ޖަލު ހުކުމާއެކު އިމްރާންޚާނަށް ޕާކިސްތާނުގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިއްޖެ

އިމްރާން ޚާން

އިސްލާމްއާބާދު (6 މާޗް 2023) : ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ މައްޗަށް އިއްޔެކުރި ޖަލު ހުކުމާ ގުޅިގެން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޕާކިސްތާނުގެ އާންމު އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އޭނާއަށް ގެއްލިއްޖެއެވެ.

ޕާކިސްތާނުގައި އޮންނަ ޑިމޮކްރެޓިކް ނިޒާމުގެ ފަހަތުގައި ތިބެގެން ޕާކިސްތާނުގެ ހަގީގީ ވެރިކަން ކުރާ ފަރާތަކީ އެގައުމުގެ ސިފައިންގެ މުއައްސަސާކަމަށް ބެލެވިފައިވާއިރު ސިފައިންގެ މުއައްސަސާއާއި އިމްރާންޚާން އާ ވަރަށް ބޮޑަށް ޖެހިފައިވާތީ އިންތިޚާބުގެ ކުރިން އިންތިޚާބުގައި ވާދަނުކުރެވޭ ވަރުގެ ހުކުމެއް އިމްރާން ޚާންގެ މައްޗަށް އަންނާނެކަމަށް ކުރިން ވެސް ވަނީ ބެލެވިފައެވެ.

އިމްރާންޚާންގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ޓްރަޔަލް ކޯޓަކުންނެވެ. ހުކުމް އިއްވާފައި ވަނީ އިމްރާންޚާން ބޮޑުވަޒީރު ކަމުގައި ހުންނެވި ދުވަސްވަރު ބޭރުގައުމުތަކުން ހަދިޔާގެ ގޮތުގައި ލިބިވަޑައިގެންނެވި ބައެއް ތަކެތި ވިއްކައިގެން މާލީ މަންފާ ހޯއްދަވައި އަދި އެކަން ދައުލަތުގެ ކަމާބެހޭ އިދާރާއަށް ނޭންގެވި ކަމުގެ ކުށް ސާބިތުވެގެންނެވެ. ނަމަވެސް ހަދިޔާގެ ގޮތުގައި ލިބިވަޑައިގެންނެވި ތަކެތި ވިއްކެވީ އެކަމާބެހޭ އިދާރާއިން އެތަކެތި އަގު ދީފައި ބައްލަވައި ގަތުމަށްފަހުގައިކަމަށް އިމްރާންޚާން ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ.

މި މައްސަލައިގެ އިތުރުން ވެސް އިމްރާންޚާންގެ މައްޗަށް އެތައް މައްސަލައެއް ވަނީ ހުށަހެޅިފައެވެ. ނަމަވެސް ހެކިނެތިގެން މި މައްސަލަތައް ވަނީ ކުރިޔަށްގެންދެވޭ ގޮތް ނުވެފައެވެ. އިމްޜާންޚާން ކުރިން ވިދާޅުވެފައިވާގޮތުން މިއީ ޕާކިސްތާނުގެ ސިފައިން އަޑީގައި ތިބެގެން އޭނާ އަލުން ވެރިކަމަށް އައުމުގެ ފުރުސަތު ނުދިނުމަށްޓަކައި ޕާކިސްތާނުގެ މިހާރުގެ ސަރުކާރާ ގުޅިގެން ހިންގާ ރޭވުންތަކެކެވެ.

މިދިޔަ އަހަރު އިމްރާންޚާން މަގާމުން ދުރުކުރުމުގެ ފަހަތުގައި ތިބީވެސް ސިފައިން ކަމަށް އޭނާ ތުހުމަތު ކުރައްވައެވެ. ނަމަވެސް ސިފައިން ވަނީ މި ހުރިހާ ތުހުމަތުތަކެއް އިންކާރުކޮށްފައެވެ. ޕާކިސްތާނަކީ ސިފައިން ގެންނަ އަސްކަރީ އިންގިލާބުތައް ނުވަތަ އަސްކަރީ ބަޣާވަތްތަކުގެ ސަބަބުން އެ ގައުމުގެ ޑިމޮކްރެޓިކް ސަރުކާރުތަކަށް ވެރިކަން ކުރަން ދަތިވެފައިވާ ގައުމެކެވެ. ޕާކިސްތާނުގެ ތާރީޚުން މިކަން ހާމަވެއެވެ.

