޔަށް ދިއުމަށްކަމަށް ބަތަލާ ވަނީ ބުނެފައެވެ.

އެމޭޒަން ޕްރައިމްގައި މި އަހަރުގެ މެއި މަހު ޕްރިމިއަކުރި ވެބް ސީރީސް "ދާހަދު"ގެ މުހިއްމު ރޯލާއެކު ސޮނާކްޝީއަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ. މި ވެބް ސީރީސްއަށް ލިބުނު މަގުބޫލުކަމާއެކު ކެރިއަރުގެ ދެވަނަ ވެބް ސީރީސްއަށް ސޮނާކްޝީ އަންނަނީ ތައްޔާރުވަމުންނެވެ. އެއީ ސަންޖޭ ލީލާ ބަންސާލީ ނެޓްފްލިކްސްއަށް ތައްޔާރުކުރާ ތާރީޚީ ސީރީސް "ހީރާމަންޑީ"އެވެ.

މިހާތަނަށް ފިލްމީ ކެރިއަރުގައި ކުރެވުނު މަސައްކަތްތަކަށް ބައެއްފަހަރު ބެލުންތެރިންގެ ފަރާތުން ތަރުހީބު ލިބޭއިރު އަނެއްބައިފަހަރު ސޮނާކްޝީގެ ހުށަހެޅުންތައް ކަމުނުދާފަހަރުވެސް އަންނަ ކަމަށް ބަތަލާ ވަނީ ބުނެފައެވެ. ބެލުންތެރިންގެ ފަރާތުން އަމާޒުވާ މަސްހުނި ފާޑުކިޔުންތަކާއެކުވެސް ދެ އަތް އުރާލައިގެން ގޭގައި އިންނަން ބޭނުންނުވާ ކަމަށާއި އެފަދަ ފާޑުކިޔުންތަކާހެދި ފިލްމީ މަސައްކަތްތައް ދޫކޮށްނުލާނެކަމަށް ސޮނާކްޝީ ވަނީ ބުނެފައެވެ.

މި އަހަރު އިތުރު ފިލްމެއްގެ މަސައްކަތް ފަށާފައިވާ ބަތަލާ ބުނެފައިވަނީ ބައެއްފަހަރު ބޮކްސް އޮފީހުގައި ބޮޑު އާމްދަނީއެއް ހޯދާ ފިލްމުތަކަށްވެސް އާއްމުންގެ ކަމުނުދާ ރިވިއުސްތައް ލިބޭކަމަށާއި އެފަދަ ރިވިއުސްތަކަށް ބަރޯސާވެ ކެރިއަރުގެ ނިންމުންތައް ނިންމަން ބޭނުން ނުވާ ކަމަށެވެ. ހަމައެއާއެކު ފިލްމަށް އެވޯޑެއް ލިބުމަށްވުރެ ބޮޑަށް ފިލްމެއްގައި ސޮނާކްޝީގެ ބައިވެރިވުން އެންމެ އެދެވޭގޮތެއްގައި ދެވިއްޖެނަމަ އެވޯޑެއް ދުވަހަކު ނުލިބުނަސް އެންމެ ރަގަޅުކަމަށް 36 އަހަރުގެ ބަތަލާ ވަނީ ބުނެފައެވެ.

އަންނަ އަހަރު ރިލީޒްކުރުމަށް ނިންމާފައިވާ ފިލްމު "ބަޅޭ މިޔާ ޗޯޓޭ މިޔާ"ގައިވެސް ސޮނާކްޝީ މުހިއްމު ރޯލް ކުޅޭގޮތަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް