މުންކަރާތްތައް ނައްތާލަން ވަކާލާތު ކުރާތާ 15 އަހަރު، އަޅުގަނޑު ޓެސްޓްކޮށްލައްވާ: އުމަރު

ކެމްޕޭން އިވެންޓްގައި އުމަރު ވާހަކަދައްކަވަނީ --- ސަން ފޮޓޯ

ގައުމުގައި ހުރި ބޮޑެތި މުންކަރާތްތައް ނައްތާލާނެ ކަމަށް ވަކާލާތު ކުރާތާ 15 އަހަރު ވެއްޖެ ކަމަށާއި މިފަހަރު ޓެސްޓްކޮށްލަން، ރިޔާސީ އިންތިޚާބުގައި އޭނާ އަށް ވޯޓު ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެދިވަޑައިގެންފިއެވެ.

މިރޭ މައްޗަންގޮޅީގައި ކުރިއަށް ގެންދިޔަ "ނޭބަހުޑް" ބައްދަލުވުމުގައި އުމަރު ވިދާޅުވީ ގައުމުގައި ހުރި ބޮޑެތި މުންކަރާތްކާ ދެކޮޅަށް ވަކާލާތު ކުރާތާ 15 އަހަރު ވެފައިވާ މީހަކު، އެއީ ދޮގުވެރިއެއް ކަމަށް ސާބިތުވެފައި ނެތް ނަމަ، އެމީހަކު އެ ކިޔާ އެއްޗަކާއި އެމީހެއްގެ ވަލުގައި ހިފުމަކީ ރައްޔިތުންނަށް ވާޖިބު ވާނެ ކަމެއް ކަމަށެވެ.

"ތިޔަބޭފުޅުންގެ ތެރޭގައި ހުރި ބޮޑެތި މުންކަރާތްތައް ނައްތާލަނަމޭ ތިމަންނަ، ނާސިގެ ތަކާއި ޑުރަގު އައްޑާތައް ބަންދު ކޮށް ދަރިންނަށް މަސްތުވާތަކެތި ވިއްކުން ހުއްޓުވާލަމޭ ކިޔަމުން 15 އަހަރު ވަންދެން ވަކާލާތުކޮށްފައި އެމީހާއަކީ ދޮގުވެރިއެއް ކަމަށް ސާބިތުވެފައި ނެތް ކަމަށް ވާނަމަ އެމީހަކު އެ ކިޔާ އެއްޗަކާއި އެމީހެއްގެ ވަލުގައި ހިފުމަކީ ތިޔަބޭފުޅުންނަށް ވާޖިބު ވާނެ ކަމެއް،" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އޭނާ ނިސްބަތްވަނީ ކޮން ޕާޓީއަކަށްތޯ ބެލުމުގެ ބަދަލުގައި ތިމަންނާއަށް ދިމާވެފައި އޮތީ ކޮން މައްސަލައެއް ތޯ އާއި އެ މައްސަލަތައް ހައްލުކުރަން އަންނަނީ ކާކުތޯ ބަލަންޖެހޭ ކަމަށެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓް ލާ އިރު ވިސްނަންވީ ރާއްޖެއަށް ދިމާވެފައި މި އޮތް އިންޑިއާ ސިފައިންގެ މައްސަލައާއި މަސްތުވާތަކެތީގެ މައްސަލައިގެ އިތުރުން ބިދޭސީންގެ މައްސަލަ ހައްލު ކުރާނީ ކާކުތޯ ކަމަށް އުމަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ބިދޭސީންގެ މައްސަލަ އެއްވެސް ސަރުކާރަކަށް ހައްލު ކުރެވިފައި ނުވާ ކަމަށާއި އެކަން ވެސް ކުރެވޭނީ އޭނާ ފަދަ އަޒުމު ވަރުގަދަ، ކެރޭ މީހަކަށް ކަމަށެވެ.

