ޕަރިނީތީއާއި ރާގަވްގެ ކައިވެނި އަންނަ މަހު

މި އަހަރުގެ މެއި މަހު ލޯބިވެރިޔާ ރާގަވްއާ އެންގޭޖްވެފައިވާ ބަތަލާ ޕަރިނީތީ ޗޯޕްރާގެ ކައިވެނި ކުރިޔަށް އޮތް ސެޕްޓެމްބަރު މަހުގެ 25ގައި ކުރަން ނިންމައިފިއެވެ.

މެއި މަހުގެ 15ވަނަ ދުވަހު ދިއްލީގައި ޕަރިނީތީއާއި ޒުވާން ސިޔާސީ ލީޑަރު ރާގަވްގެ އެންގޭޖްމަންޓު ހަފްލާ ބާއްވާފައިވާއިރު ރިޕޯޓުތަކުން ބުނެފައިވަނީ ދެ މީހުންގެ ކައިވެނީގެ ހަފްލާ ބޭއްވުމަށް ނިންމާފައިވަނީ ރާޖަސްތާނުގައި ކަމަށެވެ.

ލޯބިވެރިންގެ ގޮތުގައި ގިނަ ދުވަހު އުޅުމަށްފަހު ޕަރިނީތީއާއި ރާގަވްގެ ގުޅުމުގެ ޚަބަރުތައް މީޑިއާއިން ފަތުރަންފެށީ ދެ މީހުން އެކީގައި ބޭރުތެރެއިން ފެންނަން ފެށުމާއެކުގައެވެ. ޕަރިނީތީގެ ދެބެއިންގެ ދެދަރި ޕްރިޔަންކާ ޗޯޕްރާއެކޭ އެއްގޮތަށް ޕަރިނީތީވެސް ބޭނުންވަނީ ހާއްސަ މަންޒިލެއްގައި ކައިވެނީގެ ރަސްމިއްޔާތު ބޭއްވުމަށް ކަމަށް ވާތީ ބަތަލާގެ ޓީމުން ވަނީ ޕަރިނީތީގެ ކައިވެންޏަށް ތައްޔާރުވުމުގެ މަސައްކަތްތައް ފަށާފައެވެ.

ރާޖަސްތާނުގައި ކައިވެނީގެ ރަސްމިއްޔާތުތައް ކުރިޔަށް ގެންދަން ނިންމާފައިވާއިރު ކައިވެންޏަށްފަހު ބާއްވާ ހާއްސަ ރިސެޕްޝަން ބާއްވަން ނިންމާފައިވަނީ ގުރުގްރާމްގައި ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ގިނަ ފިލްމުތަކެއް ކުޅެފައިވާ ކާމިޔާބު ބަތަލާ ޕަރިނީތީއާއި ލޯބިވެރިޔާ ރާގަވްއަކީ އިނގިރޭސިވިލާތުގައި ކިޔެވި ދުވަސްވަރުން ފެށިގެން ވަރަށް ގާތް ރަޙްމަތްތެރީންނެވެ. ޕަރިނީތީ މީގެކުރިން ބުނަމުންއައީ ހަޔާތުގެ ބައިވެރިޔަކަށް ސިޔާސީ ދާއިރާގައި މަސައްކަތްކުރާ މީހަކު ގެންނަން ބޭނުން ނުވާ ކަމަށެވެ. ޕަރިނީތީގެ އެންގޭޖްމަންޓް ހަފްލާއަށްފަހު ވަރަށް ގިނަ ބަޔަކު ވަނީ ޕަރިނީތީ މިގޮތަށް ބުނެފައިވާ ވީޑިއޯއާއެކު ސޯޝަލް މީޑިއާގައި ޕަރިނީތީއަށް ރައްދުވާގޮތަށް ފާޑުކިޔާފައެވެ.

ޕަރިނީތީގެ ކުރިޔަށްހުރި ފިލްމީ މަސައްކަތްތަކަށް ބަލާއިރު އެންމަ އަވަހަށް ބަތަލާ ފެންނާނީ އަކްޝޭ ކުމާރު އަދި ސުނިލް ޝެޓީ މުހިއްމު ރޯލް ކުޅޭ ފިލްމު "ދަ ގްރޭޓް އިންޑިއަން ރެސްކިއު"އިންނެވެ.

comment ކޮމެންޓް