ދާރުލްއާސާރު ހުޅުވާ ތާރީޚު ފަސްކޮށްފި

މަރާމާތުގެ މަސައްކަތަށް މިދިޔަ މަހުގެ 16ވަނަ ދުވަހު ބަންދުކުރި ގައުމީ ދާރުލްއާސާރު ހުޅުވާ ތާރީޚު ފަސްކޮށްފިއެވެ.

މިކަމާ ގުޅިގެން ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ނެރުނު އިއުލާނެއްގައި ވަނީ، އަންނަ ހަފުތާގެ ބުރާސްފަތި ދުވަހާ ހަމައަށް ދާރުލްއާސާރު ހުންނާނީ ބަންދުކޮށްފައި ކަމަށެވެ. އެ މަރުކަޒުން ކުރިން ބުނީ މާދަމާ ދާރުލްއާސާރު ހުޅުވާނެ ކަމަށެވެ.

ހެރިޓޭޖް މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް އިސްމާއިލް ނާއިލް ނަޝީދު "ސަން"އަށް ވިދާޅުވީ ދާރުލްއާސާރުގެ މަސައްކަތް ވަރަށް ބާރު މިނުގައި ކުރިއަށް ދާކަމަށެވެ.

މިމަހުގެ ތެރޭގައި ދާރުލްއާސާރުގެ ޚިދުމަތް ދޭން ފެށޭނެކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ބުނެފައި ވެއެވެ.

ދާރުލްއާސާރު މަރާމާތު ކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޑައިނޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.

އެއީ ބީއެމްއެލްގެ ސީއެސްއާރްގެ ދަށުން ގައުމީ ދާރުލްއާސާރު ތަރައްގީ ކުރުމަށް ދޭ ދެ މިލިއަން ރުފިޔާގެ އެހީގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަސައްކަތަށް ހޭދަވަނީ 2.1 މިލިއަން ރުފިޔާއެވެ.

ސަރުކާރުން ވެސް ބައެއް ޚަރަދުތައް ކުރާ ގޮތަށް އެ މަސައްކަތް ހަވާލުކޮށްފައި ވަނީ މިދިޔަ މެއި މަހުގެ ތެރޭގައެވެ.

އެ އެއްބަސްވުމާ ބެހޭ މައުލޫމާތު ހިއްސާކުރަމުން ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން މީގެ ކުރިން ބުނެފައި ވަނީ، އަލަށް ތައްޔާރުކުރާ 19 ޝޯކޭސްއަކީ ޒަމާނީ ފެންވަރުގެ، ބައިނަލްއަގުވާމީ އެކިއެކި މިއުޒިއަމްތަކުގައިވެސް ހުންނަ ފަދަ ޝޯކޭސްތައް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ދާރުލްއާސާރުގައި އަލަށް މަލްޓިމީޑިއާ ރޫމްއެއް ގާއިމުކުރާނެ ކަމަށާއި އެއީ ތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދިވެހީންގެ ތާރީޚާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަންތައް ދިނުމަށާއި، ދަރިވަރުންނަށް މައުލޫމާތު ސެޝަންތައް ހިންގުމަށް ގާއިމްކުރާ ތަނެއް ކަމަށް އެ މަރުކަޒުން ބުނެފައިވެއެވެ.

comment ކޮމެންޓް