ނ. ކުޑަފަރީން، މުޙައްމަދު ނާއިލް ޙަފީޒް
ދެވަނަ ދައުރަކަށް ކުރިމަތިލުމުގައި އަމިއްލަ އެއްވެސް އެދުމެއް ނެތްކަމަށާއި ކޯލިޝަންގެ އެއްވެސް ލީޑަރެއްގެ ވެސް އެފަދަ ވިސްނުންފުޅެއް ނެތްކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ނ. ކުޑަފަރީއަށް ވަޑައިގެން އެ ރަށުގައި ވާހަކަފުޅުދައްކަަވަމުން ރައީސް ވިދާޅުވީ އެމްޑީޕީ ހިމެނޭހެން މި ކޯލިޝަންގައި ތިބި އެމްޑީއޭއާއި އަދާލަތު ޕާޓީއިން އެކުގައި މަސައްކަތްކުރަނީ ރައްޔިތުންނަށް ޚިދުމަތްކުރުމަށް ކަމަށެވެ.
އެގޮތުން ރައީސް ވިދާޅުވީ އެ މަނިކުފާނު އަމިއްލަ ގޮތުން ބޭނުންފުޅުވާ އެއްވެސް ކަމެއް ނެތްކަމަށެވެ.
"އަޅުގަނޑުގެ ނެތް އަމިއްލަ އެދުމެއް. އަމިއްލައަށް ބޭނުންވާ އެއްވެސް އެއްޗެއް. ސިޔާމެއް ބޭނުންފުޅުވެވަޑައެއް ނުގަންނަވާ ފަޅު ރަށެއް. ރަށެއް. ފުދިފައިި ހުންނެވީ،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ފަޅެއް، ނުވަތަ ރަށެއްގެ ބޭނުމުގައި 'ސިޔާސީ ޑީލް' ހަދައިގެން ކޯލިޝަނުގައި މަސައްކަތްކުރާ އެއްވެސް ޕާޓީއެއް ނެތްކަމަށެވެ. އަދި ސަރުކާރަށް ދައްކަން އޮތް އެއްވެސް ފައިސާއެއްް މާފުކުރަން އެދިގެން މަސައްކަތްކުރާ ލީޑަރަކު ވެސް ނެތްކަމަށެވެ.
"އަޅުގަނޑުމެންގެ އޮތީ އެންމެ މަގްސަދެއް. ރައްޔިތުންނަށް ޚިދުމަތްކުރުން. ފަށައިފައި މި އޮތް މަސައްކަތްތައް ނިންމުން. އިތުރަށް ކުރަން ހުރި މަސައްކަތްތައް ފަށައިގަތުން، ނިންމުން،" ރައީސް ވިދާޅުވިއެވެ.
"މިއީ ސިޔާސީ ގޮތުން އެންމެ ތަޖުރިބާކާރު ކޯލިޝަން"
ރައީސް ވިދާޅުވީ އެމްޑީޕީ ކޯލިޝަނަކީ ސިޔާސީ ގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރާ އެންމެ ވަރުގަދަ ކޯލިޝަންކަމަށެވެ.
އެގޮތުން އެމްޑީޕީ ހިމެނޭހެން މި ކޯލިޝަންގައި ތިބި އެމްޑީއޭއާއި އަދާލަތު ޕާޓީއަކީ ރައްޔިތުންގެ ވިންދު އެންމެ ރަނގަޅަށް ދަންނާނެ ޕާޓީތައް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން ކޯލިޝަންގައި ތިބި ކޮންމެ ޕާޓީއެއްގެ ވެރިއަކީ ވެސް ސިޔާސީ ގޮތުން ކާމިޔާބީގެ ރެކޯޑް އޮތް ބޭފުޅުންކަމަށް ރައީސް ވިދާޅުވިއެވެ.
