ބަލްގްރޭޑް (13 އޮގަސްޓް 2023): ޔުކްރެއިން ހަނގުރާމަ ހުޅަނގަށް ކާމިޔާބު ނުކުރެވޭނެކަން މިހާރު ގާތްގަނޑަކަށް ކަށަވަރު ވެއްޖެކަމަށާއި ރަޝިއާއާ ދެކޮޅަށް ހުޅަނގުން ޖެހި އެއްވެސް މަޅިއެއްގައި ރަޝިއާ މިހާތަނަށް ބެދިފައި ނުވާކަމަށް ސާބިޔާގެ ރައީސް އެލެގްޒެންޑާ ވޫޗިޗް ވިދާޅުވެއްޖެއެވެ.
ބަލްގްރޭޑްގައި ވާހަކަ ދައްކަވަމުން ވޫޗިޗް ވިދާޅުވީ ހުޅަނގުން ރަޝިއާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ނޭދެވޭ އަސަރުތައްވެސް ކުރީ ރަޝިއާއަށްވުރެ ބޮޑަށް ޔޫރަޕްގެ ގައުމުތަކަށް ކަމަށާއި ރަޝިއާއަށް ކޮށްފައިވަނީ އޭގެ ވަރަށް ކުޑަ އަސަރެއްކަމުގައެވެ. އަނެއްކޮޅުން ހުޅަނގުން ބާރުގަދަ ހަތިޔާރާއި ފައިސާއާ ޖާސޫސީ މައުލޫމާތުތައް ޔުކްރޭނަށް ހުއްޓުމެއްނެތި ދެމުން ގެންދިޔަނަމަވެސް ހުޅަނގުން އުންމީދުކުރިގޮތަށް ރަޝިއާ ބަލިވާ މަންޒަރު ނުފެންނަކަމަށް އޭނާ ވިދާޅުވިއެވެ.
ވޫޗިޗް ވިދާޅުވި ގޮތުގައި ރަޝިއާ ހިފާފައިވާ ޔުކްރެއިންގެ ސަރަހައްދުތައް މިނިވަންކުރެވޭތަނެއް ނުފެެނެއެވެ. މީގެބަދަލުގައި ޔުކްރެއިނުން ފެންނަނީ ރަޝިއާގެ ހަމަލާތައް ދިފާއު ނުކުރެވި މުޅި ޔުކްރެއިން ހަލާކުވެ ވީރާނާވަމުންދާ މަންޒަރެވެ. ޔުކްރެއިންގެ ރައްޔިތުން ނިކަމެތިވެ ރެފިއުޖީންނަށްވަމުންދާ މަންޒަރެވެ. މިއާއެކުވެސް ހުޅަނގުގެ ބާރުތަކުން އަދިވެސް މަސައްކަތްކުރަނީ ރަޝިއާއާއެކު ސުލްހައިގެ ވާހަކަތަކަށް ދިޔުމަށް ޔުކްރެއިންއަށް ހިތްވަރު ދިނުމުގެ ބަދަލުގައި ސުލްހައާ ދުރަށް ޔުކްރެއިން ގެންދަންއުޅޭ މަންޒަރުކަމަށް ވޫޗިޗް ވިދާޅުވިއެވެ.
"ހުޅަނގުގެ ގައުމުތައް އަދިވެސް މަސައްކަތް ކުރަނީ ޔުކްރެއިން އެއްކޮށް ހަލާކުވެގެންދިޔަސް އަދި ޔުކްރެއިންގެ އެތައް ހާސްބަޔަކު މަރުވެގެންދިޔަސް ޔުކްރެއިންއަށް ހަތިޔާރުދީގެން ޔުކްރެއިންގެ ސިފައިން ބޭނުންކޮށްގެން ރަޝިއާ އަސްކަރީގޮތުން ބަލިކުރަން،" ވޫޗިޗް ވިދާޅުވިއެވެ.
ރަޝިއާ އިއްޔެވަނީ އެމެރިކާ ޔުކްރެއިންއަށް ދޭންއުޅޭ އެފް-16ގެ ފައިޓާޖެޓްގެ ޕައިލެޓް ޓްރެއިނިންގް ހެދުމަށްޓަކައި ޖަރުމަނަށް ފުރަން އުޅުނު ޔުކްރެއިން ސިފައިންގެ ބަޔަކު ޖަމާވެފައިވާ ތަނަކަށް މިސައިލުން ހަމަލާ ދީފައެވެ. މި ހަމަލާތަކުގައި އޭގެތެރެއިން ބަޔަކު މަރުވިކަމަށް ނުރަސްމީ ރިޕޯޓްތައް ބުނާއިރު ރަޝިއާގެ ހަމަލާތަކުގައި ލިބުނު ގެއްލުންތަކުގެ ހަގީގަތް ހާމަކުރުމަށް ޔުކްރެއިނުން ވަނީ ފަސްޖެހިފައެވެ.
ވޫޗިޗް ވިދާޅުވިގޮތުގައި ޔުކްރެއިން ހަނގުރާމައަކީ ރަޝިއާއާއި ނޭޓޯއާ ދެމެދު ކުރެވޭ ހަނގުރާމައެކެވެ. މިހަނގުރާމައިގާ ޔުކްރެއިންގެ ފަހަތުގައި އޮތީ އެމެރިކާ ހިމެނޭގޮތަށް ނޭޓޯގެ ގައުމުތަކެވެ. ނަމަވެސް ދަތިކުރުމުގެ ފިޔަވަޅުތަކުން ރަޝިއާއަށް އަސަރު ނުކުރުމާއި އެފިޔަވަޅުތަކުގައި ދުނިޔޭގެ ގައުމުތައް ބައިވެރިނުވުމާއި ހުޅަނގުގެ އަސްކަރީ އާލާތްތައް ރަޝިއާގެ ހަމަލާތަކުގައި އަނދައި އަޅިއަށްވަމުންދާ މަންޒަރު ފެންނަމުންދާތީ ޔުކްރެއިންގެ ރައީސްގެ ކިބައިންނާ އަދި ހުޅަނގުގެ ލީޑަރުންގެ ކިބައިން މިހާރު ފެންނަނީ ނާއުންމީދާއި މާޔޫސްވުންކަމަށް ވޫޗިޗް ވިދާޅުވިއެވެ.
ހުޅަނގުން ހީކުރިގޮތާ ޚިލާފަށް ރަޝިއާގެ ޝަރުތުތައް ގަބޫލުކުރަން ޔުކްރެއިންއަށް މަޖުބޫރުވާ މަންޒަރު ފެނުން އޮތީ މާދުރުގައި ނޫން ހިސާބެއްގައި ކަމަށާއި ނަމަވެސް ހުޅަނގުން ގެންދަނީ ރަޝިއާ ބަލިކުރެވޭނެކަމަށް ބުނެ ޔުކްރެއިންގެ ޒައާމަތަށް އަދިވެސް ހުވަފެން ދައްކަމުންކަމަށް ވޫޗިޗް ވިދާޅުވިއެވެ.