ގިނަ އާޓިސްޓުންނާއެކު އަންވެއިލިން ވިޝަންސް ފަށައިފި

ގިނަ ދިވެހި އާޓިސްޓުންގެ ހުނަރުތައް ދައްކާލުމަށް ބާއްވަމުން އަންނަ "އަންވެއިލިން ވިޝަންސް" އާޓް މައުރަޒު އިއްޔެ ފަށައިފިއެވެ.

މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ (މެކް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި އާޓް މައުރަޒަކީ ތަފާތު މީޑިއަމްގެ އާޓްތައް ދައްކާލުމަށް އާޓިސްޓުންނަށް ލިބޭ ބޮޑު ޕްލެޓްފޯމެކެވެ.

މެކްގެ ހަތް ވަނަ އާޓް މައުރަޒު ރަސްމީކޮށް ހުޅުވައިދެއްވާފައިވަނީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އެވެ.

މި މަހުގެ 20ގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި އާޓް މައުރަޒަކީ މިހާތަނަށް ބޭއްވި އެންމެ ބޮޑު އެއް އަންވެއިލިން ވިޝަންސް އިވެންޓެވެ. މިއަހަރުގެ މައުރަޒުގައި ތަފާތު އެކި މީޑިއަމްގެ 80 އަށް ވުރެ ގިނަ އާޓިސްޓުން ވަނީ ބައިވެރި ވެފައެވެ.

މިއީ އެންމެ ފަހުން ބޭއްވި އިވެންޓުގައި ބައިވެރިވި 67 އާޓިސްޓުންނަށް ވުރެ ގިނަ އަދަދެކެވެ. ކޮންމެ އަހަރަކާ އެކު އަންވެއިލިން ވިޝަންސް އިވެންޓަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

އަންވެއިލިން ވިޝަންގެ ތެރޭގައިވެސް އެންމެ ފާހަގަކޮށްލެވޭ އާޓުތަކަށް އެކި ވަނަތައް ދެވޭނެއެވެ.

އެންމެ ފަހުން އަންވެއިލިން ވިޝަންސް މައުރަޒު ބާއްވާފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރުގެ ކުރީކޮޅުގައެވެ. މިދިޔަ އަހަރުވެސް މައުރަޒު ބޭއްވުމަށްޓަކައި އާޓު ހުށަހެޅުމަށް ހުޅުވާލިއެވެ. ނަމަވެސް އެއަށްފަހު އާޓް މައުރަޒު ކުރިއަށް ގެންދެވޭ ގޮތް ވެފައެއް ނުވެއެވެ. މިދިޔަ އަހަރުގެ އާޓް މައުރަޒު ކުރިއަށް ގެންދެވިފައި ނުވާ ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

މިއަހަރުގެ އަންވެއިލިން ވިޝަންސް އަށް ވަނުމަށްޓަކައި 25 ރުފިޔާގެ ފީއެއް ނަގާނެއެވެ. މި މައުރަޒު ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 10 އިން ރޭގަނޑު 10ގެ ނިޔަލަށެވެ.

comment ކޮމެންޓް