ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފިއެވެ.
ރައީސް ވަހީދު ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ މެނިފެސްޓޯ އިއުލާން ކުރުމަށް މިހާރު އދ. މާމިގިލީގައި ކުރިއަށްދާ ޖަލްސާގައެވެ.
ރައީސް ވަހީދުގެ އިތުރުން އެމަނިކުފާނުގެ ދަރިކަލުން ސާލިމް ވަހީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވެސް ވަނީ އެ ޕާޓީއާ މިރޭ ގުޅިވަޑައިގެންފައެވެ.
ޕީޕީއެމްގެ އެވައިޒަރެއްގެ ގޮތުގައި ހުންނެވި ރައީސް ވަހީދު ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެ ޕާޓީން ވަކިވެވަޑައިގެންފައެވެ.
ޕީޕީއެމް އިން ވަކިވެ ވަޑައިގަތްކަން ހާމަ ކުރެއްވުމުގެ ގޮތުން އެމަނިކުފާނު ނެރުއްވި ބަޔާނުގައި ވިދާޅުވީ އެ ޕާޓީން ވަކިވެ ވަޑައިގަންނަވަން ޖެހިވަޑައިގަތީ އެމަނިކުފާނުގެ ހުނަރުތަކާއި، ތަޖުރިބާ އާއި، އިލްމާއެކު ހުރިހާ ދިވެހީންނަށް ހަމަހަމަކަމާއެކު ފައިދާ ލިބޭނެ ފަދަ މާހައުލެއްގައި މަސައްކަތް ކުރެއްވުމަށްޓަކައި ކަމަށެވެ.
އިދިކޮޅު ލީޑަރު ރައީސް ޔާމީން އިންތިހާބަށް ކުރިމަތި ނުލެއްވޭ ހާލަތެެއްގައި އެ ޓިކެޓަށް އެ މަނިކުފާނުގެ ޝައުގުވެރިކަން އެބަހުރިކަން އެމަނިކުފާނު ވަނީ އެކި ފަހަރުމަތިން ހާމަކުރައްވާފައެވެ. ނަމަވެސް، އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިހާރު ވަނީ އިންތިހާބަށް ނުކުމެ ވަޑައިގަންނަވާފައެވެ.
ޑރ. ވަހީދަކީ ރައީސް މައުމޫނުގެ ސަރުކާރުގައި ޚާރިޖީ ދާއިރާއިން ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ރާއްޖެއިން އެންމެ ފުރަތަމަ ޕީއެޗްޑީ ދަރަޖައަށް ތައުލީމް ހާސިލް ކުރެއްވި ބޭފުޅަކީވެސް އެއީއެވެ.