ދަރިންގެ މުސްތަގްބަލަށް ޓަކައި ރައީސަށް ވޯޓު ދޭންޖެހޭ: ސިޔާމް

މާފަރު އެމްޑީއޭ ޖަގަހަ ހުޅުވައިދެއްވުމަށްފަހު ރައީސާއި، ސިޔާމް ސަލާމްކުރައްވަނީ -- ފޮޓޯ/ އެމްޑީޕީ

ދަރިންނާއި ދަރިންގެ މުސްތަގްބަލަށް ޓަކައި ވެސް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ދެވަނަ ދައުރަކަށް ހޮވަން ޖެހޭކަމަށް ރައީސްގެ ކޯލިޝަން ޕާޓްނަރު އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ނ. އަތޮޅަށް ކުރެއްވި ކެމްޕޭން ދަތުރުފުޅުގައި އަތޮޅުގެ އެންމެ ފަހު ރަށެއްގެ ގޮތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަޑައިގެންނެވީ ނ. މާފަރަށެވެ.

މި ރަށުގައި އޮތް ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ސިޔާމް ވިދާޅުވީ ކާމިޔާބީގެ މަންޒަރު ވަރަށް ސާފު ކަމަށާއި މިހާތަނަށް ދަތުރުފުޅުކުރެއްވުނު ކޮންމެ ރަށަކުން ވެސް ފެނިވަޑައިގަތީ ކާމިޔާބީގެ މަންޒަރުކަމަށެވެ.

"ރައްޔިތުން ތިބީ މި ފުރިހަމަ ކޯލިޝަންގެ ތިން ޕާޓީއާއެކު.. އަޅުގަނޑަށް ފެންނަނީ އިތުރަށް އަޅުގަނޑުމެންގެ ވާދަވެރިންނަށް ފުރުސަތެއް ނެތްކަން،" ސިޔާމް ވިދާޅުވިއެެވެ.

ސިޔާސީ ހަޔާތުގައި ވޭތުކުރި 20 އަހަރު ތެރޭ ކުރެވުނު މަސައްކަތުގައި މާފަރަކީ ޚާއްޞަ ރަށެއްކަމަށް ސިޔާމް ވިދާޅުވިއެވެ. ސަބަބަކީ މި ރަށަކީ އެ މަނިކުފާނު އެންމެ ފުރަތަމަ މުޒާހަރާއެއްގައި ބައިވެރިވި ރަށްކަމަށްވާތީ ކަމަށް ސިޔާމް ވިދާޅުވިއެވެ.

ސިޔާމް، މާފަރުގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

އެއީ ރަށުގައި އެއާޕޯޓެއް އެޅުމަށް ގޮވައިލައިކަމަށާއި އެ ދުވަހު އެ މަނިކުފާނު ރަށުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދަކީ އެއާޕޯޓު ތަރައްގީކުރުންކަމަށް ސިޔާމް ވިދާޅުވިއެވެ.

"ހަގީގަތުގައި މި ރަށަށް އިންޓަނޭޝަނަލް އެއާޕޯޓެއް ގެނަންޖެހުނު ސަބަބަކީ ވަރަށް މުހިންމު ސަބަބެއް،" ސިޔާމް ވިދާޅުވިއެވެ.

ސަބަބަކީ ރައީސް ޞާލިޙް ގެންގުޅުއްވާ ތަރައްގީގެ ތަސައްވުރުކަމަށް ސިޔާމް ވިދާޅުވިއެެވެ.

އާރްޓީއެލް ފެރީގެ ޚިދުމަތާއި ބައިނަލްއަގްވާމީ އެއާޕޯޓަކާއެކު ނ. އަތޮޅުގެ ސަރަހައްދު ވެސް 1.5 މިލިއަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭ ވަރަަށް ތަރައްގީވާނެކަމަށް ސިޔާމް ވިދާޅުވިއެވެ.

މާފަރު އެމްޑީއޭ ޖަގަހަ ހުޅުވައިދެއްވުމަށްފަހު ރައީސާއި، ސިޔާމް ދިދަ ނަންގަވަނީ -- ފޮޓޯ/ އެމްޑީޕީ

މިއީ ނ. އަތޮޅުގެ އިގްތިޞާދު ހަތަރު ގުނަވާނެ ކަމެއްކަމަށް ސިޔާމް ވިދާޅުވިއެވެ.

މިއަދު މާފަރުގައި އެމްޑީއޭގެ ހަރުގެއެއް ވެސް ރައީސްވަނީ ހުޅުވައިދެއްވައިފައެވެ. އަދި ހަރުގެ ބޭރުގައި އެމްޑީއޭގެ ދިދައާއި ގައުމީ ދިދަވަނީ ނަންގަވައިފައެެވެ.

comment ކޮމެންޓް