ބްރޯޑްކާސްޓަރުންގެ މެދުގައި އުފައްދާފައިވާ ދުނިޔޭގެ އެންމެ ބޮޑު އިއްތިޙާދު ކަމުގައިވާ އޭޝިއާ ޕެސިފިކް ބްރޯޑްކާސްޓިންގ ޔޫނިއަން (އޭބީޔޫ) ގެ އެސޯސިއޭޓް މެމްބަރުކަން ސަން ސިޔާމް މީޑިއާ އަށް ލިބިއްޖެއެވެ.
އޭބީޔޫގެ އެޑްމިނިސްޓްރޭޓިވް ކައުންސިލުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު 10 އޯގަސްޓް 2023 އިން ފެށިގެން ސަން ސިޔާމް މީޑިއާ އަކީ އޭބީޔޫގެ އެސޯސިއޭޓް މެމްބަރެއްކަމުގައި ހަމަޖައްސައި އެކަމުގެ ލިޔުން، އޭބީޔޫގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު ނަދީމްގެ ފަރާތުން ސަން ސިޔާމް މީޑިއާއަށް ވަނީ ފޮނުވާފައެވެ.
އޭބީޔޫ އަކީ އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ބްރޯޑްކާސްޓަރުންގެ ކުރިއެރުމާއި ތަރައްޤީއަށް 1964 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުންދާ އިއްތިޙާދެކެވެ. ހަތްދިހައަށް ވުރެ ގިނަ ޤައުމުގެ 250 އަށްވުރެ ގިނަ މެމްބަރުން ހިމެނޭ މި އިއްތިޙާދުން ބްރޯޑްކާސްޓްކުރުމާއި އެ ފަންނާ ގުޅުންހުރި ދާއިރާތަކުން މީހުން ތަމްރީނުކުރުމާއި މަޢުލޫމާތުގެ ޙިއްސާކުރުމުގެ ތަފާތު ޕްރޮގްރާމްތައް ކޮންމެ އަހަރަކު ވެސް ހިންގައެވެ.
މި އިއްތިޙާދުގެ ބެލުމުގެ ދަށުން، ޚަބަރާއި ކުޅިވަރާއި ޕްރޮގްރާމް އުފެއްދުމާއި ބްރޯޑްކާސްޓް ޓެކްނޮލޮޖީގެ ދާއިރާއިން އެތައް ބަޔަކު ކޮންމެ އަހަރަކު ތަމްރީންކޮށް، ބްރޯޑްކާސްޓަރުންނަށް ތަފާތު ފުރުޞަތުތައް ތަނަވަސްކޮށްދެއެވެ.

އޭބީޔޫގެ އެހީގައި ރާއްޖޭގައި ހިންގި ތަމްރީނު ޕްރޮގްރާމެއްގެ ތެރެއިން
މީޑިއާގެ ޚިދުމަތުގައި 15 އަހަރު ހޭދަކޮށް، ޓީވީ އާއި ރޭޑިއޯގެ ޚިދުމަތް ސަން ސިޔާމް މީޑިއާ އިން މީގެ ކުރިން ފޯރުކޮށްދީފައި ވީނަމަވެސް، މިފަދަ ބޮޑު އިއްތިޙާދެއްގައި ބައިވެރިވެ ދުނިޔޭގެ ބްރޯޑްކާސްޓަރުންގެ ސަމާލުކަމާއި ގުޅުން ޤާއިމްކުރުމުގެ ފުރުޞަތު ރަސްމީ ޙައިޞިއްޔަތަކުން އެ ކުންފުންޏަށް ލިބިގެންދިޔަ މިއީ ފުރަތަމަ ފަހަރެވެ. އޭބީޔޫގެ މެމްބަރަކަށް ވުމުން، ސަން ސިޔާމް މީޑިއާގެ ދަށުން ހިންގާ އެސްއެސްޓީވީގެ ޚިދުމަތަށް ވަރަށް ގިނަ ފައިދާތައް ލިބިގެންދާނެއެވެ. މުވައްޒަފުން ތަމްރީންކުރުމުގެ ފުރުޞަތުގެ އިތުރުން ޚަބަރު ޙިއްސާކުރުމުގެ ފުރުޞަތާއި ދުނިޔޭގެ ބްރޯޑްކާސްޓަރުންނާ ގުޅިގެން ޕްރޮގްރާމް އުފެއްދުމުގެ ފުރުޞަތު ވެސް ތަނަވަސްވެގެން ދާނެއެވެ.
ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގައި އިސްކޮށް ޙަރަކާތްތެރިވަމުންދާ ގިނަ މީހުންނަކީ އޭބީޔޫގެ އެހީގައި ތަމްރީނުވެ، އޭބީޔޫގެ މެމްބަރު ޤައުމުތަކުގެ ތަޖުރިބާގެ އަލީގައި ރާއްޖޭގެ ބްރޯޑްކާސްޓިންގ ޚިދުމަތް ބައްޓަންކޮށްފައިވާ މީހުންނެވެ.
ދިވެހިރާއްޖޭގެ ޤައުމީ ބްރޯޑްކާސްޓަރުގެ ޙައިޞިއްޔަތުން ޕީއެސްއެމް އަކީ އޭބީޔޫގެ ފުލް މެމްބަރެކެވެ. އަދި އަމިއްލަ ބްރޯޑްކާސްޓަރެއްގެ ޙައިޞިއްޔަތުން ވީމީޑިއާ އަކީ އެޑިޝަނަލް ފުލް މެމްބަރެކެވެ. މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަކީ އެ އިއްތިޙާދުގެ އެފީލިއޭޓް މެމްބަރެކެވެ.

އޭބީޔޫގެ ސެކްރެޓަރީ ޖެނެރަލް ނަދީމް އާއެކު ސަން ސިޔާމް މީޑިއާގެ ސީއީއޯ ޚަލީލް އާއި ސީއޯއޯ އާސިފް