ބޮލޯނިއާ ބަލިކޮށް، އިންޓާއިން އެއްވަނައިގައި 18 ޕޮއިންޓުގެ ލީޑެއް

އިންޓާއިން މިހާރުވަނީ ޕޮއިންޓް ތާވަލްގައި 18 ޕޮއިންޓްގެ ލީޑެއް ނަގާފައި -- ފޮޓޯ/ ނިއު ސްޓްރެއިޓްސް ޓައިމް

އިޓާލިއަން ސެރީއާގައި ތާވަލުގެ އެއްވަނައިގައި އުޅޭ އިންޓާ މިލާނުން ބޮލޯނިއާ ބަލިކޮށް، ތާވަލުގެ އެއްވަނައިގައި އިންޓާއިން 18 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ބޮލޯނިއާގެ ދަނޑުގައި ކުޅުނު މި މެޗު އިންޓާއިން ކާމިޔާބުކޮށްފައިވަނީ 1-0 އިންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ރަނގަލު ފުރުސަތު ލިބިގެން ގޮސްފައިވަނީ އިންޓާއަށެވެ. މިގޮތުން އެ ޓީމުން އުފެއްދި ހަމަލާއެއްގައި މެޗުގެ 37 ވަނަ މިނެޓުގައިވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަލެސާންޑުރޯ ބަސްޓޯނީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޔާން ބިސެކްއެވެ.

މެޗުގެ ދެވަނަ ހާފުގައި ބޮލޯނިއާއިން ރަނގަޅު ކުޅުމެއް ދައްކައި ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް އެއިން އެއްވެސް ފުރުސަތެއް ލަނޑަކަށް ބަދަލު ކުރެވޭގޮތެއް ނުވިއެވެ. ނަތީޖާއަކަށް ވެގެންދިޔައީ ޖެހިޖެހިގެން 10 ވަނަ މެޗުން އިންޓާއިން މި ސީޒަންގައި ލީގުގައި މޮޅުވުމެވެ.

މި ކާމިޔާބީއާ އެކު އިންޓާ މިހާރު އުޅެނީ ކުޅުނު 28 މެޗުން ލިބިފައިވާ 75 ޕޮއިންޓާ އެކު ތާވަލުގެ އެއްވަނައިގައި 18 ޕޮއިންޓްގެ ލީޑެއްގައެވެ. ދެވަނައިގައި އުޅޭ ޔުވެންޓަސްއާއި އެޓަލާންޓާ މި ހަފުތާގައި ކުޅޭ މެޗު ޔޫވޭއިން ކާމިޔާބުކޮށްފި ނަމަ މި ފަރަގު 15 ޕޮއިންޓަށް ކުޑަކުރުމުގެ ފުރުސަތު ލިބިގެން ދާނެއެެވެ. އިންޓާއިން މި ސީޒަން ކާމިޔާބުކޮށްފިނަމަ މިވެގެންދާނީ އިޓާލިއަން ސެރީއާގެ ތަށި އެ ޓީމުން ކާމިޔާބުކުރާ 20 ވަނަ ފަހަރަށެވެ.

މެޗުން ބަލިވުމާއެކު ބޮލޯނިއާ އުޅެނީ 51 ޕޮއިންޓާ އެކު ތާވަލުގެ ހަތަރު ވަނައިގައެވެ. އަދި، މިއީ އަމިއްލަ ދަނޑުގައި މިސީޒަންގައި ޓީމު ބަލިވި ދެވަނަ މެޗެވެ. ފަސްވަނައިގައި އުޅޭ އޭއެސް ރޯމާއާއި ފިއޮރެންޓީނާ ބައްދަލުކުރާ މެޗު ރޯމާއަށް ކާމިޔާބު ކުރެވިއްޖެ ނަމަ ބޮލޯނިއާއާއި ދެމެދުގައިވާ ފަރަގު އެއް ޕޮއިންޓަށް ކުޑަކުރުމުގެ ފުރުސަތު ރޯމާއަށް އެބައޮތެވެ.

comment ކޮމެންޓް