ޕާކިސްތާނުގައި ވެރިކަން ކުރައްވާ ބޮޑުވަޒީރުންނާ ސިފައިންގެ މުއައްސަސާއާ މައްސަލަތައް ޖެހުމަކީ ވަރަށް އާންމު ކަމެކެވެ. މިކަމުގެ ސަބަބަކީ ޕާކިސްތާނުގައި އޮންނަ ގާނޫނުތަކުގައިވާގޮތުން ވެރިކަމުގެ އެންމެ ބާރުގަދަ ފަރާތަކީ ބޮޑުވަޒީރު ކަމަށްވިޔަސް ހަގީގަތަށް ބަލާއިރު ބޮޑުވަޒީރުގެ މައްޗަށް ފަރުދާގެ އަނެއް ފަރާތުން ބާރާއި ނުފޫޒު ހިންގާ ދެފަރާތަކީ ޕާކިސްތާނުގެ ސިފައިންގެ މުއައްސަސާއާއި ޕާކިސްތާނުގެ ޖާސޫސީ އިދާރާ ކަމަށްވުމެވެ. މި ދެފަރާތަކީ ޕާކިސްތާނުގެ ޑީޕް ސްޓޭޓް އެވެ.

މިފަރާތްތަކުގެ އެދުންތަކަށް ބޮޑުވަޒީރު ދީލައި ނުލައްވާނަމަ ދެން ފެންނާނީ އަސްކަރީ ބަޣާވާތަކުން ބޮޑުވަޒީރު މަގާމުން ދުރުކުރާތަނެވެ. ނޫނީ ސިފައިން އަޑީގައި ތިބެ އިދިކޮޅު ފަރާތްތައް އެއްގަލަކަށް އަރުވައިގެން ޕާލަމެންޓް ތެރެއިން ސަރުކާރުގެ އިތުބާރުނެތްކަމުގެ ވޯޓު ނަގާތަނެވެ.

މީގެއިތުރުން ބައެއްފަހަރު ކޯޓުތައް މެދުވެރިކޮށްވެސް ބޮޑުވަޒީރު ގެ މައްޗަށް ކޮންމެވެސް ހުކުމެއް ކޮށްގެން އޭނާ މަގާމުން ދުރުކުރާތަންވެސް ފެނެއެވެ. އެހެންކަމުން ފާއިތުވި ސާޅީހަކަށް އަހަރު ތެރޭގައި ޕާކިސްތާނުގެ އެއްވެސް ބޮޑުވަޒީރަކަށް އޭނާގެ ވެރިކަމުގެ ދައުރު ފުރިހަމަ ކުރެވިފައެއް ނުވެއެވެ.

އިމްރާން ޚާންގެ މައްޗަށް އިއްވި ޖަލު ހުކުމާ ގުޅިގެން އޭނާ ހައްޔަރުކުރުމަށްފަހު މިހާރުވަނީ ޖަލަށް ގެންގޮސްފައެވެ. ޖަލަށް ގެންދިޔުމުގެ ކުރިން އިމްޜާންޚާން ވަނީ އޭނާއާ ދެކޮޅަށް ކުރި ހުކުމާ ދެކޮޅު ހެދުމުގެ ގޮތުންނާއި ޕާކިސްތާނުގައި ޑިމޮކްރަސީ ދެމެހެއްޓުމަށް ޓަކައި ސުލަހަވެރި އިހުތިޖާޖްތަކެއް ކުރުމަށް އޭނާގެ ސަޕޯޓަރުންނަށް ގޮވާލައްވާފައެވެ. އިމްރާންޚާން އަކީ ޕާކިސްތާނުގެ ރައްޔިތުންގެ މެދުގައި އާދަޔާ ޚިލާފަށް ތާއީދު ބޮޑު ބޭފުޅެކެވެ.

ޕާކިސްތާނު ލޭބަލް ކުރެވިފައިވަނީ އެއީ އެގައުމުގެ ސިފައިން ބޭރުފުށުން ޑިމޮކްރެޓިކް ބޮޑުވަޒީރަކު ދައްކައިގެން ސިފައިން ވަރަށް ހީލަތްތެރި ގޮތަަކަށް ފަރުދާގެ އަނެއް ފަރާތުގައި ތިބެގެން ވެރިކަން ކުރާ ގައުމެއްގެ ގޮތުގައެވެ.

comment ކޮމެންޓް