ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާ ކޮށްފައިވާކަން ސާބިތުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު ޝަރީއަތް ލަސްނުކޮށް ނިންމައިދިނުމަށް އެ މަނިކުފާނު މިއަދު އެދިލައްވައިފިއެވެ.
މިދިޔަ 2021 ވަނަ އަހަރު، ޔާމީނާ ދެކޮޅަށް އުފުލި އެ ދައުވާގެ ހުކުމް އިއްވީ މިދިޔަ ޑިސެމްބަރު 25 ގައެވެ. އެ މައްސަލައިގައި ދަށު ކޯޓުން އެ މަނިކުފާނުގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމާއި ޖޫރިމަނާ އަދަބު އެ މަނިކުފާނުގެ ފަރާތްޕުޅުން ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އެކަމަކު، އެ މައްސަލައިގެ އިސްތިއުނާފު އަދިވެސް ނުނިމެއެވެ.
ފަނޑިޔާރަކު ޗުއްޓީއަށް ވަޑައިގަތުމުން، ޝަރީއަތް މަޑުޖެހިފައި އޮތުމަށް ފަހު މިއަދު ހައިކޯޓުގައި އޮތް ޝަރީއަތުގެ އަޑުއެހުމުގައި ޔާމީން ވިދާޅުވީ، އުމުރުން ދުވަސްވެފައި ހުރުމުންނާ އެކު މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަން ވަރަށް ބޮޑެތި ދަތިތަކެއް ހުރި ކަމަށެވެ.
އެހެންވެ، އެ މަނިކުފާނު ވަނީ އިސްތިއުނާފު ލަސްނުކޮށް، ވީހާ ވެސް އަވަހަށް ނިންމައިދިނުމަށް އެދިލައްވައިފައެވެ.
"އަޅުގަނޑަކީ ވެސް ހަމަ ޖިސްމާނީ ނުކުޅެދުންތެރިކަންތަކެއް ހުންނަ މީހެއް. ޒުވާން އުމުރަކު ނޫން މިހުރީކީ. އަދި ހަމައެހެންމެ، އަޅުގަނޑަށް ޑޮކްޓަރު ރެކަމެންޑުކޮށްފައި ހުރި ކަސްރަތުތައް ކުރުމުގެ ފުރުސަތު ވެސް މިހާރު ވަނީ މާފުށީގައި ބަންދުވެފައި،" އެ މަނިކުފާނު ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ އެ މަނިކުފާނުގެ އުނަގަނޑަށް ތަދުފުޅު ވާތީ، ޑޮކްޓަރު ވަނީ މޫދަށް ވަޑައިގެން ކަސްރަތުތަކެއް ކުރައްވަން އެދިފައި ކަމަށެވެ. އެކަމަކު، މާފުށީ ހިއްކަން ފެށުމާ އެކު މިހާރު އެ މަނިކުފާނަށް މޫދަށް ވެސް ނުދެވޭކަން ފާހަގަ ކުރެއްވިއެވެ.
"އަޅުގަނޑު ހޮސްޕިޓަލަށް ނާންނަނީ އަޅުގަނޑު ހޮސްޕިޓަލަށް އަންނަން ނުޖެހޭތީކީ ނޫން. އަޅުގަނޑު ހޮސްޕިޓަލަށް އައިސް އެޑްމިޓުނުވެ، މި ފަހަރު މި ހުންނަނީ އަޅުގަނޑުގެ އާއިލާ ތަހައްމަލު ކުރާ ހިތްދަތިކަން އަޅުގަނޑަށް އިހްސާސް ކުރެވޭތީ. އެ ތަނަށް އައިސް އޮންނަން ވެއްޖިއްޔާ އާއިލާއިން އިތުރަށް ކަންބޮޑުވާތީ، އެހެންނޫންނަމަ، އަޅުގަނޑު މިހާރު ފުރުސަތަކަށް އެދިގެން ހުންނާނީ ހޮސްޕިޓަލުގައި،" އަސަރާ އެކު ޔާމީން ވިދާޅުވިއެވެ.
އެ މަނިކުފާނު ގަބޫލުފުޅުކުރައްވާ ގޮތުގައި ދަށު ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމަކީ "ނުހައްގުން" ލިބެމުންދާ އަދަބެކެވެ. އެހެންވެ، އިސްތިއުނާފު ނިމެންދެން ގެއަށް ބަދަލު ކޮށްދެއްވުމަށް އެ މަނިކުފާނު އެދިލެއްވިއެވެ.
