އިޓަލީގެ އައްސޭރިފަށަށް ދެބޯޓު ފެތި، 31 މީހުން ގެއްލިއްޖެ

ހިޖުރަވެރިންގެ ބޯޓެއް ކަނޑަށް ބަންޑުން ޖަހާލާފައި (ފައިލް ފޮޓޯ)

ލަންޕެޑޫސާ (09 އޮގަސްޓް 2023): އިޓަލީގެ ޖަޒީރާއެއް ކަމަށްވާ ލަންޕެޑޫސާގެ އައްސޭރިފަށަށް ދެ ބޯޓު ފެތުމުގެ ސަބަބުން 31 މީހުން ގެއްލިއްޖެއެވެ.

ހިޖުރަވެރިންނާބެހޭ އދ. ގެ އިދާރާ އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) ބުނިގޮތުގައި އެ ދެބޯޓުގައި ތިބީ އެފްރިކާއާއި އޭޝިއާގެ ގައުމުތަކުން ގަވައިދާ ޚިލާފަށް ޔޫރަޕަށް ހިޖުރަކުރަން މަސައްކަތްކުރާ މީހުންނެވެ.

ހިޖުރަވެރިން ގޮވައިގެން ދަތުރުކުރާ ބޯޓެއް

ރިޕޯޓްތައް ބުނާގޮތުން އެދެބޯޓުވެސް ފެތުނީ އޭގައި އާދަޔާ ޚިލާފަށް މީހުން ގިނަވުމުގެ ސަބަބުންނާއި ދަތުރު ނުކުރެވޭވަރަށް އެދެބޯޓު ހަލާކުވެ ބައުވެފައިވާތީ ކަމަށް ބެލެވެއެވެ. މީގެއިތުރުން މޫސުން ގޯސްވުމާއެކު ކަނޑު ގަދަވުމަކީވެސް މިދެބޯޓު ފެތުމުގެ ސަބަބެއްކަމަށްވަނީ ބެލެވިފައެވެ.

އިޓަލީގެ މަސްއޫލުވެރިން ވިދާޅިވާގޮތުގައި މިދެބޯޓުގެ ތެރެއިން އެއްބޯޓުން ގެއްލުނީ 28 މީހުންނެވެ. ދެވަނަ ބޯޓުން ގެއްލުނީ ތިން މީހުންނެވެ. ގެއްލުނު 31 މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނެއެވެ. މި ބޯޓުވެސް އިޓަލީއަށް ދިޔުމަށް ފުރާފައިވަނީ ތޫނިސްގެ އައްސޭރިފަށުގެ ސިޓީއެއްކަމަށްވާ ސަފާގިސުންކަމަށް ރިޕޯޓްތައް ބުނެއެވެ.

ހިޖުރަވެރިން ދަތުރުކުރާ ބޯޓެއް

ޔޫރަޕަށް ގަވައިދާ ޚިލާފަށް ހިޖުރަކުރާ މީހުން ކުދި ބޯޓުތަކުގައި އެންމެ ގިނައިން ފުރަނީ ލީބިޔާ، ތޫނިސް އަދި އަލްޖަޒާއިރުގެ އައްސޭރިފަށުންނެވެ. ހިޖުރަވެރިން ގޮވައިގެން ގަވައިދާ ޚިލާފަށް ޔޫރަޕަށް ކުރާ މިބާވަތުގެ ދަތުރުތަކަކީ ނުރައްކަލުން ފުރިގެންވާ ދަތުރުތަކެކެވެ.

ސަލާމަތީ އެއްވެސް ކަމަކަށް ބެލުމެއްނެތި ނުތަކާވަރަށް މީހުން އަރުވައިގެން ކުރާ ދަތުރުތަކެކެވެ. މިފަދަ ދަތުރުތައް ކުރަނީވެސް ބައުވެ ހަލާކުވެފައިވާ އުޅަނދުތަކުގައެވެ. އަދި ދަތުރުތައް ފަށާއިރު މޫސުމަށް ބެލުމެއްވެސް ނޯވެއެވެ.

މި ފަދަ ދަތުރުތަކުގައި މިއަހަރުގެ މިހާތަނަށް ކަނޑަށް ޣަރަގުވެގެން 1800 ގިނަ މީހުން މަރުވެފައިވާކަމަށް ހިޖުރަވެރިންނާބެހޭ އދ. ގެ އިދާރާ އިންޓަރނޭޝަނަލް އޮގަނައިޒޭޝަން ފޯ މައިގްރޭޝަންއިން ބުނެފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް