އުފަން ރަށުން ރަތްދޫލައިގެ މަރުހަބާއެއް، ގޮވާލީ "ވަށަފަރު މުއިއްޒު" އެއްބުރުންކަމަށް!

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވަށަފަރަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދެންނެވުން---

(ހއ. ވަށަފަރުން، ޢާލިމް އަބްދުއްލަތީފް)

ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް އޭނާގެ އުފަން ރަށުން ރަތްދޫލައިގެ ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ބޮޑުތިލަދުންމައްޗަށް މުއިއްޒު މިހާރު ކުރައްވާ ކެމްޕެއިން ދަތުރުގައި މިއަދު ވަށަފަރަށް އޭނާ ވަޑައިގަތުމުން 900އެއްހާ މީހުންގެ އާބާދީގެ މިރަށުން ގިނަ އަދަދެއްގެ ބަޔަކު ނުކުތެވެ. ރަތްދޫލައިގެ މަރުހަބާއެއް އޭނާއަށް ކީއިރު، ހާއްސަ ލަވައެއް ވެސް އަންހެނުންގެ ފަރާތުން ހުށަހެޅިއެވެ.

"ވަށަފަރު މުއިއްޒު އެއްބުރުން،" އެ ތަނަށް އެއްވެ ތިބި މީހުން އެއް އަޑަކުން ގޮވަމުން ދިޔައީ އެހެންނެވެ.

މުއިއްޒުގެ ބައްޕާފުޅު ޝެއިހު ހުސެއިން އަބްދުއްރަހުމާނަކީ ވަށަފަރަށް އުފަން ބޭފުޅެކެވެ. އޭނާ ތައުލީމް ހާސިލުކުރެއްވީ މިސްރުންނެވެ. މުއިއްޒު ލިބިވަޑައިގަތީ މާލޭގެ ބޭފުޅަކާ ކައިވެނި ބައްލަވައިގެންނެވެ.

މުއިއްޒުގެ ބައްޕާފުޅު އަވަހާރަވީ 2015 ވަނަ އަހަރު އުމުރުފުޅުން 71 އަހަރުގައެވެ.

މުއިއްޒު ވިދާޅުވީ މި ރަށަށް އާދެވުމުން ކުރެވެނީ ތަފާތު އިހުސާސެއް ކަމަށެވެ. އަދި ދެންނެވި މަރުހަބާއަށް އޭނާ ވަނީ ވަށަފަރު ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފައެވެ.

ވަށަފަރުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ތަރައްގީ ކުރުމުގައި ބަލަން ޖެހެނީ ރަށުގެ އާބާދީގެ ސައިޒަށް ނޫން ކަމަށެވެ. ކޮންމެ ރަށެއްގައި ވެސް ތިބޭނީ ދިވެހި ރައްޔިތުންކަމަށާއި ކޮންމެ ރައްޔިތަކީ ހަމަހަމަ ބައެއް ކަމަށް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މި ރަށުގެ ތަރައްގީއާއި ކުރިއެރުމަށް މި ރަށުގެ ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއް ހާސިލުކޮށްދޭނަން،" މުއިއްޒު ވިދާޅުވިއެވެ.

މި ރަށުގެ ސިޓީ ހޮޓަލުގެ މަސައްކަތް ހުއްޓިފައިވާ ކަމަށާއި އެ މަސައްކަތް އޭނާގެ ވެރިކަމެއްގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ނިންމަވާނެ ކަމަށް ވިދާޅުވިއެވެ. އެ ކަމުގެ މައިގަނޑު އަމާޒަކީ ވަޒީފާ އިތުރުވުން ކަމަށް ވިދާޅުވިއެވެ.

މި ރަށަށް ބިންހިއްކުމުގެ މަޝްރޫއަކާއި ރަށްގިރުން ހައްލުކޮށްދިނުމުގެ މަޝްރޫއެއް ހިންގައިދޭނެ ކަމަށް ވިދާޅުވިއެވެ.

މި ރަށުގެ ރައްޔިތުން ތިބީ މުއިއްޒާ ބައްދަލުވުމުން ވަރަށް އުފަލުންނެވެ. އެ ރައްޔިތުންނަށް މުއިއްޒަކީ ފަހުރެއް ކަމަށް ބުނެއެވެ.

comment ކޮމެންޓް