"އަޅުގަނޑު ކޮށްފައި އޮތް ކަމަކަށެއް ނޫން އަދަބު ލިބެމުން މިދަނީކީ. އިންޝާﷲ ހައިކޯޓުގައި އެ މައްސަލަ ކުރިއަށް ދާއިރު، އަޅުގަނޑު ދައްކަން ހުރި ވާހަކަ އެބަހުރި. އަޅުގަނޑު އެކަން ސާބިތު ކޮށްދޭނަން،" ޔާމީން ވިދާޅުވިއެވެ.
"އަޅުގަނޑު ގޭގެ ބަންދަށް ދޫކޮށްލާފައި ހުއްޓަސް ކޮން ގެއްލުމެއްހޭ ދައުލަތަށް ވަނީ؟ ހަމަ އިސްތިއުނާފުގެ މަރުހަލާތައް ނިމުނީމާ އަޅުގަނޑުގެ މައްޗަށް ހުކުމް ތަންފީޒު ވެގެންދޭ ނޫންތޯ؟ އެހެންނަމަވެސް އެއިން އަޅުގަނޑަށް ލިބޭ ލުއިތަކެއް އެބަހުރޭ،"

މިއަދު ހައިކޯޓުގައި ކުރިއަށް ދިޔަ އިސްތިއުނާފު އަޑުއެހުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔީމް --
އެ މަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި ވަނީ އިސްތިއުނާފު މަރުހަލާ ނިމެންދެން ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރަކަށް އެދިލައްވައިފައެވެ.
ޔާމީން ވިދާޅުވީ، އިސްތިއުނާފު މަރުހަލާ ނިމެންދެން އެ މަނިކުފާނު ގޭބަންދަށް ބަދަލު ކުރުމުން ދައުލަތަށް ލިބޭނެ ގެއްލުމެއް ނޯންނާނެ ކަމަށެވެ. އަދި، އޭގެ ބަދަލުގައި އެ މަނިކުފާނަށް އެތައް ލުއިތަކެއް ލިބިލައްވައި ކަމަށާއި އާއިލާއަށް ވެސް ތަހައްމަލު ކުރަން ފަސޭހަފުޅު ވާނެ ކަމަށެވެ.
"އަޅުގަނޑު މި ކިޔައިދިނީ އަޅުގަނޑުގެ ހާލަތު. އަޅުގަނޑު ނެތިން ސިޔާސީ ވާހަކަ ދައްކާކަށެއް ވެސް. އަޅުގަނޑު މިއީ އެކަން ދޫކޮށްލައިން ހުރި މީހެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ، ހުކުމް ތަންފީޒު ކުރުން ފަސް ނުކުރެވި، އިސްތިއުނާފު ނުނިމެނީސް އެ ފައިސާ ދެއްކިއްޖެ ނަމަ އަލުން އަނބުރާ އެ ފައިސާ ހޯދަން އަނެއްކާ ވެސް ޖެހޭނީ މަދަނީ ދައުވާއެއް ކުރަން ކަމަށެވެ. އަދި، އެ ދައުވާ ވެސް ދިގުލައިގެން ދާނެކަން ފާހަގަ ކުރައްވައި އެ މަނިކުފާނު ވިދާޅުވީ، އެހެންވެ އެންމެ ރަނގަޅު ގޮތަކަށް ވާނީ އިސްތިއުނާފު މަރުހަލާ ނިމެންދެން ހުކުމް ތަންފީޒު ކުރުން ފަސް ކޮށްދިނުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"އިސްތިއުނާފު މަރުހަލާ ހިނގާތީ، އަޅުގަނޑު ޖަލުގައި ހުންނަން ޖެހޭ ޖެހުމަކީ އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑު ވަރަށް ތަކުލީފު އުފުލާ ކަމެކޭ،" ޔާމީން ވިދާޅުވިއެވެ.
އެ މަނިކުފާނުގެ އިސްތިއުނާފު ނުނިމޭތީ، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް އެ މަނިކުފާނަށް ވާދައެއް ނުކުރެއްވުނެވެ. އެހެންވެ، ބޮއިކޮޓު ކުރަން ޔާމީން އެދުނު ނަމަވެސް ޕީޕީއެމް/ޕީއެންސީގެ ސެނެޓުން ވަނީ ޕީއެންސީގެ ރިޔާސީ ކެންޑިޑެސީ ލިބިވަޑައިގެން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާ އެކު އިންތިޚާބައިގެން ކުރިއަށް ދާށެވެ. ފަހުން، ޔާމީން ވެސް ވަނީ މުއިއްޒަށް ތާއީދު ކުރައްވަން ނިންމަވައިފައެވެ.