އުދައިން ސަލާމަތް ވުމަށް ދުރާލަ ރައްކާތެރިވާން އެންޑީއެމްއޭ އިން އިލްތިމާސް ކޮށްފި

ބްރިކް މައްޗަށް އުދައަރާ މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީން ޝޮޓެއް

މަލެ ސަރަހައްދަށާއި އަތޮޅުތެރޭ ރަށްރަށަށް އުދައަރާތީ އުދައިން ސަލާމަތް ވުމަށް ދުރާލާ ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން އިލްތިމާސް ކޮށްފިއެވެ.

މިއަދު ހަވީރުގެ ވަގުތެއްގައި ސިނަމާލެ ބްރިޖާއި އާޓިފިޝަލް ބީޗް ސަރަހައްދަށް ވަނީ ވަރަށް ބޮޑަށް އުދަ އަރާ މީހުނަށާއި ތަކެއްޗަށް ގެއްލުން ލިބިފައެވެ.

އެންޑީއެމްއޭއިން ބުނީ އަދިވެސް މާލެއަށާއި ރަށްރަށަށް އުދަ އެރުމުގެ ފުރުސަތު އޮތް ކަމަށް މެޓް އޮފީހުން މައުލޫމާތު ދޭކަމަށެވެ. އެހެންކަމުން އުދަ އަރައިގެން ރައްޔިތުންނަށާއި މުދަލަށް ލިބޭ ގެއްލުން ކުޑަކުރެވޭނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އުދައިން ރައްކާތެރިވުމަށް އެޅިދާނެ ބައެއް ފިޔަވަޅުތަކުގެ ތެރޭގައި:

  • ގެއަށް ފެން ނުވައްނާނޭހެން ގޭ ދޮރުމަތީ ވެލި ބަސްތާ ޖެއްސުން
  • ގޭތެރޭ ފެން ބޮޑުވެއްޖެ ހާލަތެއްގައި ގެއްލުން ވެދާނެފަދަ މުދަ އުސްތަންތަނަށް ބަދަލު ކުރުން
  • އުސްތަންތަނަށް ބަދަލު ނުކުރެވޭނެ ތަކެތި ފެނުގެ އަސަރު ނުފޯރާނެ ތަނަކަސް ބަދަލު ކުރުން
  • ބަނދަރު ސަރަހައްދުގައި އެއްގަމު އުޅަނދު ޕާކު ނުކުރުން
  • ބަނދަރުގައި އަޅާފައި އޮންނަ ދޯނި ފަހަރު ވައު ކަނޑައިގެން ނުދާނެހެން އެއްސުން
  • ސިނަމާލެ ބްރިޖުން ދަތުރުކުރާ ފަރާތްތަކުން ދިޔަވަރު ބޮޑުވާ ގަޑީ ދަތުރުކުރުމުގައި އިތުރަށް ސަމާލުވުން
  • ކުރިމަތި ވެދާނެ ސިއްހީ މައްސަލަތަކަސް ވިސްނާ، އުދައާ އެކު ރަށުތެރެއަށް އަރާ ކުނިބުނި ސާފުކުރުން

އުދަ އަރާފާނެކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ކ. އަތޮޅުން ފެށިގެން އައްޑޫއާ ހަމައަށް ހުދު ސަމާލު ވެސް ނެރުނެވެ.

މިއަދު ބްރިޖަށް އެރި ރާޅުގައި ހަ މީހަކަށް ވަނީ އަނިޔާވެފައެވެ. އެ އެންމެންނަށް ވެސް ސެނަހިޔާގައި ދަނީ ފަރުވާދެމުންނެވެ.

https://sun.mv/180414

އޭގެ ތެރޭގައި ހިމެނެނީ ތން ފިރިހެނަކާއި ދެ އަންހެނެކެވެ. އަދި، 11 އަހަރުގެ ކުޑަ ފިރިހެން ކުއްޖެއްވެސް ހިމެނެއެވެ.

އެ އެންމެންނަށް ވެސް ލިބިފައިވަނީ އަތްފައި މެށުން ފަދަ ކުދި އަނިޔާތަކެކެވެ.

comment ކޮމެންޓް