ކޮވިޑުގެ ބަލިމަޑުކަމާ ކުރިމަތި ނުވިނަމަ، ރާއްޖޭގެ ޖީޑީޕީ މިއަހަރު ނިމޭ އިރު ހުންނާނީ 140 ބިލިއަން ރުފިޔާގައި ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކެމްޕޭނުގެ ތެރެއިން، ރޭ އަމީރުގެ އުފަން ރަށް، ގދ. ގައްދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަމީރު ވަނީ ކޮވިޑު އައުމުގެ ކުރިން، ރާއްޖޭގެ އިގްތިސާދު ކުރިއަރަމުން ދިޔައީ ބާރު ދުވެއްޔެއްގައި ކަމަށް ވިދާޅުވެފައެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ސަރުކާރު ވެރިކަމަށް އައި އިރު، ޔޫޒެބަލް ރިޒާވްގައި ހުރީ 162 މިލިއަން ޑޮލަރު ކަމަށެވެ. ނަމަވެސް، އެންމެ އަހަރެއްގެ ތެރޭ އެ އަދަދު 316 މިލިއަން ޑޮލަރަށް ބޮޑު ކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ ކޮވިޑު އައުމާއެކު ޖީޑީޕީ 33 ޕަސެންޓަށް ދަށްވި ކަމަށެވެ. އެ ދަތިކަން ކުރިމަތި ނުވިނަމަ މި އަހަރު ނިމޭ އިރު ރާއްޖޭގެ އިގްތިސާދު އޮންނާނީ މިހާރަށް ވުރެ އެތައް ގުނައެއް މަތީގައި ކަމަށް އޭނާ ވިދާޅުވިއެވެ.
އަމީރު ވިދާޅުވި ގޮތުގައި ކޮވިޑު ނައިނަމަ، މި ދައުރު ނިމޭއިރު؛
- ޖީޑީޕީ ހުންނާނީ 140 ބިލިއަން ރުފިޔާގައި
- ޔޫޒެބަލް ރިޒާވް 500 މިލިއަން ޑޮލަރަށް އަރާނެ
- އަހަރަކު ތިން މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން އަންނާނެ
ނަމަވެސް، ކޮވިޑުގެ ދަތިތަކާ އެކުގައި ވެސް ރާއްޖޭގެ އިގްތިސާދު މިހާރު އޮތީ، ކުރިއަށް ވުރެ ރަނގަޅު ހާލަތެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.
"އެއާ އެއްކޮށް ވެސް، 2018ވަނަ އަހަރު ނިމުނު އިރު ރާއްޖޭގެ ރިޒާވްގައި ހުރީ 162 މިލިއަން ޑޮލަރު، އަޅުގަނޑުމެން، 2020ވަނަ އަހަރު ކޮވިޑާ އެއްކޮށް ނިމުނު އިރުވެސް، ރާއްޖޭގެ ޔޫޒެބަލް ރިޒާވްގެ ގޮތުގައި ހުންނާނެ ގާތްގަނޑަކަށް 177 މިލިއަން ޑޮލަރު،" އަމީރު ވިދާޅުވިއެވެ.
ކޮވިޑުގެ ތެރޭގައި ވަޒީފާ ގެއްލުނު މީހުންނަށް އިންކަމް ސަޕޯޓު ދިނުމާއި، ފްރޮންޓްލައިން އެލަވަންސް އަދި ކުދި ވިޔަފާރިތަކަށާއި، ބޮޑެތި ވިޔަފާރިތަކަށް އެހީވުމަށް ސަރުކާރުން ގިނަ އަދަދެއްގެ ފައިސާ ޚަރަދުކުރި ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"މި ކަންތައްތައް އަޅުގަނޑުމެން ކުރީ ރާއްޖޭގެ އިގްތިސާދަށް، ދުނިޔޭގެ އިގްތިސާދަށް، ދުނިޔޭގެ ތާރީހުގައި ވެސް ނާންނަ ވަރުގެ ބޮޑު އަޑިގުޑަނެއްގައި އަޅުގަނޑުމެން ދަތުރުކުރަމުން ދިޔަ ދަނޑިވަޅެއްގައި،" އޭނާ ވިދާޅުވިއެވެ.
އޭނާ ވަނީ ދަތިތަކާއެކު ވެސް، މި ސަރުކާރުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގާފައިވާކަމަށް ވިދާޅުވެފައެވެ. އަދި އެ މަޝްރޫއު ތަކާއެކު، އަންނަ ދައުރެއްގައި އިގްތިސާދު ދެގުނަ ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އަމީރު މިހެން ވިދާޅުވި އިރު، މިދިޔަ މަހާ ހަމައަށް ރާއްޖޭގެ ޖުމްލަ ރިޒާވްގައި ހުރީ 594 މިލިއަން ޑޮލަރެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން، މިދިޔަ މަހާ ހަމައަށް ރިޒާވުން 238 މިލިއަން ޑޮލަރު މަދުވެފައިވެއެވެ.
މިދިޔަ އަހަރު ރާއްޖޭގެ ރިއަލް ޖީޑީޕީ 13 ޕަސެންޓަށް ކުރިއެރިއެވެ. މިއަހަރުގެ މިހާތަނަށް ޖީޑީޕީ ކުރިއަރަމުން އަންނަނީ ނުވަ ޕަސެންޓުގައެވެ.