ފޮށި ނުބަހައްޓާ ގައުމުތަކާއި ރިސޯޓްތަކުގައި ތިބި މީހުން ރީ ރަޖިސްޓްރީވާން ފުރުސަތު ދީފި

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ވޯޓު ފޮށި ނުބަހައްޓާ ގައުމުތަކާއި ރިސޯޓްތަކަށް ރީ ރެޖިސްޓާވި މީހުން ރެޖިސްޓާ ވުމަށް ވަނީ ފުރުސަތު ދީފައި -- ސަން ފައިލް ފޮޓޯ/ މުހައްމަދު ޝާތިއު

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓާވި އަދަދު މަދުވުމުން ފޮށި ނުބަހައްޓަން ނިންމި ރިސޯޓްތަކާއި ގައުމުތަކަށް ރީ ރެޖިސްޓާވި މީހުންނަށް އަލުން އެހެން ފޮއްޓަކަށް ވޯޓު ލުމަށް ރެޖިސްޓާ ވުމަށް އިލިކެޝަންސް ކޮމިޝަނުން ފުރުސަތު ދީފިއެވެ.

ވޯޓު ފޮށި ނުބަހައްޓަން ނިންމި ގައުމުތަކާއި ރިސޯޓްތަކަށް ވޯޓުލާން ރަޖިސްޓްރީ ކުރި މީހުން އެހެން ތަނަކަށް ރީ ރަޖިސްޓްރީވާން އެ ކޮމިޝަނުން ދިނީ އެއް ދުވަހުއެވެ. އެގޮތުން މާދަމާގެ ހެނދުނު 8:30 އިން ފެށިގެން ހޯމަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން ރީ ރެޖިސްޓާ ވުމަށް އެ ކޮމިޝަނުން ވަނީ އެދިފައެވެ.

ވޯޓު ފޮށި ނުބަހައްޓަން ނިންމާފައިވާ ގައުމުތަކަކީ އިންޑިއާގެ ވެރި ރަށް ނިއު ދިއްލީ އާއި ޖަޕާންގެ ވެރި ރަށް ޓޯކިއޯގެ އިތުރުން ސިންގަޕޫރާއި ތައިލެންޑެވެ.

ހޯމަ ދުވަހުގެ ހަވީރު ހަތަރެއްގެ ކުރިން ރީ ރަޖިސްޓަރީ ވެފައިވާ ތަން ބަދަލުކުރެވޭނީ، އެ ކޮމިޝަނުން އިއުލާނު ކޮށްފައިވާ ފޮށިތަކަށް ވޯޓު ލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުންނަށް އެކަންޏެވެ.

މިއަހަރުގެ އިންތިޚާބުގައި ވޯޓު ލުމަށް 600 އެއްހާ ފޮށި ބެހެއްޓުމަށް އެ ކޮމިޝަނުން ވަނީ ނިންމާފައެވެ. އިންތިޚާބުގައި ޖުމުލަ 283،272 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

comment ކޮމެންޓް