އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ރާއްޖެއަށް ވިއްސާރަ ކުރަން ފެށުމުން, ވައި ސާފުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ލަފާކޮށްފިއެވެ.
ވައިގެ ސާފު މިންވަރު ދައްކައިދޭ އައިކިއު އެއާއިން ދައްކާ ގޮތުގައި، މާލެގައި ޔޫއެސް އައިކިއު ހުރީ، 108ގައެވެ. އެއީ، ނުރައްކަލުގެ އޮރެންޖު ސަމާލު ކަމަށްވާއިރު، ވިލިމާލޭގައި އެ އަދަދު ހުރީ، 151 ގައެވެ. އެއީ، ނުރައްކަލުގެ ރަތް ސަމާލެވެ.
މެޓް އޮފީހުގެ އޮފިޝަލަކު މިއަދު 'ސަން'އަށް ވިދާޅުވި ގޮތުގައި، މިއަދު ބޮޑަށް ވައި ނުސާފު ވާނީ އުތުރުގެ އަތޮޅުތަކަށެވެ. އެގޮތުން، އުތުރުގެ އަތޮޅުތަކަށް ދުރުމިން ފެންނާނީ ހަތަރު ކިލޯމީޓަރު ވަރަށް ކަަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި, މާލެއަށް ދުރުމިން ފެންނާނީ ފަސް ކިލޯމީޓަރަށް ކަމަށް ވެސް މައުލޫމާތު ދެއްވިއެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް ވައިގެ ނުސާފުކަން ހުރި މިންވަރު ---
މި ކަމަކީ، ކޮންމެ އަހަރަކު ވެސް މޫސުމީ ކަމެއްގެ ގޮތުގައި ދިމާވާ ކަމެއް ކަމަށް މެޓުން ބުނެއެވެ.
އެ އިދާރާއިން ކުރިން ލަފާކުރި ގޮތުގައި، މާލެ ހިމެނޭ ގޮތަށް މި ހަފުތާގައި ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވައި ނުސާފުވާނެއެވެ. އެހެންވެ، ވައި ސާފުވާނެ ދުވަހަކާ ގުޅޭ ގޮތުން ސުވާލުކުރުމުން މެޓް އޮފީހުން ބުނީ، އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ވިއްސާރަ ވުމުން ވައި ސާފު ވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހުކުރު ދުވަހު ވަނީ، ނުރައްކާތެރި މިންވަރަކަށް މާލެ ސަރަހައްދަށް ވައި ނުސާފު ކަމަށް ބުނެ، އޮރެންޖު އެލާޓު ނެރެފައެވެ.
ރާއްޖޭގައި އާންމުކޮށް ވައި ނުސާފުވަނީ "ހޭޒް"ގެ ސަބަބުންނެވެ.
"ފޮގް ވުން" އަދި "މިސްޓް" އާ ޚިލާފަށް ހޭޒްއަކީ ވައިގެ ތެރޭގައި ހުންނަ ވަރަށް ކުދި ހިކި ޕާޓިކަލްތަކެކެވެ. ހަމަ ލޮލަށް ނުފެނުނު ކަމުގައިވީ ނަމަވެސް، މި ޕާޓިކަލްތަކުގެ ސަބަބުން ޖައްވު ނުސާފުވެ، ދުރު ފެންނަ މިންވަރު ދަށްވެއެވެ.
ވައި ނުސާފުވުމުން ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަން ސިއްހީ އިދާރާތަކުން އަބަދު ވެސް އިލްތިމާސްކުރެއެވެ. އެގޮތުން، ނުރައްކާތެރި ވަރަކަށް ވައި ނުސާފުވުމުން ނާޒުކު ހާލަތުގައިވާ މީހުންނާއި އެހެން މީހުންނަށް ވެސް ނޭވާލާ ނިޒާމުގެ މައްސަލަ ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެޗްޕީއޭއިން ފާހަގަކޮށްފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި، ނާޒުކު ހާލަތްތަކުގައިވާ މީހުން ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި މާސްކު އެޅުމާއި، ވައި ނުވަންނަހެން ދޮރުތައް ލައްޕާފައި ބެހެއްޓުމާއި، އެއާ ޕިއުރިފަޔާ ބޭނުންކުރުން ހިމެނެއެވެ.
އެޗްޕީއޭއިން ވަނީ ނާޒުކު ހާލަތުގައިވާ މީހުން ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތުކުރުން ފަދަ ކަންކަން މަޑުޖައްސާލަން ވެސް އިލްތިމާސްކޮށްފައެވެ.