މިއަދުން ފެށިގެން ކުރިއަށް އޮތް ތިން ދުވަހު މެދު ރާއްޖެތެރެއާއި ދެކުނަށް އުދައެރުމުގެ ފުރުސަތު ބޮޑުކަމަށް މެޓް އޮފީހުން ބުނެފިއެވެ.
އެ އޮފީހުން މިއަދު ބުނީ އުދައިގެ ފުރުސަތު އެންމެ ބޮޑީ އުތުރުގެ ރަށްތަކަށް ކަމަށެވެ. އަދި އުދަ އަރާނީ ދިޔަވަރު ބޮޑުވާ ވަގުތު ނުވަތަ އޭގެ ކުޑަ އިރުކޮޅެއް ކުރިން ކަމަށް މެޓް އޮފީހުން ބުންޏެވެ.
އެގޮތުން މިއަދާއި މާދަމާ ދިޔަވަރު ބޮޑުވާ ވަގުތުތަކަށް ބަލާއިރު، އުތުރަށް އެންމެ ދިޔަވަރު ބޮޑުވަނީ، 12:00އާ 13:00އާ ދެމެދުގެ ވަގުތުތަކުގައެވެ. އަދި މެދު ރާއްޖެތެރެއަށް ދިޔަވަރު އެންމެ ބޮޑުވަނީ، 13:00އާ 14:00 ދެމެދުގެ ވަގުތުތަކުގައެވެ.

އެހެންކަމުން މި ވަގުތުތަކުގައި އުދަ އަރާފާނެކަމަށް ސަމާލުވެ ތައްޔާރުވެގެން ތިބުމަށް މެޓް އޮފީހުން އިލްތިމާސް ކުރެއެވެ.
މިއަދުގެ މޫސުން ލަފާކުރާގޮތަށް ބަލާއިރު،މުޅި ރާއްޖޭގެ މޫސުން އާންމުގޮތެއްގައި ރަނގަޅު ވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފައި ވެއެވެ. އަދި ކަނޑުތައް ވެސް މަޑުވާނޭ ކަމަށް ލަފާކޮށްފައި ވެއެވެ.
މިމަހުގެ ކުރީކޮޅު ވެސް މާލެއާއި އަތޮޅުތެރޭ ގިނަ ރަށްތަކަކަށް އުދަ އެރިއެވެ. އޭރު މެޓް އޮފީހުން ބުނީ، އުދަ އަރަނީ ކަނޑު މަޑު ނަމަވެސް، ބާނި ބޮޑު ވުމުން ކަމަށެވެ.