ބަދަލުވަމުން އަންނަ ދުނިޔެއާ އެއްވަރަށް މުދައްރިސުން ވެސް ބަދަލުވާން ޖެހޭ: ނައިބު ރައީސް

"ކެމްބްރިޖް ޓީޗާސް ޖޮބް-އެލައިކް ސެޝަން" ނިންމުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވާހަކަފުޅު ދައްކަވަނީ--

ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާ އެކު މުދައްރިސުންގެ ވިސްނުން ވެސް ތަރައްގީވެ، ކުރިއަރަން ޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

"ކެމްބްރިޖް ޓީޗާސް ޖޮބް-އެލައިކް ސެޝަން" ނިންމުމަށް އިއްޔެ ޣިޔާސުއްދީން ސްކޫލުގައި އޮތް ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ ދުނިޔެއަށް އަންނަމުންދާ ބަދަލުތަކަށް ޓީޗަރުން ހޭނި، އާ މައުލޫމާތާއި އިލްމު ހޯދާ އެ އިލްމު ދަރިވަރުންނަށް ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި މުޖުތަމައުގައި މިވަގުތު ހުރި ނުރަނގަޅު އޮއިވަރުތަކުގައި ނުޖެހި، ކުރިއަށްދެވޭނޭ މަގު ކުދިންނަށް ފަހި ކޮށްދިނުމަށް ވެސް މުދައްރިސުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގަންފައިވެއެވެ.

"މި ހުރިހާ ކަމެއްގެ ތެރެއިންވެސް އަޅުގަނޑުމެން ބޭނުންވާ ކަހަލަ ދަރީންތަކެއް މުޖުތަމައުއަށް ހޯދުމަށްޓަކައި، މި ބަދަލު ވަމުން ދާ ކަންތައްތަކަށް އަޅުގަނޑުމެން ހޭނެން ޖެހޭ، އަބަދުވެސް އަޅުގަނޑުމެން ޖެހޭ އަޕްޑޭޓްވާ ބަޔަކަށްވާން، އަބަދުވެސް އަޅުގަނޑުމެން އެ ކަންތައްތަކަށް ހޭނެން ޖެހޭ. އާ ކަންތައްތަށް އަޅުގަނޑުމެން ދަސް ކުރަން ޖެހޭ،" ނައިބު ރައީސް ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި އެ މަނިކުފާނު ވަނީ ޓީޗަރުން މިހާރު ވެސް ކުރަމުން އަންނަ ބުރަ މަސައްކަތް ފާހަގަކުރައްވައި ތައުރީފުކުރައްވާފައެވެ. އަދި ތައުލީމީ ދާއިރާ ކުރިއަރުވައި ޓީޗަރުންނަށް ދޭ އުޖޫރަ ބޮޑު ކުރުމަށްޓަކައި ސަރުކާރުން ކޮށްފައިވާ ބުރަ މަސައްކަތަށް ވެސް ނައިބު ރައީސް އަލިއަޅުވައިލެއްވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ، ރަނގަޅު ތަރުބިއްޔަތެއް ލިބިފައިވާ މަސައްކަތްތެރި ކުދިންތަކެއް ބިނާ ކުރުމަށް ޚާއްޞަ ސަމާލު ކަމެއް ދިނުމަށް ޓީޗަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

"ކެމްބްރިޖް ޓީޗާސް ޖޮބް-އެލައިކް ސެޝަން" ފޯރަމަކީ، އިންޑިއާގެ ޝްރީ އެޑިޔުކެއާ ލިމިޓެޑްގެ މާލީ އެހީއާއެކު، ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލާއި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން ގުޅިގެން ބޭއްވި ފޯރަމެކެވެ. މި ފޯރަމް ނިންމުމުގެ ރަސްމިއްޔާތުގައި ނައިބުރައީސްވަނީ މި ފޯރަމްގައި ބައިވެރިވީ ހުރިހާ ސްކޫލުތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވައިފައެވެ.

comment ކޮމެންޓް