"ސިޔާމް އަޅުގަނޑުމެންނާއެކީ ބައިވެރިވެވަޑައިގެން އެ އިންނެވީ ހަތަރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބުކުރައްވައިގެން. 20 އަހަރު އެ ހޭދަކުރެއްވީ... އަޅުގަނޑުގެ ރަނިން މޭޓް މުޙައްމަދު އަސްލަމް އައްޑޫ ހިތަދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު، 20 އަހަރު މަޖިލީހުގައި ހޭދަކުރައްވައިފި. ކޮންމެ ފަަހަރަކު އިންތިޚާބު ކާމިޔާބުކުރައްވައިފި،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ އެއިން ކޮންމެ ފަހަރަކު ވެސް އެ ބޭފުޅުން ރައްޔިތުންނާ ބައްދަލުކުރައްވައި ރައްޔިތުންގެ ޝުއޫރާއި ވިންދު ހުރި ގޮތް ސާފުކުރައްވައި، ބައްލަވައިކަމަށެވެ.
ރައީސް ވިދާޅުވީ ޚުދު އެ މަނިކުފާނަކީ ވެސް ރައްޔިތުންގެ މަޖިލީހުގެ ފަސް އިންތިޚާބާއި ރިޔާސީ އިންތިޚާބެއް ކާމިޔާބުކުރައްވައިގެން ހުންނެވި ބޭފުޅެއްކަމަށެވެ.
"ރައްޔިތުންނަށް ޚިދުމަތްކުރުމުގައި މެދުނުކެނޑި 30 އަހަރު އަޅުގަނޑު މި ހޭދަކުރަނީ. އެހެންވެ އަޅުގަނޑު މި ދެންނެވީ ހަަމައެކަނި މި ތިން މީހުންނަށް ބަލައިލި ނަމަވެސް ރައްޔިތުންގެ ހިތުގައި ޖަހާ ވިންދު އެންމެ ރަނގަޅަށް އެނގޭނެ ކޯލިޝަނަކީ މިއީއޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރާ އަށް ކެންޑިޑޭޓުންނަށް ބަލާއިިރު މިއީ ރައްޔިތުންނަށް މިނެކިރައިލަން ލިބޭ ފުރުސަތެއް ކަމަށެވެ.
ރައީސް ވިދާޅުވީ ދެވަނަ ދައުރެއްގައި ކުޑަފަރީގައި:
- ރޯހައުސް އަޅައިދެއްވާނެކަމަށް
- ސައިންސް ލެބެއް ސްކޫލުގައި ގާއިމްކުރުން
- މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުން
- އޭޓީއެމްގެ ޚިދުމަތް ދިނުން
- މިހާރުގެ ސިއްހީ މަރުކަޒުގެ ޚިދުމަތް 16 ގަޑިއިރަށް ހެދުން
- އައު ސިއްހީ މަރުކަޒެއް އެޅުން
- ބަނދަރު ތަރައްގީކުރުން
މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ސިޔާމް ވިދާޅުވީ ކުޑަފަރީއަކީ ސިޔާސީ ރޫހު ވަރުގަދަ ރަށެއް ކަމަށެވެ. އެގޮތުން ރަށަށް ބޭނުންވާ ކަންކަން ހޯދުމުގައި ރައްޔިތުން ފަސް ނުޖެހޭނެ ކަަމަށް ވެސް ސިޔާމް ވިދާޅުވިއެވެ.
މި ރަށުގައި ވެސް ސިޔާމް ތަކުރާރުކުރެއްވީ ރައީސް ޞާލިޙްގެ ދީލަތިފުޅުކަމުގެ ވާހަކައެވެ.
"އަޅުގަނޑުމެންގެ މި ވަގުތުގެ ރައީސުލްޖުމްހޫރިއްޔާއަކީ ވަކިކަމެއް އެގޮތަށް ދެންނެވީމާ ކޯފާ އިސްކުރައްވާނެ ބޭފުޅެއް ނޫން،" ރައީސް ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ ރައީސް ޞާލިޙަކީ ރައްޔިތުން ހިތަށް ނާރާފަދަ ގޮތަކަށް ރައްޔިތުން އެދޭ ހެޔޮ ގޮތް ހޯއްދަވައިދެއްވާ ބޭފުޅެއް ކަމަށެވެ.