ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން އަލަށް ގާއިމް ކުރާ ރަންވޭގެ ފުރަތަމަ 1400 މީޓަރު އަންނަ މަހު ބޭނުން ކުރަން ފަށާނެ ކަމަށް އެ އެއާޕޯޓު ހިންގާ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްއޭސީއެލް) އިން ބުނެފިއެވެ.
ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން އަލަށް ގާއިމް ކުރާ 2.7 ކިލޯމީޓަރުގެ ރަންވޭ ޑިޒައިން ކޮށްފައިވާ ގޮތުން، އެ ރަންވޭ އާއި މިހާރު ބޭނުން ކުރަމުން ދާ ރަންވޭ ވަކި ހިސާބަކުން ގުޅެއެވެ.
ނަމަވެސް، އެއާޕޯޓުގެ އޮޕަރޭޝަންތައް މެދު ކެނޑުމެއް ނެތި ކުރިއަށް ގެންދިއުމަށްޓަކައި، އައު ރަންވޭގެ މަސައްކަތް ކުރަމުން ދަނީ ޖުމްލަ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ.
އެއާޕޯޓުގެ މަސައްކަތް ކުރިއަށް ދާ ގޮތް ނޫސްވެރިންނަށް އިއްޔެ ދައްކާލާފައިވާއިރު، މި މަސައްކަތް ހަވާލުކޮށްފައިވާ އިންޑިއާގެ ޖޭއެމްސީ ކުންފުނީގެ ފަރާތުން މައުލޫމާތު ދެއްވަމުން ސައިޓް އިންޖީނިއާ އިންދަރު ސިންގް ވިދާޅުވީ އެންމެ ފުރަތަމަ ނިންމުމަށް ހަމަޖެހިފައި ވަނީ މިހާރު ބޭނުން ކުރަމުންދާ ރަންވޭ، އައު ރަންވޭ އާ ގުޅޭ ހިސާބުން ދެކުނަށް އޮތް 1400 މީޓަރުގެ ސަރަހައްދު ކަމަށެވެ.
އެ ސަރަހައްދުގެ މަސައްކަތް އަންނަ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ނިމޭނެ ކަމަށާއި، އެއާއެކު ދެ ރަންވޭ ގުޅޭ ހިސާބު ބަންދު ކުރުމަށްފަހު ވަގުތީ ގޮތުން ފްލައިޓްތައް އޮޕަރޭޓު ކުރާނީ އަލަށް ހުޅުވާ ސަރަހައްދުން ކަމަށް އޭނާ މައުލޫމާތު ދެއްވިއެވެ.
އެއަށްފަހު މިހާރު ބޭނުން ކުރާ ރަންވޭ އެއްކޮށް ނަގައި، އައު ރަންވޭގެ އަނެއްކޮޅުން ފެށިގެން މެދާ ހަމައަށް ތަރައްގީ ކޮށް މުޅި ރަންވޭ އެއްކޮށް ގުޅާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރު ބޭނުންކުރާ ރަންވޭގެ ކުޑަ ބައެއް އެބަ އަރާ މި ރަންވޭގެ މައްޗަށް މެދަކާ ހިސާބުން. ފްލައިޓް އޮޕަރޭޝަންތައް ހުއްޓުނަ ނުދީ މަސައްކަތް ކުރިއަށް ގެންދަން އަޅުގަނޑުމެން ތިން ފިޔަވައްސަކަށް މި ބަހާލީ. އޭރުން މި ބައި ނިމުމާއެކު ފްލައިޓްތައް މި ސައިޑުން އޮޕަރޭޓް ކުރާއިރު، ބަންދުކުރާ ހިސާބުގައި މަސައްކަތް ކުރިއަށް ގެންގޮސް މުޅި ރަންވޭ ނިންމާލެވޭނެ. އިންދަރް ސިންގް / ޖޭއެމްސީ
އޭނާ ވިދާޅުވީ މިހާރު ބޭނުން ކުރާ ރަންވޭ ވަރަށް ބޮޑަށް ބާ ވެފައި ވާ ކަމަށާއި، އެހެން ކަމުން އެ ރަންވޭ އެއްކޮށް ތަޅާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މަސައްކަތް ކުރިއަށް ދާ ގޮތާ ބެހޭގޮތުން އިންދަރު ވިދާޅުވީ، ރަންވޭގެ މަސައްކަތް ކުރިއަށްދަނީ ޝެޑިއުލާ އެއްގޮތަށް ކަމަށާއި، މުޅި ރަންވޭގެ މަސައްކަތް އަންނަ ނޮވެމްބަރު މަހު ނިންމާލެވޭނެ ކަމަށެވެ.
