ޕީއެސްޖީގައި ޑެމްބެލޭ ފެނިގެންދާނީ 10 ނަންބަރު ޖާޒީގައި

ޑެމްބެލޭ، ޕީއެސްޖީގެ ތަމްރީނުތަކުގައި -- ފޮޓޯ/ ގެޓީ

ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގައި ފްރާންސް ފޯވަޑް އޮސްމާން ޑެމްބެލޭ 10 ނަމްބަރު ޖާޒީ ބޭނުން ކުރަން ނިންމައިފިއެވެ.

ބާސެލޯނާއިން ޕީއެސްޖީއާ ގުޅުނު ޑެމްބެލޭ ފުރަތަމަ އެ ކްލަބުގައި ބޭނުންކުރަން ނިންމާފައިވަނީ 26 ނަންބަރުގެ ޖާޒީއެވެ. ނަމަވެސް ޕީއެސްޖީގައި 10 ނަންބަރުގެ ޖާޒީ ބޭނުންކުރަމުންދިޔަ ބްރެޒިލް ތަރި ނޭމާ އެ ކްލަބު ދޫކޮށް، ސައުދީ އަރަބިއާގެ އަލް ހިލާލާ ގުޅުމުން ޑެމްބެލޭ ވަނީ އެ ނަންބަރު ބޭނުންކުރަން ނިންމައިފައެވެ.

ޕީއެސްޖީއާ ޑެމްބެލޭ ގުޅިފައިވަނީ 50.4 މިލިއަން ޔޫރޯ (55 މިލިއަން ޑޮލަރު)ގެ ރިލީސް ފީއަކަށް ފަސް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ. ފްރާންސް ތަރި ކިލިއަން އެމްބާޕޭއާ އެކު މައްސަލަތައް ޖެހިފައިވުމުން ޑެމްބެލޭ ހޯދުމަށް ޕީއެސްޖީން ގިނަ މަސައްކަތްތަކެއް ކުރިއެވެ.

ބާސާއާ 2017 ވަނަ އަހަރު ބޮރޫޝިއާ ޑޯޓަމަންޑުން ޑެމްބެލޭ ގުޅުނު ނަމަވެސް، ފުރަތަމަ ސީޒަނުގައި ކުރިމަތިވި އަނިޔާގެ މައްސަލަތަކާ ގުޅިގެން އޭނާއަށް ވަނީ ކުޅުމަށް ގިނަ ފުރުސަތުތަކެއް ލިބޭ ގޮތް ނުވެފައެވެ. ނަމަވެސް ޒަވީގެ އިރުޝާދުގެ ދަށުން ޑެމްބެލޭ ވަނީ މިދިޔަ ސީޒަނުގައި ބާސާއަށް ރަނގަޅު ކުޅުމެއް ދައްކައި، 11 ގޯލާއި 21 އެސިސްޓް ހަދައިފައެވެ. ބާސާގައި ހޭދަކުރި މުއްދަތުގެ ތެރޭގައި ޑެމްބެލޭ ވަނީ އެ ކްލަބާއެކު ތިން ސްޕެނިޝް ލަލީގާ އާއި ދެ ކޮޕާ ޑެލް ރޭ އަދި ދެ ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ.

ޕީއެސްޖީގައި ޑެމްބެލޭ ފެނިގެންދާ 10 ނަމްބަރު ޖާޒީއަކީ މީގެ ކުރިން ނޭމާގެ އިތުރުން ބްރެޒިލް ލެޖެންޑް ރޮނާލްޑީނިއޯ އަދި ސްވިޑެން ލެޖެންޑް ޒަލްޓަން އިބްރަހިމޮވިޗް ވެސް އެ ކްލަބުގައި ބޭނުންކުރި ޖާޒީއެވެ.

comment ކޮމެންޓް