"އަމަންއަމާން ކަމަށް ބަލާލާއިރު އެތައް ގޭންގެއް އުފެދި، ވަޅި ހަރާ، މީހުން މަރާ، އަންހެން ކުދިންގެ އިއްފަތްތެރިކަން ފޭރިގަނެ، މިހެން ހަދަމުން ދާތާ އެތައް ޒަމާނެއް ވެއްޖެ. ވޭތުވެދިޔަ 15 ވަރަކަށް އަހަރު ތެރޭގައި 50އަކަށް މީހުން މަގުމަތީ ކަތިލައިފި. ވަރަށް މަދު މީހަކަސް ހުކުމް އައީ،" އުމަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަރުގެ މައްލަތަކުގައި ހިމެނޭ ބައެއް މީހުންވެސް ކޮންމެވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތްވާތީ މުޖުތަމައު ތެރެއަށް މިހާރު ދޫވެފައިވާ ކަމަށެވެ.

ސިޔާސީ ޕަޓީތައް އައިސް ގޮސް ވާތާ 15 އަހަރު ވެއްޖެކަން ފާހަގަ ކުރައްވަމުން އުމަރު ވިދާޅުވީ މިހާތަނަށް ފަސް ވެރިން ވެރިކަން ކޮށްފައި ގޮސްފި ކަމަށާއި އެތަނުން އެއްވެސް ބޭފުޅަކަށް ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތައް ހައްލު ނުކުރެވުނު ކަމަށެވެ.

އިސްލާމީ ޝަރީއަތުގައި ހިފައިގެން މެނުވީ ރާއްޖޭގައި މި ހުރި ބޮޑެތި މައްސަލަތައް ހައްލު ނުކުރެވޭނެ ކަމަށް ވިދާޅުވާ ވިދާޅުވުން އުމަރު މިރޭވެސް ތަކުރާރު ކުރެއްވިއެވެ.

"ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އަމަންއަމާންކަމުގެ މައްސަލަ. ވަޅި ހަރާފަ ފިލައިގެން ދާންވީ. ކަތިވަޅިއަކުން މީހަކު ގައިގައި ޖަހާފަވެސް ފިލައިގެން ދާންވީ. ކޮބައިތޯ މި ގައުމުގެ ވެރިން. މިކަންކަން ހައްލު ކޮށްލާ ވަރުގެ ޖެހުލުން ކުޑަކަމަކާއި ހަރުދަނާ ކަމެއް އެތަނުން އެއްވެސް ވެރިއެއްގެ ގައިގައި އެބަ ހުރިތޯ. މި ގޭންގްތައް މައިތިރިކޮށްލާ ވަރުގެ ޖެހިލުން ކުޑަކަމެއް ކާކު ގައިގައި ތޯ ހުރީ،" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ގައުމުގައި ހުރި މައްސަލަތަކާ ކުރިމަތިލެވޭނީ އެފަދަ ސަހުޝިއްޔަތު ހުރި އަދި އެވަރުގެ އަޒުމަކާއި ތަޖުރިބާ ލިބިފައި ހުރި މީހަކަށް ކަމަށެވެ.

އުމަރަކީ ރާއްޖޭގައި އިސްލާމީ ޝަރީއަތް ތަންފީޒު ކުރުމާއެކު މަރަށް މަރު ހިފާނެ ކަމަށާއި ރާއްޖޭގައި މި އޮތް މަސްތުވާތަކެތީގެ މަސަލައާއި ކޮރަޕްޝަނާއި ވައްކަމާއި ފޭރުމާއި އަދި ގޭންގު މާރާމާރީ ފަދަ ބޮޑެތި ކުށްތަކާ ދެކޮޅަށް މީގެ އެތައް އަހަރެއް ކުރިން ފެށިގެން ވަކާލާތު ކުރައްވަމުން ގެންދަވާ ބޭފުކެވެ.

comment ކޮމެންޓް