އިރުއިރުކޮޅާ ސިޔާސަތު ބަދަލުވެގެން ގައުމު ތަރައްގީއެއް ނުވާނެ: ރައީސް

ރައީސް ގއ. ނިލަންދޫއަށް ވަޑައިގަތުން -- ފޮޓޯ/ އެމްޑީޕީ

ޑިމަކްރަސީއެއްގައި އިރުއިރުކޮޅުން ނުވަތަ ފަސް އަހަރަކުން ސިޔާސަތު ބަދަލުވާނަމަ ގައުމުގެ ތަރައްގީއަށް ހުރަސް އެޅިގެން އަންނާނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ގއ. އަތޮޅުގައި ރައީސް ކުރައްވަމުން އަންނަ ކެމްޕޭން ދަތުރުފުޅުގައި ނިލަންދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ރާއްޖެ ފައްކާވަމުން އަންނަނީ ޒަމާނީ ޑިމޮކްރަސީއަަކަށް ކަމަށެވެ.

މިއަދު ރާއްޖޭގައި ސިޔާސީ މިނިވަންކަމާއި، ނޫސްވެރިންނަށް މިނިވަންކަން ކަށަވަރުކުރެވިފައިވާއިރު އެއީ ޑިމޮކްރަސީއެއްގެ މުހިންމު ސިފަތައް ކަމަށް ރައީސް ވިދާޅުވިއެވެ.

"ޑިމޮކްރެސީއެއްގައި އިރުއިރުކޮޅާ ސިޔާސަތުތައް ބަދަލުވުމަށް ފުރުސަތު ދޭކަމަށް ވަންޏާ ރައްޔިތުން އެ ބޭނުންވާ ތަރައްގީއެއް ނުލިބޭނެ. މިއަދު އަޅުގަނޑުމެން މި ވަނީ ގިނަ މަސައްކަތްތަކެއް ކުރަން ފަށައިފައި. އޭގެ ގިނަ މަސައްކަތް ނިމިއްޖެ،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ސިޔާސީ ވާދަވެރިކަމާއި ހަލަބޮލިކަމުގައި ކޮންމެ ފަސް އަހަރުގެ ދައުރަކުން ސަރުކާރު ބަދަލުވާނަމަ މަޝްރޫތައް ހުއްޓޭނެ ކަމަށެވެ.

އެއީ، މާޒީގެ ތަޖުރިބާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ 2008ވަނަ އަހަރު އޮތް އެމްޑީޕީ ސަރުކާރުން ފެށި ރަނގަޅު މަސައްކަތްތައް ވެސް 2013ގައި ސަރުކާރު ބަދަލުވުމާ އެކު ހުއްޓުނީ ކަމަށެވެ.

"ރަށްރަށާ ދޭތެރޭގައި އަޅައިލަންވާ ވަރަށް ނެތް އެ ފަސް އަހަރު ދުވަހުގައި މަސައްކަތް ކުރެވިފައެއް،" ރައީސް ވިދާޅުވިއެވެ.

މިއީ ދެވަނަ ދައުރެއް އެ މަނިކުފާނަށް ދޭންވީ ސަބަބު ކަމަށް އެ މަނިކުފާނު ވިދަޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށްޓަަކައި އަދިވެސް ކުރަންހުރި ބައިވަރު މަސައްކަތް ހުރިއިރު އެ ކަންކަން ކުރުމަށް ހަމަޖެހުން ގާއިމުވެފައި އޮތުން މުހިންމު ކަމަށެވެ.

އެއާ އެކު އެ މަނިކުފާނު ވިދާޅުވީ ނިލަންދޫ ރައްޔިތުންގެ ކިބައިން އެދެނީ ވޯޓަށް ބާކީ އޮތް ދުވަސްކޮޅުގެ ތެރޭ ކާމިޔާބީ ހޯދުމަށް ބުރަކޮށް މަސައްކަތް ކޮށްދިނުން ކަމަށެވެ.

ރައީސް ވިދާޅުވީ ދެވަނަ ދައުރެއްގައި މި ރަށުގައި:

  • މަގުތަކުގައި ތާރުއަޅާނެ ކަމަށް
  • ވަސީލަތްތަކާ އެކު ޒުވާނުންގެ މަރުކަޒެއް
  • ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުން
  • ބަނދަރު ބޮޑުކޮށް ޒަމާނީކުރުން
  • ފުޓްބޯޅަ ސްޓޭޑިއަމެއް އަޅައިދިނުން
comment ކޮމެންޓް