އޯލެވެލް އިމްތިހާނުގެ ނަތީޖާތައް ދޫކުރަން ފަށައިފި

އޯލެވެލް އިމްތިހާން

މި އަހަރުގެ އެސްއެސްސީ އިމްތިހާނާއި އޯލެވެލް އިމްތިހާން ހެދި ދަރިވަރުންގެ ނަތީޖާތައް ދޫކުރަން މިއަދު ފަށައިފިއެވެ.

މި ކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އެސްއެސްސީ އިމްތިހާނުގެ ނަތީޖާ މިއަދު 09:00 ގައި އަދި އައިޖީސީއެސްސީގެ ނަތީޖާ މިއަދު 10:00 ގައި އަތޮޅުތެރޭ ސެންޓަރުތަކަށް ލިބޭނެ ކަމަށެވެ.

މި ސެންޓަރުތަކުން ކެނޑިޑޭޓުންނަށް ހަމަ މިއަދު ނަތީޖާ ދޫކުރަން ފަށާނެއެވެ. ޕްރައިވެޓްކޮށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން އިމްތިހާނު ހެދި ދަރިވަރުންގެ ނަތީޖާ ދޫކުރާނީ މިއަދު މެންދުރު 12:00އިން ފެށިގެނެވެ.

ނަތީޖާ ރީޗެކް ކުރަން ބޭނުންވާ ދަރިވަރުންނަށް މާދަމާއިން ފެށިގެން މި މަހުގެ 31 ވަނަ ދުވަހާ ހަމައަށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން ނަތީޖާ ރީޗެކް ކުރުމަށް އެދި ހުށަހަޅަން ޖެހޭނީ އެ ދަރިވަރަކު އިމްތިހާނު ހެދި ސެންޓަރަކަށެވެ.

މި އަހަރުގެ އެސްއެސްސީ އިމްތިހާނު ފެށީ މިދިޔަ އެޕްރިލް މަހުގެ 25 ވަނަ ދުވަހުއެވެ. އަދި, އައިޖީސީއެސްސީ އިމްތިހާނު ފެށީ މޭ މަހުގެ ދެވަނަ ދުވަހުއެވެ.

މި އަހަރުގެ އެސްއެސްސީ އިމްތިހާނުގައި ޖުމުލަ 6،107 ދަރިވަރުން ބައިވެރިވެފައި ވެއެވެ. އެއީ, މިދިޔަ އަހަރާ އަޅާބަލާއިރު، 444 ދަރިވަރުންގެ އިތުރުވުމެކެވެ.

އައިޖީސީއެސްސީ އިމްތިހާނުގައި ޖުމުލަ 6،698 ދަރިވަރުން ބައިވެރިވިއިރު، އެއީ މިދިޔަ އަހަރާ އަޅާބަލާއިރު 759 ދަރިވަރުންގެ އިތުރުވުމެކެވެ.

އޯލެވެލް އިމްތިހާން ނިމުނީ ޖޫން މަހުގެ އަށްވަނަ ދުވަހުއެވެ.

އެހެން އަހަރުތަކެކޭ ޚިލާފަށް މި އަހަރުގެ އިމްތިހާނަށް ވަނީ މައިގަނޑު ދެ ބަދަލެއް ގެނެސްފައެވެ. އެގޮތުން ކުރީގައި އެންމެ ފުރަތަމަ ދޭނީ އިސްލާމް މާއްދާގެ ޕޭޕަރު ދޭއް ނަމަވެސް މި ފަހަރު އެންމެ ފުރަތަމަ ދިނީ އިސްލާމް ޕޭޕަރު އެކެކެވެ.

މީގެ އިތުރުން، ފާއިތުވި އަހަރުތަކުގައި އަތުކުރި ގަޑި އަޅައިގެން އިމްތިހާން ހޯލުގައި އިނދެވުނު ނަމަވެސް މި ފަހަރަަކު ނީނދެވޭނެއެވެ.

comment ކޮމެންޓް