ޔުކްރެއިންގެ ކައުންޓާއެޓޭކް ނާކާމިޔާބުވަމުންދާ ދަނޑިވަޅުގައި އެގައުމުގެ ދިފާއީ ވަޒީރު މަގާމުން ދުރުކުރަނީ

ޔުކްރެއިންގެ ދިފާއީ ވަޒީރު އެލެކްސީ ރެޒްނިކޯފް

ކިޔޭވް (12 އޮގަސްޓް 2023): ޔުކްރެއިންގެ ދިފާއީ ވަޒީރު އެލެކްސީ ރެޒްނިކޯފް މަގާމުން ދުރުކުރުމަށް ރައީސް ވްލަޑިމިޔަރ ޒެލެންސްކީ ނިންމަވައިފިއެވެ.

ޔުކްރެއިން ސަރުކާރުގެ ވަރަށް އިތުބާރުހުރި މަސްދަރުތަކާ ހަވަލާދީ ހުޅަނގުގެ ޚަބަރުފަތުރާ ވަސީލަތްތައް ބުނާގޮތުން ޔުކްރެއިންގެ ދިފާއީ ވަޒީރު އެލެކްސީ ރެޒްނިކޯފް މަގާމުންދުރުކުރުމަށް ޒެލެންސްކީ މިހާރުވަނީ ނިންމަވާފައެވެ. ޒެލެންސްކީގެ މިނިންމެވުމުގެ ފަހަތުގައިވާ ސަބަބުތައް އެހާ ސާފެއްނޫނެވެ.

ރެޒްނިކޯފް މަގާމުންދުރުކުރަނީ މީގެ ދެތިންމަސްކުރިން ޔުކްރެއިން އިން ރަޝިއާއާ ދެކޮޅަށް ފެށި ރައްދު ހަމަލާ ނުވަތަ ކައުންޓާ އެޓޭކް ނާކާމިޔާބުވަމުންދާ ކަމަށް ހުޅަނގުގެ މީޑީއާ ރިޕޯޓްތައްވެސް ބުނާ ދަނޑިވަޅެއްގައެވެ. އެހެންކަމުން މިއީ އެކަމުގެ ސަބަބެއްކަމަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

އަނެއްކޮޅުން ރެޒްނިކޯފް ވަނީ އެކިފަހަރުމަތިން ހުޅަނގަށް އަމާޒުކުރައްވައި ދެމާނަ ނެގޭގޮތަށް ވާހަކަފުޅު ދައްކަވާތީ އެކަމުގެ ސަބަބުންކަމަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

އެމެރިކާގެ ޚަބަރު ފަތުރާ ވަސީލަތެއްކަމަށްވާ "ޕޮލިޓިކޯ" އަށް ދާދިފަހުން ދެއްވި ބަސްދީގަތުމެއްގައި ރެޒްނިކޯފް ވަނީ އެމެރިކާއިން ޔުކްރެއިންއަށް ދޭންއުޅޭ އެފް-16 ގެ ހަނގުރާމަމަތީ ޖެޓް ނުދީ ލަސްކުރާ މައްސަލާގައި ފާޑުވިދާޅުވެފައެވެ. ރެޒްނިކޯފް ވިދާޅުވިގޮތުގައި ޔުކްރެއިން ހަނގުރާމައަކީ އެމެރިކާގެ ހަތިޔާރުތައް ތަޖުރިބާކޮށްލަން އެގައުމަށް ލިބިފައިވާ ފުރުސަތެކެވެ. މިގޮތަށް ވިދާޅުވެ އޭނާވަނީ ދެމާނަ އެކުލެވޭފަދަ ގޮތަކަށް އަދި އެމެރިކާއަށް މަލާމާތް ރައްދުވާފަދަ ގޮތަކަށް ވާހަކަ ދައްކަވާފައެވެ.