އާރްއޭސީއެލް ގެ ސީއޯއޯ އަހުމަދު އިބްރާހީމް ވިދާޅުވީ، މުޅި ރަންވޭގެ މަސައްކަތް ނިންމައި، ބޭނުންކުރަން ފަށާނީ ވަގުތީ ޓާމިނަލަކާ އެކު ކަމަށެވެ. އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ރިސޯޓުތައް ހުރުމާއެކު އެއާޕޯޓު ބަންދު ނުކޮށް މަސައްކަތް ކުރިއަށް ގެންދިއުމަށް ވަރަށް ގިނަ ފަރާތްތަކުން އެދިފައިވާ ކަން ފާހަގަ ކުރައްވައި، އޭނާ ވިދާޅުވީ މަސައްކަތް ކުރިއަށް ދަނީ ކޮންމެ ދުވަހެއްގެ މެންދުރު ފަހު 2:00 އިން މެންދަމު 2:00 އަށް ކަމަށެވެ.
ރިސޯޓުތަކުން އައި ފީޑްބެކަށް ބަލާފައި އަޅުގަނޑުމެން އިކޮނޮމިކް މިނިސްޓްރީ އާ ވާހަކަ ދެއްކީ ބަންދު ނުކޮށް މަސައްކަތް ކުރިއަށް ދާ ގޮތަށް. ދެން 2 އިން 2 އަށް ފްލައިޓްތައް އޮޕރޭޓް ކޮށްފަ، އަނެއް 12 ގަޑިއިރު މި މަސައްކަތް ކުރަނީ. އެއީ ވެސް ޗެލެންޖެއް. އެކަމު ކޮންޓްރެކްޓާ ފާހަގަ ކުރިހެން މި ޕްރޮޖެކްޓް ނިންމަން އަޅުގަނޑުމެންގެ ޑެޑްލައިނަށް އެއްވެސް ޗެލެންޖެއް ނާންނާނެ. އާރްއޭސީއެލް ގެ ސީއޯއޯ އަހުމަދު އިބްރާހީމް
ރަންވޭ އިންޑް ސޭފްޓީ އޭރިއާ އާއެކު މި ރަންވޭގެ ދިގު މިނުގައި ޖުމްލަ 2765 މީޓަރު ހުންނާނެއެވެ. މިއީ އެންމެ ބޮޑެތި ބޯޓު ފަހަރުތަކުގެ ތެރޭގައި ހިމެނޭ A320 އަދި ބޮއިން 737 މަރުކާގެ ބޯޓު ޖެއްސޭ ފެންވަރުގެ ރަންވޭއެކެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ރަންވޭ އާ އެކު އެއާޕޯޓުގެ ޓާމިނަލް އާއި ޖެޓީ އަދި އެހެނިހެން އިމާރާތްތައް އިމާރާތްކުރުމުގެ މަސައްކަތް ވެސް މިވަގުތު އަންނަނީ ކުރަމުންނެވެ. އޭގެތެރޭގައި ޖެޓީ ޓާމިނަލް ބިލްޑިން، އޭޓީސީ ޓަވަރާއި، ކާގޯ ކޮމްޕްލެކްސް، ކަރަންޓު ސަބްސްޓޭޝަންގެ އިތުރުން ވޮޗް ޓަވަރާއި އެމްއެންޑީއެފް ޕްލޮޓް އިމާރާތް ވެސް ހިމެނެއެވެ.
މި މަޝްރޫއުގެ އަގަކީ ޖުމްލަ 136 މިލިއަން ޑޮލަރެވެ. މިއީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު މި މަސައްކަތް ޖޭއެމްސީ އާއި ހަވާލުކޮށްފައިވަނީ ދެ އަހަރުގެ ތެރޭގައި ނިންމައި ހަވާލު ކުރާ ގޮތަށެވެ.
އުތުރުގެ ތަރައްގީއާ ގުޅިފައިވާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު މަޝްރޫއު އެއްކޮށް ނިންމައި އޮޕަރޭޓް ކުރަން ފެށުމާއެކު އެ ސަރަހައްދުގެ ފަތުރުވެރިކަން ފުޅާވެ، ވަޒީފާގެ ފުރުސަތުތައް އިތުރުވެގެން ދާނެ ކަމަށް ރީޖަނަލް އެއާޕޯޓް ކުންފުނިން ބުނެއެވެ.