ގައުމީ ޓީމުގެ ކީޕަރު އަލީ ނާޒިހު ވެސް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ގުޅިއްޖެއެވެ.
ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)އަށް ކުޅެމުންދިޔަ އުމުރުން 23 އަހަރުގެ ނާޖިހު، މާޒިޔާއާ ގުޅުނީ މިސީޒަނުގެ ނިޔަލަށް ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ.
ނާޖިހު ވަނީ މިދިޔަ ސީޒަނުތަކުގައި މޮޅު ކުޅުމެއް ދައްކައިފައެވެ. ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމުން ވިދާލި ނާޖިހު ދައްކަމުންދިޔަ މޮޅު ކުޅުމާއެކު އޭނާއަށް ވަނީ ސީނިއާ ގައުމީ ޓީމުން ވެސް ފުރުސަތު ލިބިފައެވެ.
ނާޖިހު އެންމެ ފުރަތަަމަ ވިދާލާފައިވަނީ ނ. އަތޮޅުގައި ބާއްވަމުންދިޔަ ސިޔާމް މައުރޫފް ކަޕްގައެވެ. އޭގެ ފަހުން 2019 ވަނަ އަހަރުގެ ޔޫތު ޗެމްޕިއަންޝިޕްގައި ޔޫވީއަށް މޮޅު ކުޅުމެއް ދެއްކުމަށްފަހު، އޭނާ ދެން ފެނިގެންދިޔައީ އެ ކްލަބުގެ ސީނިއާ ޓީމުންނެވެ.
މާޒިޔާ އިން މިސީޒަން ފެށީ ވެސް ގައުމީ ޓީމުގެ ދެ ކީޕަރަކާއެކުއެވެ. އެއީ ތަޖުރިބާކާރު ކީޕަރު މުހައްމަދު ފައިސަލާއި ހުސައިން ޝަރީފެވެ. އޭގެ ތެރެއިން ފައިސަލަށް ވަނީ ސާފް ޗެމްޕިއަންޝިޕްގެ ތަމްރީނުތަކުގެ ތެރެއިން އަނިޔާއެއްވެ، ކުޅުމާ ދުރަށް ދާން ޖެހިފައެވެ. މިހާރު މާޒިޔާގެ އެއް ނަމްބަރު ކީޕަރުގެ ގޮތުގައި ފެނިގެންދަނީ ފައިސަލަށް އަނިޔާވުމާ ގުޅިގެން ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގޯލު ބެލެހެއްޓި ހުސައިން ޝަރީފެވެ.
މާޒިޔާގެ ސްކޮޑުގައި ގިނަ އަދަދެއްގެ ގައުމީ ޓީމުގެ ކުޅުންތެރިން ހިމެނެއެވެ. އެގޮތުން ގައުމީ ޓީމުގެ ކެޕްޓަން ސަމޫހު އަލީ (ސަމުއްޓޭ) އާއި ހަމްޒާ މުހައްމަދު (ހަމްޕު) އަދި އަލީ ފާސިރު (ސެންޓޭ) އާއެކު މިހާރުވެސް މާޒިޔާގައި ގައުމީ ޓީމުގެ ޖުމުލަ 14 ކުޅުންތެރިޔަކު ހިމެނެއެވެ. މިއަހަރު އިންޑިއާގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ބަންގުލަދޭޝްއާ ދެކޮޅަށް ގައުމީ ޓީމުން ކުޅުނު މެޗުގެ ފުރަތަަމަ 11 އިން ފެނިގެން ގޮސްފައިވަނީ ވެސް މުޅިން މާޒިޔާގެ ކުޅުންތެރިންނެވެ.
މާޒިޔާ އިން ސްކޮޑު ވަރުގަދަކުރުމަށް ބިދޭސީ ކުޅުންތެރިންތަކެއް ވެސް ވަނީ ގެންގޮސްފައެވެ. އެގޮތުން ދާދިފަހުން މާޒިޔާ އިން ވަނީ ގާނާ މިޑްފީލްޑަރު ރެގެން އޮބެންގް އާއި ކްރޮއޭޝިއާ ޑިފެންޑަރު ސެބަސްޓިއަން އެންޓިކް އަދި ސާބިއާ ފޯވަޑް ވޮޖިސްލާވް ބަލަބަނޮވިޗްގެ ސޮއި ހޯދައިފައެވެ.
މާޒިޔާގެ ސްކޮޑުގައި މިހާރު ވެސް ބިދޭސީ ކުޅުންތެރިންތަކެއް ހިމެނެއެވެ. އެގޮތުން މިސީޒަނަށް މާޒިޔާ އިން ގެނައި ފުރަތަމަ ބިދޭސީ ކުޅުންތެރިންގެ ތެރެއިން ސާބިއާގެ ފޯވަޑް ސްޓެފަން މިހައިލޮވިޗާއި މިޑްފީލްޑަރު އެލްޑާ ހަސަނޮވިޗްގެ މާބޮޑު ތަފާތެއް ފެނިފައެއް ނުވެއެވެ. ބިދޭސީ ކުޅުންތެރިންގެ ގޮތުގައި މިހާރު އެ ޓީމުން ފެނިގެންދަނީ ޑިފެންޑަރު އެޑްގާރަސް ޒާސްކިސް އާއި ހަލީލް ގަމާލެވެ.
މިސީޒަނުގައި މާޒިޔާގެ އެންމެ ބޮޑު އަމާޒަކީ އޭއެފްސީ ކަޕްގެ ގްރޫޕު ސްޓޭޖު ފަހަނައަޅައި ދިއުމެވެ. މިހާތަނަށް އޭއެފްސީ ކަޕްގައި މާޒިޔާއަށް ނިންމާލަން ޖެހިފައިވަނީ ގްރޫޕު ސްޓޭޖުންނެވެ. އަންނަ މަހު ފަށާ އެ މުބާރާތުގެ ގްރޫޕު ސްޓޭޖުގައި މާޒިޔާ ހިމެނޭނީ އިންޑިއާ ޗެމްޕިއަން އޮޑިޝާ އާއި ބަންގުލަދޭޝް ޗެމްޕިއަން ބަޝުންދަރާ ކިންގްސްއާއެކުއެވެ. ދެން އެ ގްރޫޕުން ފުރުސަތު ލިބޭނީ ކޮލިފައިން ބުރުން ފުރުސަތު ހޯދާ ޓީމަކަށެވެ.
ކޮލިފައިން ބުރުގައި މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ރަނަރަޕް, ކްލަބު އީގަލްސް ވެސް ވާދަކުރާނެއެވެ. އީގަލްސްގެ އިތުރުން ދެން ހިމެނެނީ އިންޑިއާގެ މޯހަން ބަގާން އާއި ބަންގުލަދޭޝްގެ ޑާކާ އަބަހާނީ އާއި ނޭޕާލްގެ މަޗިންދްރާ އެފްސީ އަދި ބޫޓާންގެ ޕަރޯ އެފްސީއެވެ. ކޮލިފައިން ބުރުގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ ތެރޭގައެވެ.
މާޒިޔާ އިން ވަނީ މިސީޒަނުގެ ޕްރެޒިޑެންޓްސް ކަޕް ވެސް ކާމިޔާބުކޮށްފައެވެ. އޭގެ އިތުރުން މާޒިޔާ އިން ދަނީ މިސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި ވެސް ވަރުގަދަ ކުޅުމެއް ދައްކަމުންނެވެ. ލީގުގައި މިވަގުތު މާޒިޔާ އޮތީ ތާވަލުގެ އެއްވަނައިގައެވެ.