"ޔުކްރެއިންގެ ސިފައިންނާއި ޔުކްރެއިންގެ ބިން ބޭނުންކޮށްގެން އެމެރިކާގެ ހަތިޔާރުތަކުގެ އަޖުމަބަލާލުމަކީ އެމެރިކާއަށް ލިބިފައިވާ ރަނުގެ ފުރުސަތެއްކަމަށާ ލަސްނުކޮށް އެފުރުސަތުގެ ބޭނުން ބޭނުންކުރަންޖެހޭ" ޕޮލިޓިކޯ އަށް ދެއްވި ބަސްދީގަތުމުގައި ރެޒްނިކޯފް ވިދާޅުވެފައިވެއެވެ.

ރެޒްނިކޯފް ގެ މިވާހަކަފުޅާމެދު އެމެރިކާވެސް އަދި ޒެލެންސްކީވެސް ހިތްހަމަ ނުޖެހޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަނެއްކޮޅުން ރަޝިއާގެ އަތްދަށުގައިވާ ޔުކްރެއިންގެ ބިންތައް މިނިވަންކުރުމުގެ ނަމުގައި މީގެ ދެތިން މަސްކުރިން ޔުކްރެއިނުންފެށި ކައުންޓާ އެޓޭކްވަނީ ޔުކްރެއިންގައި ރަޝިއާގެ ގާއިމްކޮށްފައިވާ ދިފާއުތައް ފޫއަޅުވާލުމުގައި ވަރަށް ބޮޑަށް ނާކާމިޔާބުވެފައެވެ. މިކަމުގެ ކަންބޮޑުވުންވަނީ އެމެރިކާގެ އަސްކަރީ މަސްދަރުތަކާ ހަވާލާދީ އެމެރިކާގެ ނޫސްތަކުންވެސް ފާޅުކޮށްފައެވެ.

ކައުންޓާ އެޓޭކަށް ތިން މަސްވެފައިވާއިރުވެސް ރަޝިއާގެ އަތްދަށުގައިވާ ޔުކްރެއިންގެ އެއްވެސް ބިމެއް އަދި ސިޓީއެއްވެސް މިނިވަންކުރެވިފައެއް ނުވެއެވެ. ވަރަށް މަދުތަނަކުން ރަޝިއާ ސިފައިން ފަހަތަށް ޖައްސާލެވިފައިވީނަމަވެސް އަނެއްބައި ތަންތަނުން ރަޝިއާ ސިފައިންވަނީ ޔުކްރެއިން ސިފައިން ފަހަތަށް ޖެއްސުމަށްފަހު ކުރިއަރާފައެވެ. އަނެއްކޮޅުން ޔުކްރެއިނުން ރަޝިއާގެ ވެރިރަށް މޮސްކޯއާއި އެނޫން ތަންތަނަށް ޑްރޯންތައް ފޮނުވައިގެން ހަމަލާދޭން މަސައްކަތް ކުރަނީ ކައުންޓާ އެޓޭކް ނާކާމިޔާބުވުމުން އެކަން ފޫބެއްދުމަށްޓަކައި ކަމަށް ރަޝިއާ އިން ބުނެއެވެ.

ރަޝިއާ އިން ބުނާގޮތުން މޮސްކޯއާއި ރަޝިއާގެ މުހިއްމު ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ ދިފާއީ ނިޒާމުތައް އެންމެ ކުރީއްސުރެ ބިނާކޮށްފައިވަނީ ނޭޓޯ ނޫނީ އެމެރިކާ އިން ސްޓްރެޓީޖިކް ބަލަސްޓިކް މިސައިލް ބޭނުންކޮށްގެން ދީފާނެ ހަމަލާތަކަކުން ސަލާމަތް ވުމަށެވެ. ޑްރޯން ފަދަ ކުދިކުދި ތަކެތިން ދޭ ހަމަލާތައް ދިފާއު ކުރެވޭ ނިޒާމެއް ނޫނެވެ. ނަމަވެސް ރަޝިއާ ބުނާގޮތުން އެގައުމު މިހާރުގެންދަނީ ޑްރޯން އިން ދިފާއު ކުރެވޭވަރުގެ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އެހެންކަމުން އެމެރިކާއާއި ޖަރުމަނުގެ އެންމެ ޒަމާނީ ހަތިޔާރުތައް ލިބިގެންވެސް ރަޝިއާގެ މައްޗަށް ޔުކްރެއިންއަށް ހޯދުނު ކާމިޔާބީއެއް ނެތެވެ. އަނެއްކޮޅުން ރަޝިއާވަނީ އެމެރިކާއާއި ޖަރުމަނުން ޔުކްރެއިން އަށް ދިން ޒަމާނީ ހަތިޔާރުތަކުގެ ބޮޑުބައި ހަލާކުކޮށްލުމުގައިވެސް ފާހަގަ ކޮށްލެވޭފަދަ ކާމިޔާބީތަކެއް ހޯދާފައެވެ.

