މާލޭން ބޭރުގެ ފުރަތަމަ ޑޮލަރު އޭޓީއެމް މާފުށީގައި ގާއިމުކޮށްދޭނަން: މުއިއްޒު

ޑރ. މުއިއްޒު ގުރައިދޫގައި ވާހަކަ ދައްކަވަނީ --

ކ. ގުރައިދޫއިން، ޢާލިމް އަބްދުއްލަތީފް

ކ. ގުރައިދޫ ދާއިރާގައި ހިމެނޭ ކ. މާފުށީގައި މާލޭން ބޭރުގެ ފުރަތަމަ ޑޮލަރު އޭޓީއެމް ގާއިމުކޮށްދިނުމުގެ ވައުދާއެކު އެ ދާއިރާގެ ތިން ރަށަށް ގިނަ ވައުދުތަކެއް ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވެވަޑައިގެންފިއެވެ.

ގުރައިދޫގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މި ރަށުގެ ތަރައްގީއަށް ޓަކައި ކުރަންޖެހޭ ގިނަގުނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

އޭނާ ވިދާޅުވީ، މި ސަރުކާރުން ކަންކަން ކުރަނީ ރައްޔިތުން ބޭނުންވާ ގޮތަށް ބަލައިގެން ނޫން ކަމަށެވެ. އެ ގޮތުން، މި ދާއިރާގެ ތިންރަށް، ގުރައިދޫ، މާފުށި އަދި ގުޅީގައި ވެސް ބިންހިއްކަނީ ރައްޔިތުން ބޭނުންވާ ގޮތް ބަލައިގެން ނޫން ކަމަށް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، މި ރަށުގެ ކުރިއެރުމަށް ޓަކައި ކަމެއް ކުރާނަމަ ބިން އިތުރުކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން، ގުރައިދޫގެ ރައްޔިތުންނަށް ޓަކައި މިހާރު އޮތް ބިމާ އިންވެގެންއޮތް ފަޅު ހިއްކައިގެން ތަރައްގީގެ މަޝްރޫތައް ހިންގަވައިދެއްވާނެކަމަށް ވިދާޅުވިއެވެ.

"ނަމަކަށް ކޮށްފައި އޮތްކަމަކުން ވާނެ ފައިދާއެއް ނޯންނާނެ،" މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން، މާފުށީގައި ބިން ހިއްކައިފައި އޮތީ ވެސް ރައްޔިތުން ގާތުގައި އަހާލުމެއް ނެތި ވަކި ބަޔަކަށް މަންފާ ލިބޭނެ ގޮތަކަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ގުޅީގައި ވެސް ބިން ހިއްކައިފައި އޮތީ ރައްޔިތުން ބޭނުންވާ ގޮތަށް ނޫންކަމަށް ވިދާޅުވިއެވެ.

ގުރައިދޫގައި ބޭއްވި ކެމްޕޭން ޖަލްސާގެ ތެރެއިން --

އެ ދެ ރަށުގައި ވެސް ރައްޔިތުން އެދޭ ގޮތަށް ބިން ހިއްކަވައިދެއްވާނެކަމަށް މުއިއްޒު ވައުދުވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން، ގުރައިދޫގެ ބަނދަރުގެ ޖާގަ އިތުރުކޮށް ތޮށިގަނޑަށް އިތުރު ބަދަލުތައް ގެނެސްދެއްވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މި ރަށުގެ ސްކޫލް ޒަމާނީ ފެންވަރަކަށް ހަދައި، އެއް ދަންފަޅިއަށް ކިޔަވައިދެވޭ ގޮތަށް ބަދަލުކުރައްވާނެކަމަށް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، ފުޅާ ދާއިރާއެއްގައި ލޯކަލް ޓުއަރިޒަމް ހިންގާ މާފުއްޓާކީ ޑޮލަރުގެ ވިޔަފާރި އެންމެ ބޮޑަށް ކުރާ ރަށް ކަމަށެވެ. އެހެންވެ، މާފުށީގައި ޑޮލަރު އޭޓީއެމްއެއް ހުރުމަކީ މުހިންމުކަމެއް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، މާފުށީގެ މަގުތައް ހައްދަވައިދެއްވާނެކަމަށާއި އެ ރަށުގައި ފެރީ ޓާމިނަލެއް ގާއިމުކުރައްވާނެކަމަށް ވެސް ވިދާޅުވިއެވެ. އެއީ ފަތުރުވެރިންނާއި ރައްޔިތުންނަށް ވެސް ފައިދާވާނެކަމެއް ކަމަށް ވިދާޅުވިއެވެ.

ރަށްރަށުގައި ވެވަޑައިގަންނަވާ ވައުދުތައް ގިނަކަމަށް ބުނެ ބައެއް މީހުން ފާޑުކިޔާކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ ލިބޭ ފައިސާ ރަނގަޅަށް ޚަރަދުކޮށްފިނަމަ، އެއީ ބޮޑެތި ކަންކަން ނޫން ކަމަށެވެ.

"މި ސަރުކާރުން ފަސް އަހަރު ދައުލަތުގެ ފައިސާ އިސްރާފުކޮށްފައިވަނީ،" މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ނުކުރެއްވޭނެވަރުގެ ކަންކަމުގެ ވާހަކަ ކުރައްވާނެ ގޮތް އެނގިވަޑައިނުގަތް ހުރެ ނުދައްކަވާނެ ކަމަށެވެ.

"ރައްޔިތުން ހައްދާށޭ ކިޔާ މި ތަނުގައި ނުދައްކާނަން ބޭކާރު ވާހަކައެއް،" މުއިއްޒު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، މި ރަށުގެ ރައްޔިތުން އެކަތިގަނޑަކަށްވެ، ހިޔާލުތަފާތުވުމުގެ މައްޗަށް އެކުވެރިކަމާއި އެއްބައިވަންތަކަން އިސްކުރަން ޖެހޭ ކަމަށެވެ.

މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ޚިދުމަތް ދިނުމުގައި ވަކި ކުލައެއްގެ، ވަކި ޕާޓީއެއްގެ ރައްޔިތަކު ތަފާތު ނުކުރައްވާނެ ކަމަށެވެ.

މިއަދު މުއިއްޒު މި ރަށަށް ވަޑައިގަންނަވާތީ އެމްޑީޕީގެ ބައެއް މެންބަރުން ނުކުމެ ވަނީ މުޒާހަރާ ކޮށްފައެވެ. އަދި އެ މުޒާހަރާގެ ތެރެއިން އެމްޑީޕީ ސަޕޯޓަރުންނާއި ޕީޕީއެމް ސަޕޯޓަރުންނާ ދެމެދު ވަނީ ހަމަނުޖެހުން ހިނގައިފައެވެ.

comment ކޮމެންޓް