ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ރަނިންމޭޓާމެދު ޕާޓީތެރޭގައި ހިޔާލުތަފާތުވުމެއް ނެތް ކަމަށާއި އެ ނިންމުން ނިންމީ ސިޔާސީ މަސްރަހަށް ބަލައިފައި ކަމަށް ރައީސްގެ ރަސްމީ އިންތިހާބީ އެޖެންޓް އަދި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް ވިދާޅުވެއްޖެއެވެ.
ރައީސްގެ ރަނިންމޭޓެއްގެ ގޮތުގައި އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ ހަމަޖައްސަަވައިފައެވެ. އަދި ރައީސްގެ ކެންޑިޑެންސީ ފޯމު މިއަދު ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފައެވެ.
ނާޝިޒް ވިދާޅުވީ މި ކަމާ ގުޅިގެން ޕާޓީ ތެރޭގައި ހިޔާލު ތަފާތުވުމެއް އޮތް ކަމެއް ފާހަގައެއް ނުކުރެވޭ ކަމަށާއި ކޯލިޝަން ޕާޓްނަރުންނާއި ރައީސް މި ނިންމުން ނިންމެވީ މިހާރު ސިޔާސީ މަޝްރަހް އޮތް ގޮތަށް ބެލުމަށްފަހު ނިންމަން ޖެހޭ ނިންމުމަކަށް ވާތީ ކަމަށެވެ.
"އަސްލަމަކީ ސިޔާސީ ދާއިރާގައި ތަޖުރިބާ ހުރި ގާބިލް، އަޅުގަނޑުމެން ފުރަތަމަ މި ދާއިރާއަށް ވަންއިރު ވެސް އައްޑޫ ތަމްސީލު ކުރައްވާ މެންބަރު. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަސްލަމްގެ ތަޖުރިބާ ވެސް ހުންނާނެ،" ނާޝިޒް ވިދާޅުވިއެވެ.
ރަނިންމޭޓަކަށް އަސްލަމްވުމަކީ މަސައްކަތުގައި ލިބޭނެ ކުރިއެރުމެއްކަމަށް ވެސް ނާޝިޒް ވިދާޅުވިއެވެ.
ނާޝިޒް އިތުރަށް ވިދާޅުވީ ފެންނަ މަންޒަރަކީ ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ވެސް ރައީސުލްޖުމްހޫރިއްޔާއަށް ބޮޑު ތާއީދެއް އޮތް މަންޒަރު ކަމަށެވެ.
ރައީސް ހަތަރު އަހަރާ ދުވަސްކޮޅަކު ކުރައްވައިފައިވާ ތަރައްގީ ރައްޔިތުން ގަބޫލުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިހާތަނަށް ކެމްޕޭނަށް ދެވުނު 90 އިންސައްތަ ރަށުން ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބު ކުރައްވާނެކަމާމެދު ޝައްކެތް ނެތް،" ނާޝިޒް ވިދާޅުވިއެވެ.
ދައުލަތުގެ ވަސީލަތްތައް ކެމްޕޭނުގައި ބޭނުންކުރާ ކަމަށް އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތުތައް ވެސް ނާޝިޒް ދޮގުކުރެއްވިއެވެ. އޭނާ ވިދާޅުވީ ކެމްޕޭންގައި ދައުލަތުގެ އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން ނުވާނެ ކަމަށެވެ.
"ކެމްޕޭން ހަރަކާތްތަކުގައި ވެސް ބޭނުންކުރަނީ ބޭނުންވާ ކަންކަމަށް ޚަރަދުކޮށްގެން. އަޅުގަނޑުމެން ދައުލަތުގެ ވަސީލަތެއް ކެމްޕޭން ހަރަކާތެއްގައި ބޭނުންކޮށްފައެއް ނުވާނެ،" ނާޝިޒް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކެމްޕޭން ކުރުމުގެ ފުރުސަތު ވެސް ހުރިހާ ފަރާތްތަކަކަށް އޮތްކަމަށް ގަބޫލުކުރައްވާ ކަމަށާއި އެއްވެސް ފަރާތަކުން ކެމްޕޭންކުރުމަށް އެއްވެސް ކެންޑިޑޭޓަކަށް ހުރަސް އަޅައިފައި ނުވާ ކަމަށެވެ.