މިއާއެކު ރަޝިއާގެ ދިފާއުތައް ފޫއަޅުވާލުމުގައި ޔުކްރެއިން ސިފައިންނަށް ކާމިޔާބު ނުލިބޭތީ އެކަމާމެދު އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންގެ ކަންބޮޑުވުންތައް އިންތިހާއަށް ބޮޑުކަމަށް އެމެރިކާގެ ނޫހެއްކަމަށްވާ ވޮޝިންޓަން ޕޯސްޓް ބުނެއެވެ.

ޔުކްރެއިނުން ފަށާފައިވާ ކައުންޓާ އެޓޭކް ނާކާމިޔާބު ވެއްޖެނަމަ ޔުކްރެއިންއަށް ދެންޖެހޭނީ ރަޝިއާ އިން ހުށަހަޅާ ސުލްހައެއް ގަބޫލުކުރަންކަމަށް އެމެރިކާގެ އަސްކަރީ ތަޖުރިބާކާރުން ވިދާޅުވެއެވެ. މިއީ ޔުކްރެއިންއަށް އަރައިގަނެގެން ރަޝިއާގެ ހާސިލްކުރަން ބޭނުންވި އަސްކަރީ މަގްސަދުތައް ހާސިލުވުންކަމަށާއި އެހާލަތުގައި ޒެލެންސްކީގެ ވެރިކަން ވެއްޓި ޔުކްރެއިންގެ އިދިކޮޅު ފަރާތްތައް އެގައުމުގެ ކޮންޓްރޯލް ނަގާނެކަމަށް ވޮޝިންޓަން ޕޯސްޓުން ބުނެއެވެ.

އެމެރިކާގެ ބައެއް ނޫސްތައް ބުނާގޮތުން ސައޫދީ އިސްކޮށް އޮވެގެން ކުރިއަށް ގެންދާ ޔުކްރެއިންގެ ސުލްހައިގެ ވާހަކަތަކަކީ ޔުކްރެއިންގެ ކައުންޓާ އެޓޭކް ނާކާމިޔާބުވެއްޖެ ހާލަތެއްގައި ޔުކްރެއިނުން ރަޝިއާގެ ޝަރުތުތައް ގަބޫލުކުރަން މަޖްބޫރުވާފަދަ ހާލަތެއް އަތުވެދާނެތީ އެކަމަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ވާހަކަތަކެއްކަމަށް ބެލެވެއެވެ.

ޔޫކްރެއިންގެ ދިފާއީ ވަޒީރު އެލެކްސީ ރެޒްނިކޯފް މަގާމުން ވަކިކުރިނަމަވެސް އޭނާ އަށް މުހިއްމު މަގާމެއް ދޭނެކަމަށްވަނީ ބެލެވިފައެވެ. އޭނާއަށް ދޭނެކަމަށް ބެލެވެނީ އިނގިރޭސިވިލާތުގައި ހުންނަވާ ޔުކްރެއިންގެ ސަފީރުކަމުގެ މަގާމުކަމަށް ރިޕޯޓްތައް ބުނެއެވެ.

comment ކޮމެންޓް