ހުޅުމާލެ ޕްރިމިއަމް ފެރީގެ ޚިދުމަތަށް ބަދަލެއް

ހުޅުމާލެ ފެރީ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މާލެ އާއި ހުޅުމާލެއާ ދޭތެރޭ ދަތުރުކުރާ ޕްރިމިއަމް ފެރީގެ ޙިދުމަތަށް މިއަދުން ފެށިގެން ބަދަލު ގެނެސްފިއެވެ.

މީގެ ކުރިން ޕްރިމިއަމް ފެރީގެ ދަތުރުތައް އޮންނަނީ ހެނދުނު 7:00 އިން ފެށިގެން ރޭގަނޑު 23:00 އާ ހަމައަށެވެ.

އެމްޓީސީސީއިން މިއަދު ހާމަކުރިގޮތުގައި މީގެ ފަހުން ރަސްމީ ދުވަސްތަކުގެ ހެނދުނު 6:30 އިން ފެށިގެން ރޭގަނޑު 00:00 އާ ހަމައަށް ކޮންމެ ބައިގަޑިއިރަކުން ޕްރިމިއަމް ފެރީ އޮންނާނެއެވެ.

އަދި ހުކުރު ދުވަސް ތަކުގައި 6:30 އިން ފެށިގެން 11:00 އާ ހަމައަށް ފެރީގެ ޚިދުމަތް ދިނުމަށްފަހު ހުކުރު ނަމާދު ވަގުތައް މެދުކަނޑާލާނެއެވެ. އެއަށް ފަހު މެންދުރު 14:30 އިން ފެށިގެން އަނެއްކާވެސް ރޭގަނޑު 00:00 އާއި ހަމައަށް ފެރީގެ ޚިދުމަތް ދެމުން ދާނެއެވެ.

ފެރީގެ ޝެޑިއުލްއަށް މި ގެނެވުނު ބަދަލާއެކު، މާލެ އާއި ހުޅުމާލެއާ ދެމެދުގައި ދަތުރުކުރުމަށް ފެރީގެ ޚިދުމަތް ބޭނުންކުރަމުންދާ ރައްޔިތުންނަށް އެތައް ގުނައެއް ފަސޭހަ ވެގެން ދާނެ ކަމަށް އެމްޓީސީސީއިން ބުނެއެވެ.

މި ފެރީ އަކީމާލެ އާއި ހުޅުމާލެއާއި ދެމެދުގައި ދަތުރުކުރާ ސްކޫލު ކުދިންނާއި އާންމު ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމައްޓަކައި އެމްޓީސީސީ ގެ ފަރާތުން ފޯރުކޮށްދެމުންދާ ޚިދުމަތެކެވެ.

މީގެ ކުރިން ފެރީގެ ޚިދުމަތަކީ ރައްޔިތުން ވަރަށް ގިނައިން ބޭނުންކުރަމުން ދިޔަ ޙިދުމަތެކެވެ. ސިނަމާލެ ބްރިޖާއެކު ފެރީގެ ޑިމާންޑް ދަށަށް ގޮސްފައިވީ ނަމަވެސް މަދު މަދުންން އަދިވެސް ބައެއް މީހުން ދަނީ އެ ޚިދުމަތް ބޭނުން ކުރަމުންނެވެ.

comment ކޮމެންޓް