ތެލެސީމިއާ ކުދިންނަށް ހިލޭ ބޯންމެރޯ ހެދޭނެ ގޮތް ހަމަޖައްސައިދޭނަން: މުއިއްޒު

ޑރ، މުއިއްޒު އުތީމަށް ވަޑައިގެން އެ ރަށުގައި ވާހަކަ ދައްކަވަނީ --

(ހއ. އުތީމުން، ޢާލިމް އަބްދުއްލަތީފް)

ރާއްޖޭގައި ތިބި ތެލެސީމިއާ ކުދިންނަށް ހިލޭ ބޯންމެރޯ ހެދޭނެ ގޮތް ހަމަޖައްސައިދެއްވާނެކަމަށް ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބޮޑުތިލަދުންމައްޗަށް މިހާރު ކުރައްވާ ދަތުރުގައި މިއަދު ހއ. އުތީމަށް މުއިއްޒު ވަަަަޑައިގަތުމުން އެ ރަށުގެ ރައްޔިތުންގެ ފަރާތުން ވަނީ އެ ރަށުގައި ހުރި ތެލެސީމިއާ ކުއްޖެއްގެ ބޯންމެރޯ ހަދައިދިނުމަށް އެދިފައެވެ.

މި ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ މުއިއްޒު ވިދާޅުވީ، ތެލެސީމިއާ ކުދިންނަށް ބޯންމެރޯ ހަދައިދިނުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އިސްކަމެއް ދެއްވި ކަމެއް ކަމަށެވެ. ޒަކާތު ފަންޑުން އޭރުގައި ގިނަ ކުދިންތަކެއްގެ ބޯންމެރޯ ހަދައިދިން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒު އުތީމަށް ވަޑައިގެން ކެމްޕެއިނުގައި--

އިތުރަށް މުއިއްޒު ވިދާޅުވީ ބޯންމެރޯ ހެދުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ނިޒާމުގެ ތެރެއިން ކުރެވެން ޖެހޭ ކަމެއް ކަމަށެެވެ. އެ ކަން އޭނާގެ ސަރުކާރެއްގައި ނިޒާމުގެ ތެރެއިން ހިލޭ ކުރެވޭނެ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އުތީމަކީ ރާއްޖޭގެ މިނިވަންކަން ގެއްލިގެންދިޔަ ދަނޑިވަޅުގައި މިނިވަންކަން ހޯދައިދެއްވި ބޮޑުތަކުރުފާނު ނިސްބަތްވެވަޑައިގަންނަވާ ރަށްކަމަށާއި ސަރުކާރުން މި ރަށަށަށް ޚާއްޞަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒުވަނީ މިރަށަށް ވައުދުތަކެއް ވެވަޑައިގެންފައެވެ. އެ ގޮތުން، މި ރަށުގެ ބަނދަރު ބޮޑުކޮށް، އިތުރަށް ތަރައްގީކޮށްދޭނެކަމަށް ވިދާޅުވިއެވެ. އަދި މި ރަށުގެ ބަންޑާރައިންގެ މިސްކިތް، މަރާމާތުކޮށް ރަނގަޅު ފެންވަރަކަށް ހަދާނެކަމަށް ވިދާޅުވިއެވެ.

މިރަށުގެ ރަށް ގިރުމުގެ މައްސަލައާއި ގެދޮރުގެ މައްސަލަ ހައްލުކުރައްވާނެކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

"މި ރަށުގެ ގަނޑުވަރު ސަރަހައްދު ތަރައްގީކުރުމާ، ހަނދާނީ މަރުކަޒު ތަރައްގީކުރުމުގެ ހުރިހާކަމަކަށް ސަމާލުކަން ދޭނަން،" މުއިއްޒު ވިދާޅުވިއެވެ.

މި ރަށަކީ ގިނަ ބަޔަކު ޒިޔާރާތް ކުރާ ރަށަކަށް ވާތީ، މި ރަށުގައި ޒަމާނީ ރަށްވެހިގެއެއް ބިނާކުރުމަކީ މުއިއްޒުގެ ސަރުކާރެއްގައި ކުރާނެކަމެއް ކަމަށް ވިދާޅުވިއެވެ.

މި ރަށުގައި އޭޓީއެމް ބަހައްޓައި ބޮޑެތި މަގުތައް ވެސް ހަދައިދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ބޮޑުތިލަދުންމައްޗަށް މުއިއްޒު ކުރައްވާ ދަތުރުގައި، މިއަދު ހެނދުނު ހޯރަފުއްޓަށް ވަަޑައިގެންނެވިއެވެ. އެއަށްފަހު އުތީމަށް ވަޑައިގެންނެވިއެވެ. ދެން ވަޑައިގަންނަވާނީ ވަށަފަރަށާއި ދިއްދުއަށެވެ.

comment ކޮމެންޓް