ޔާމީން ޖަލުގައި އިންނަވާތީ ކަންބޮޑުުވޭ، އެކަމު ޝަރުއީ ދާއިރާއަށް ނުފޫޒެއް ނުފޯރުވާނަން: ރައީސް

ރައީސް ޞާލިހު އއ. ރަސްދޫގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ޖަލުގައި ހުންނަވަން ޖެހިވަޑައިގަތުމަކީ ޚުދު އެ މަނިކުފާނުގެ ވެސް ކަންބޮޑުވުމެއް ކަމަށާއި އެހެންނަމަވެސް އެއީ ޝަރުއީ މަރުހަލާގައި އޮތް ކަމެއްކަމުން އެ ކަމާ މެދު އެ މަނިކުފާނަށް ކުރެއްވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރަސްދުއަށް ވަޑައިގެން މި ރަށުގައި އޮތް ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމެއްގެ ގޮތުގައި ހުށަހަޅަނީ ރައީސް ޔާމީން ޖަލުގައި ހުންނެވުން ކަމަށެވެ.

"ރައީީސް ޔާމީން ޖަލުގައި އިންނަވަން ޖެހުނު ޖެހުން އެއީ އެ ބޭފުޅުންގެ ކަންބޮޑުވުން. އަޅުގަނޑު ވެސް ކަންބޮޑުވޭ،" ރައީސް ވިދާޅުވިއެވެ.

އެެއީ، ކަންބޮޑުވުމެއް ކަމުގައިވީ ނަމަވެސް އެ މަނިކުފާނުގެ މައްސަލައަކީ ޝަރުއީ ކޯޓުތަކުގައި ހިނގަމުން އަންނަ މައްސަލައަކަށްވާތީ، އެ ކަމުގައި އެ މަނިކުފާނަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ގާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ބާރެއް ދީފައިވަނީ ޝަރުއީ މަރުހަލާ ނިމުމުން އެ ކަމުގައި ލުއިދެވޭ ގޮތަށް ކަމަށެވެ.

"އޭގެ ތެރެއަަށް އަތްބާނާ ނުފޫޒު ފޯރުވަން އަޅުގަނޑަށް މަޖުބޫރުނުކުރުވާ. އެ ކަމެއް އަޅުގަނޑު ނުކުރާނަން،" ރަައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ޕީޕީއެމްގެ މެނިފެސްޓޯއެއް ނުވަތަ އަމާޒެއް ނެތް ކަމަށެވެ.

"އަބަދުވެސް ދައްކަނީ ކޮންމެ ވެސް މީހަކު ޖަލަށް ލާ ވަހަކަ. ތިމަންނަމެން ވެރިކަމަށް އަތުވެއްޖެޔާ ކޮންމެ ވެސް މީހަކު އޮންނާނީ ޖަލުގައޭ،" ރައީސް ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އެމްޑީޕީން ކުރި އިސްލާހީ މަސައްކަތުގައި އެންމެ މުހިންމު ދައުރެއް އަދާކުރި އެއް ބަޔަކަށް ރަސްދޫގެ ރައްޔިތުން ވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ސިޔާސީ ފިކުރުގެ ޚިޔާލު ތަފާތުވުންތަކާ އެކު ޕާޓީއާ ބައެއް މެންބަރުން ފެޔަށް ޖެހުނުކަމުގައިވީ ނަމަވެސް، ރިޔާސީ އިންތިޚާބުގައި ވޯޓު ދޭންވާނީ ސިޔާސީ ފިކުރު އެއް ފަރާތްކޮށް ގައުމާއި އަމިއްލަ ނަފުސަށް އަންނާނެ ހެޔޮ ބަދަލާ މެދު ވިސްނުމަށް ފަހު ކަމަށެވެ.

އަދި، ޕީޕީއެމަށް ފުރުސަތެއް ލިބޭނެ އެންމެހާ ކަންކަމުން ދުރުވުމަށް ރައީސް އެދިވަޑައިގަތެވެ.

"ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ތިޔަ ބޭފުޅުން ގޮތެއް ނިންމަވާއިރުގައި އޭގެ ސަބަބުން ދެން ޕީޕީއެމަށް ލިބިއްޖެޔާ ވާނެ ގޮތް ތިޔަ ބޭފުޅުން ދެން ވިސްނައިވަޑައިގަންނަވާ" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ދެވަނަ ދައުރެއްގައި ރަސްދުއާށް ކޮށްދެއްވާނެ ކަންކަން:

  • އޮފީސް ކޮމްޕްލެކްސް އެޅުން
  • އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް އެޅުން
  • މަލްޓިޕާޕަސް ހޯލަކާއި ޕްލޭ ގްރައުންޑެއް އެޅުން
  • ސްވިމިން ޓްރެކެއް އެޅުން
  • ފުޓްބޯޅަ ސްޓޭޑިއަމެއް، ސިޑިބަރިއާއި ޗޭންޖިން ރޫމާއެކު އެޅުން
  • ކައުންސިލާ މަޝްވަރާކޮށް ރަށްކައިރިން ބިން ހޯދައިދިނުން
comment ކޮމެންޓް