ށ. ކަނޑިތީމު ޒުވާނުންގެ ދިގު އިންތިޒާރަކަށްފަހު، މިއަދު އެރަށުގެ ޓާފު ދަނޑު ހުޅުވައިފިއެވެ.
މިއަދު ހަވީރު ބޭއްވި ޓާފު ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި، ދަނޑު ހުޅުވައިދިނީ ރާއްޖޭގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކަނޑިތީމު ކައުންސިލްގެ ރައީސް އަހުމަދު އަހުސަން ވިދާޅުވީ އެ ޓާފްދަނޑާއެކު ހުނަރުވެރި ޒުވާނުންތަކެއް އެރަށުން އުފެދޭނެ ކަމަށެވެ.
"މި ލިބުނު ފުރުސަތާއެކު، ރަށުފެންވަރުގަ، އަތޮޅުފެންވަރުގަ، އަދި ގައުމީ ފެންވަރުގައިވެސް ނަން ވިދާނޭ ރަށުގެ ދަރިންތަކެއް އުފެދިގެން ދާނެ،" އަހުސަން ވިދާޅުވިއެވެ.
އަހުސަން ވިދާޅުވީ ހުނަރުވެރި ކުދިންތަކެއް އުފެދުމުގެ އިތުރުން އެ ދަނޑު ވާނީ ރަށަށް އިޤްތިސާދީގޮތުންވެސް ކުރިއެރުން ލިބޭނޭ ތަނަކަށްކަމަށެވެ.
އެ ރަސްމިއްޔާތުގައި ވާހަަކަދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަމީން ފައިސަލް ވިދާޅުވީ މޮޅެތި ފުޓުބޯޅަ ކުޅުންތެރިން ތަކެއް ކަނޑިތީމުން ފެނުމަކީ އަބަދުވެސް ކުރަމުން އައި އުންމީދެއް ކަމަށެވެ.
"ތިކުދިންނަށްޓަކައި އެތަައް އަހަރެއް ކުރިން އަޅުގަނޑުމެން ބުނަމުން ދިޔައިން ކަނޑިތީމަށްވެސް ހަމަ މީގެ ޗާލު ފުޓުބޯޅަ ދަނޑެއް ހައްގުވާނޭ. ކަނޑިތީމުގަ ވެސް ތިބީ ހަމަ ދިވެހި ލޮބުވެތި ރައްޔިތުންނޭ. އަލީ އަޝްފާގު ފަދަ ކުޅުންތެރިން އިރާދަކުރެއްވިއްޔާ މިދަނޑުން ފެނިގެން ދިއުމަކީ އަޅުގަނޑުމެން އަބަދުވެސް ކުރަމުން އައި އުންމީދެއް،" އަމީން ވިދާޅުވިއެވެ.
ޒުވާނުންގެ ފަރާތުން ވާހަކަދައްކަވަމުން ކަނޑިތީމު ފުޓްސެލް ޓީމުގެ ކެޕްޓަން އިބްރާހީމް ނަދާދު ވަނީ އެރަށު ޒުވާނުން ދެކެމުން އައި ޓާފް ދަނޑުގެ ހުވަފެން ހަގީގަތަކަށް ހައްދަވައިދެއްވި ކަމަށްޓަކައި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ޝުކުރު އަދާކުރައްވާފައެވެ.
ޓާފް ދަނޑު ވުޖޫދަށް އައުމުގެ ކުރިން ކަނޑިތީމު ޒުވާނުން ފުޓުބޯޅަ ކުޅެމުން އައީ، ށ. އަތޮޅު މަދަރުސާގެ ދަނޑުގައެވެ. މިކަމުގެ ސަބަބުން އެ ރަށުގެ ޒުވާނުންނަށް އެތަކެއް ދަތިތަކަކާ ކުރިމަތިލާންޖެހުނެވެ.
ޓާފް ދަނޑު ހުޅުވުމަށްފަހު ކަނޑިތީމުގެ ޓީމަކާއި އާބަންކޯގެ ޓީމަކާ ދެމެދު ފޯރި ގަދަ މެޗެއް ކުޅެފައިވެއެވެ.