މީހަކަށް ނޭނގި، އެ މީހާ ޖުމްހޫރީ ޕާޓީގައި ރަޖިސްޓްރީ ކުރި މައްސަލައެއްގައި ދައުލަތުން ކުރި ދައުވާ ސާބިތުނުވެ، ދައުވާ ލިބުނު މީހާ މައްސަލައިން ސަލާމަތްވެއްޖެއެވެ.
އެ މައްސަލައިގައި ކޮށްފައި ވަނީ އެނގިހުރެ ސައްހަ ނޫން ގޮތުގައި ލިޔުމެއް އުފެއްދުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ ކޮށްފައިވަނީ، މީހަކަށް އެނގުމަކާ ނުލައި، ޖެނުއަރީ 14، 2020ގައި ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި އޭނާ ރަޖިސްޓްރީ ކުރުމަށް 'ޕާޓީ މެންބަރަކަށް ވުމަށް އެދޭ ފޯމް'ގައި އޭނާގެ ނަމުގައި ސޮއިކޮށް ފިންގަޕްރިންޓް ޖަހައިފައިވާ މައްސަލައިގައެވެ.
އެ މައްސަލައިގައި ޕާޓީއަށް ރަޖިސްޓްރީވި މީހާ ވަނީ އޭނާ އެއްވެސް ޕާޓީއެއްގައި ރަޖިސްޓާ ވުމަށް އެދި އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ފޯމެއް ހުށަހަޅައިފައިނުވާނެ ކަމަށާއި އޭނާގެ ނަމުގައި ފުރާފައިވާ ފޯމަކީ އޭނާ އަމިއްލައަށް ފުރި ފޯމެއް ނޫން ކަމަށް ބުނެފައެވެ. އަދި, ދައުވާ ލިބޭ ފަރާތަކީ ވެސް އޭނާ ދަންނަ މީހެއް ނޫން ކަމަށް އެ މީހާ ބުނެފައިވެއެވެ.
އެ މައްސަލައިގެ ތަހުގީގުގައި ފުލުހުން ވަނީ އީސީއަށް ހުށަހެޅި ފޯމުގައި ހެކީންގެ ގޮތުގައި ސޮއިކޮށްފައިވާ ދެ މީހުންނާ ސުވާލުކޮށްފައެވެ. އެ ތަހުގީގުގައި އޭގެ ތެރެއިން އެކަކު ބުނެފައިވަނީ ފޯމުގައި ވަނީ އޭނާގެ ސޮއި ނޫން ކަމަށާއި އޭގެ ކުރިން އެ ފޯމް ފެނިފައިނުވާ ކަމަށެވެ.
ދެވަނަ ހެކިވެރިޔާ ބުނީ, އޭނާ ޖުމްހޫރީ ޕާޓީއަށް މީހުން ވެއްދުމަށް ޓަކައި ފޯމު ފުރުމުގެ މަސައްކަތުގައި އުޅެފައިވާނެ ކަމަށާއި އެގޮތުން ފޯމުތަކުގައި ހެކިންގެ ބައިގައި ސޮއިކޮށްފައި ހުންނާނެ ކަމަށެވެ. އަދި, މި މައްސަލައިގައި ހިމެނޭ ފޯމު އޭނާއަށް ލިބުނުއިރު ވެސް އެ ފޯމުގައި ސޮއިކޮށް ފިންގަޕްރިންޓް ޖަހައިފައިވާ ކަމަށާއި، އެ ފޯމާއެކު އެޓޭޗުކޮށްފައިވާ އައިޑީކާޑު ކޮޕީއަށް ބަލައިގެން މީހާގެ މައުލޫމާތު ފުރިހަމަކޮށް ހެއްކެއްގެ ގޮތުގައި ސޮއިކުރި ކަމަށް އޭނާ ބުންޏެވެ.
އެ މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކީގެ ތެރޭގައި ފުލުހުން ހަދައިފައިވާ ފިންގަޕްރިންޓް ކޮމްޕެރިޒަން ރިޕޯޓެއް ހިމެނެއެވެ. އެ ރިޕޯޓުގައި ވަނީ އީސީއަށް ހުށަހެޅި ފޯމުގައިވާ ފިންގަޕްރިންޓާއި ދައުވާ ލިބޭ ފަރާތުގެ ވައަތުގެ ބޮޑުވާ އިނގިލީގެ ނިޝާން ދިމާވާ ކަމަށް ބަޔާންކޮށްފައެވެ.
ނަމަވެސް, ދައުވާ ލިބޭ ފަރާތުން ވަނީ އޭނާގެ މައްޗަށް ކުރި ދައުވާތަކަށް އިންކާރުކޮށްފައެވެ.
ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި އޭނާ ބުނީ، ޖުމްހޫރީ ޕާޓީއަށް ވަނުމަށް ބޭނުންވާތީ އޭނާ އަމިއްލައަށް ފޯމު ފުރާފައިވާނެ ކަމަށާއި އެކަން ކޮށްފައިވަނީ ފައިސާގެ ބޭނުމުގައި ކަމަށެވެ. އަދި ފޯމު ފުރީ އެ ފޯމުގައި ހެކީންގެ ގޮތުގައި ސޮއިކޮށްފައިވާ ދެ މީހުން ތިބި ތަނަކަށް، ރައްޓެހިންތަކަކާ އެކު ގޮސް ކަމަށް އޭނާ ބުންޏެވެ.
"[އެ ތަނަށް ދިޔުމުން] ކޮންމެ މީހަކު ލައްވައި ދެ ފޯމުގައި ސޮއިކުރުވައި، ފިންގަޕްރިންޓް ޖެހުވި ކަމަށާއި، އެކަމާ ގުޅިގެން ސުވާލުކުރުމުން، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ ބައެއް ފޯމުތަކުގައި ފިންގަޕްރިންޓުގައި މައްސަލަ ޖެހޭތީ، ފޯމު ރިޖެކްޓް ވެދާނެ ކަމަށް ޓަކައި އިތުރު ފޯމެއްގައި ފިންގަޕްރިންޓް ޖަހުވަނީ ކަމަށް އެ ވަގުތު އެ ތަނުގައި ތިބި މީހުން ބުނި ކަމަށް [ދައުވާ ލިބޭ ފަރާތުން] ބުނެފައިވެއެވެ." ހުކުމުގައިވެއެވެ.
މީގެ އިތުރުން, ފޯމުގައިވާ އަތުލިޔުން ފުލުހުން ތަހުލީލުކޮށްފައިވާއިރު، ފޯމުގައި ވަނީ އޭގައި ހެކިވެރިންގެ ތެރެއިން ސޮއިކޮށްފައިވާ ދެ މީހުންގެ ތެރެއިން އެކަކު ކަމަށް ބެލެވޭ ކަމަށް ފުލުހުންގެ ރިޕޯޓުގައިވެއެވެ. އެއީ އެ ފޯމުގައި އެޓޭޗްކޮށްފައިވާ އައިޑީކާޑު ކޮޕީއަށް ބަލައިގެން މައުލޫމާތު ފުރިހަމަ ކުރި ކަމަށް ތަހުގީގުގައި ބުނެފައިވާ ހެކިވެރިޔާ ކަމަށް ހުކުމުގައިވެއެވެ.
އެހެންވެ، ކްރިމިނަލް ކޯޓުން ނިންމީ އެ މައްސަލައިގައި ދައުލަތަށް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ.