ކުރިއަށް އޮތް ރިޔާސީ ދައުރަށް ހޮވިވަޑައިގެންފިނަމަ ގއ. ގެމަނަފުއްޓަށް ކޮށްދެއްވާނެ ކަންކަމުގެ ތެރޭގައި ރަށުގެ ބިން ހިއްކައި، އެ ރަށާ ކައިރި އޮތް އަރޭގައްތާގައި ރިސޯޓެއް ތަރައްގީކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވައުދުވެވަޑައިގެންފިއެވެ.
ގއ. އަތޮޅަށް ކުރައްވަމުން އަންނަ ކެމްޕޭން ދަތުރުފުޅުގައި ރައީސް މިއަދު ފަހު ރަށަކަށް ވަޑައިގަތީ ގެމަނަފުއްޓަށެވެ.
އެ ރަށުގައި މިރޭ އޮތް ރައްޔިތުންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަށުގެ ތަރައްގީއަށް ޓަކައި ދެވަނަ ދައުރެއްގައި ވެސް ކަންތައްތަކެއް ކުރުމަށް ރާވާފައިވާކަން އިއުލާންކުރައްވާފައެވެ. އެގޮތުން ކޮށްދެއްވާނެ ކަންކަމުގެ ލިސްޓު ވެސް ރައީސް އިއުލާންކުރެއްވިއެވެ.
އެ ކަންކަމުގެ ތެރޭގައި ހިމެނެނީ:
- މަލްޓި ޕާޕަސް ހޯލެއްް ސްކޫލުގައި އަޅައިދިނުން
- ކައުންސިލްގެ އިދާރާގެ އައު އިމާރާތެއް އަޅައިދިނުން
- ހައުސިން ޔުނިޓު އަޅައިދިނުން
- އަރައިގަތާގައި ރިސޯޓެއް އަޅަން ބިޑުކުރުން
- 30 އެނދުގެ ހޮސްޕިޓަލެއް އަޅައިދިނުން
- މަސް ކިރައި ރައްކާކުރެވޭނެ ވަސީލަތްތައް ގާއިމްކޮށްދިނުން
ރައީސް އެ ވައުދުތައް އިއުލާން ކުރެއްވުމާއެކު އެ ރަށުގެ ރައްޔިތަކުވަނީ ދެވަނަ ދައުރެއްގައި ރަށުގެ ބިން ހިއްކައިދިނުމަށް އެދިފައެވެ.
އެއާއެކު ރައީސްވަނީ އެ ކަން ވެސް ކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.
"އާދެ މި ރަށުގެ ކުރިއަށް މި އޮތް ދައުރުގައިި ކޮށްދޭން އޮތް ކަންތައްތަކުގެ ތެރޭގައި ބިން ހިއްކުން އެބައޮތް. އަޅުގަނޑަށް އެ ލިސްޓުން މިސްވެގެން ދިޔައީ. އަދި ބިން ހިއްކާއިރުގައި ރައްޔިތުން މޫދަށް އެރޭނެ ސަރަހައްދެއް ވެސް އެއާއެކީގައި ހެދިގެންދާނެ،" ރައީީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރަށުގައި ހަދަން ޕްލޭންކޮށްފައިހުރި މަގުތަކުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.