ސައުދީ އަރަބިއާގެ އަލް ނަސްރާ ގުޅިފައިވާ ސެނެގާލް ފޯވަޑް ސާޑިއޯ މާނޭއާ މެދު ބަޔާން މިއުނިކުން ނަސްލީ ތަފާތުކުރުންތައް ގެންގުޅެފައިވާ ކަމަށް އޭނާގެ އެޑްވައިޒަރު ބަކާރީ ސީސޭ ބުނުމުން، އެ ކްލަބުން އެ ވާހަކަތަކަށް ރައްދުދީފިއެވެ.
މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި މެންޗެސްޓާ ސިޓީ އަތުން ބަޔާން ބަލިވި މެޗަށްފަހު، މާނޭ އާއި ޖަރުމަން ފޯވަޑް ލެރޯއީ ސާނޭއާ ދެމެދު ވަނީ ހަމަނުޖެހުމެއް ހިނގައިފައެވެ. އެ މައްސަލައާ ގުޅިގެން މާނޭއަށް ސަސްޕެންޝަނަކާ ކުރިމަތިލާން ޖެހުނު އިރު، ދާދި ފަހުން އޭނާގެ އެޑްވައިޒަރު ސީސޭ ބުނެފައިވާ ގޮތުގައި ބަޔާންގެ އޮފިޝަލުންނަށް މައްސަލައަކަށްވީ މާނޭގެ ހަމުގެ ކުލައެވެ.
މީގެ ކުރިން 'އާފްޓާ ފުޓް އާރްއެމްސީ'އަށް ދިން އިންޓަވިއުއެއްގައި ސީސޭ ބުނީ ބަޔާނުން އަލް ނަސްރަށް މާނޭ ވިއްކާލާފައިވަނީ ވެސް ފުޓުބޯޅައިގެ ސަބަބުތަކަށް ބަލައިގެން ނޫން ކަމަށާއި ކްލަބުގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔަކަށް އެފްރިކާ ކުޅުންތެރިޔަކަށް ވުމުން އެކަމުގެ ހިތްހަމަނުޖެހުމުގެ ތެރެއިން ދޫކޮށްލަން ބޭނުންވީ ކަމަށެވެ.
ސީސޭގެ އެ ވާހަކަތަކަށް ރައްދުދިނުމުގެ ގޮތުން ބަޔާނުން ނެރުނު ބަޔާނެއްގައި ބުނީ މާނޭގެ ކޮންޓްރެކްޓް ނިމުމަކަށް ގެނައީ ދެ ފަރާތުން ވެސް އެއްބަސްވެގެން ކަމަށާއި އެއްވެސް އިރެއްގައި މާނޭއާ މެދު ނަސްލީ ތަފާތުކުރުން ގެންގުޅެފައި ނުވާނެ ކަމަށެވެ.
"މާނޭ ބޭނުންކުރާނެ ކަމަށް ކްލަބުގެ ކޯޗު ތޯމަސް ޓުޝެލް ދުވަހަކުވެސް ބުނެފައެއް ނުވޭ. މީހެއް އަދި ކުޅުންތެރިއެއްގެ ގޮތުގައި ބަޔާނަށް މާނޭ ކަމުދޭ. ނަމަވެސް ކޮންޓްރެކްޓް ނިމުމަކަށް ގެންނަން ޖެހުނީ، ހާސިލުކުރަން ބޭނުންވި ކަންކަން ހާސިލު ނުވުމުގެ ސަބަބުން. އެއީ ފުޓުބޯޅައިގައި ވެދާނެ ގޮތެއް. ކްލަބުން އެދެނީ މާނޭގެ އާ ކްލަބާއެކު އޭނާއަށް ކާމިޔާބީ ލިބުމަށް،" ބަޔާނުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ބަޔާން ދޫކޮށްލުމަށްފަހު، ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުންދާ އަލް ނަސްރާ މާނޭ ގުޅިފައިވަނީ 35 މިލިއަން ޕައުންޑް (45 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީއެއްގެ ދަށުންނެވެ. އޭނާއަށް މުސާރައިގެ ގޮތުގައި އަލް ނަސްރުން އަހަރެއްގެ މައްޗަށް 34 މިލިއަން ޕައުންޑް (43 މިލިއަން ޑޮލަރު) ލިބޭނެއެވެ.
މާނޭ އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ އޭނާ ލިވަޕޫލުގައި ހޭދަކުރި ދުވަސްތަކުގައެވެ. ލިވަޕޫލުގައި މިސްރު ފޯވަޑް މުހައްމަދު ސަލާހާއި ބްރެޒިލް ފޯވަޑް ރޮބާޓޯ ފިރްމީނޯއާއެކު އެ ކްލަބުގެ ފޯވަޑް ލައިން އޭރު ފާހަގަކޮށްލެވުނީ ވަރަށް ނުރައްކާކޮށެވެ. ލިވަޕޫލުގައި ހަ އަހަރު ހޭދަކުރުމަށްފަހު، ބަޔާނާ މާނޭ ގުޅުނީ މިދިޔަ ސީޒަނުގައެވެ.
ބަޔާންގައި މާނޭ ހޭދަކޮށްފައިވަނީ ވެސް މިދިޔަ ސީޒަން އެކަންޏެވެ. ބަޔާންގައި މާނޭއަށް ރަނގަޅު ކުޅުމެއް ދެއްކިފައި ނުވާ އިރު، އޭނާއަށް މިދިޔަ ސީޒަނުގައި 38 މެޗުން ކާމިޔާބުކުރެވިފައިވަނީ 12 ގޯލެވެ.