އާންމުކޮށް ހެދުން އެޅުމުގެ ފެޝަން ޓްރެންޑުތައް ބަދަލުވާލެއް ވަރަށް އަވަސް ވާނެއެވެ. ކޮންމެ ދުވަހަކު ވެސް އާ ޓްރެންޑެކެވެ. ނަމަވެސް މި ފަހަކަށް އައިސް ޓްރެންޑުތައް ހާއްސަވެފައި ވަނީ 90ގެ ފަހު ކޮޅާއި ދެހާހުގެ ކުރީކޮޅަށެވެ. މި ފަހަރު ވެސް މަގުބޫލުވެފައި ވަނީ އޭރުގެ ޓްރެންޑެކެވެ. އެއީ ދިގު ޖީންސް ޝޯޓެވެ.
ނުވަދިހައިގެ ފަހުކޮޅާއި ދެހާހުގެ ކުރީކޮޅުގެ ފެޝަން ޓްރެންޑުތަކަކީ އެތައް ޒުވާނަކު ބޮޑުވަމުން އައި އިރު ޕޮޕް ކަލްޗާއިން އެންމެ ގާތުން ފެނިފައިވާ ޓްރެންޑުތަކެވެ. ބެގީ ޓީޝާޓުތަކާއި ފަޓުލޫނު އަދި އައިނުތަކުގެ އިތުރުން ޗަންކީ ބޫޓުތަކަކީ އެ ދުވަސްވަރު އެންމެ ގިނައިން ފެނުނު އެއްޗެއްސެވެ. "ވައި ޓޫ ކޭ" ނުވަތަ "Y2K" ފެޝަނަކީ މީގެ 10 ވަރަކަށް އަހަރު ކުރީން މީހުން ވަރަށް ފާޑުކީ ޓްރެންޑެކެވެ. ނަމަވެސް މިހާރު އެ ވަރެއް ނެތެވެ.
ވައި ޓޫ ކޭ ޓްރެންޑުގެ ތެރެއިން މިހާރު މަގުބޫލުވާން ފަށާފައިވަނީ އާންމުކޮށް ފެންނަ ޝޯޓުތަކަށް ވުރެ ދިގު ޖީންސް ޝޯޓު ނުވަތަ ކުރުކޮށް ނަމަ ޖޯޓްސް އެވެ.
މި ޖޯޓްސް ޓްރެންޑަކީ އެ ދުވަސްވަރުގެ މިއުޒިކްތަކުންނާއި ފިލްމުތަކުން ވަރަށް ގިނައިން ފެނުނު ޓްރެންޑެކެވެ. މިހާރު މި ޓްރެންޑު ވެފައިވަނީ އާންމުކޮށް ހެދުން އެޅުމުގެ އާދައަކަށެވެ. އާންމުކޮށް ލައި އުޅޭ ޝޯޓްތަކާ ހިލާފަށް މި ޖޯޓްސް ތަކަކީ ކަކުލުން ތިރިއަށް އިންޗިއެއް ވަރަށް ހުންނަ އެއްޗެއްސެވެ.
މި ޝޯޓުތައް ކުރު ވާނަމަ މި ޝޯޓުތައް ހުންނާނީ އެންމެ ކުރުވެގެން ވެސް ކަކުލުން އިއްޗެއް ވަރު މަތީގައެވެ. މިފަދަ ޝޯޓުތަކުގެ ޑިޒައިންތަކަށް ބަލާއިރު އެންމެ މަގުބޫލު ވެފައިވަނީ ބާމިއުޑާ ޝޯޓެވެ. މިފަދަ ޝޯޓުތަކުގައި ބޮޑެތި ޖީބު ގިނަ ވެފައި ޝޯޓުގައި ފުޅާކަން ހުންނާނެއެވެ.
ދިގު ޖޯޓްސް އާންމުކޮށް ލައި އުޅެނީ ހަވީރު ބޭރަށް ގޮސް އުޅޭށެވެ. ނަމަވެސް ދުވާލުގެ ކޮންމެ ވަގުތެއްގައިވެސް މި ޝޯޓު ލައިގެން އުޅެވޭނެއެވެ. މިއީ ވަރަށް ނުރަސްމީ ޝޯޓެކެވެ. އެހެންވީމާ އާންމުކޮށް މީހުން މިއާއެކު ލައި އުޅެނި އޯވަ ސައިޓް ޓީޝާޓާއި ޓޭންކް ޓޮޕް އަދި ބޮޑެތި ތުނި ގަމީސްތަކެވެ.