ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމާއި ގުޅޭގޮތުން، ހޭލުންތެރިކަން އިތުރުކުރުމަށް، ބްރޭންޑް ކެންޕެއިން "އެސްއެމްއީ 360" އިފްތިތާހްކޮށްފިއެވެ.
މި ކެންޕެއިން އިފްތިތާހްކޮށްފައި ވަނީ މިހާރު އައްޑޫ ސިޓީގައި ކުރިއަށްގެންދާ އައްޑޫ ބިޒްނަސް ޑައިލޮގް ފޯރަމްގެ ތެރެއިންނެވެ. ކެމްޕެއިން އިފްތިތާޙު ކޮށްދެއްވާފައިވަނީ، އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ.
އެސްއެމްއީއިން ބުނިގޮތުގައި 360 ކެމްޕެއިނަކީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވާ، އިތުރު ހަރުފަތަކަށް ގެންދިޔުމުގެ މަގްސަދުގައި އެސްއެމްއީ ޑިޖިޓަލް އިން ފޯރުކޮށްދޭ މާލީ ހައްލުތަކާއި އެސްއެމްއީ ޑިޖިޓަލްގެ އަދާ ކުރާ ދައުރަށް ހޭލުންތެރިކޮށްދިނުމުގެ މަގުސަދުގައި އެކުލަވާލާފައިވާ ކެމްޕެއިނެކެވެ.
މިގޮތުން މި ކެމްޕެއިންގެ ސަބަބުން އެސްއެމްއީ ޑިޖިޓަލްއާއި ކުދި ވިޔަފާރިތަކާއި މުޖުތަމައުއާ އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، އިގްތިސާދުގައި ކުދި ވިޔަފާރިގެ ދައުރު ފުޅާކޮށް ބާރުވެރިކުރަށް އެހީތެރިވެދޭނެއެވެ.
ކެމްޕެއިން ތައާރަފްކުރުމާއި ގުޅިގެން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، "އެސްއެމްއީ 360 އަކީ ދިވެހިރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެއްތާކުން ހުރިހާ ހިދުމަތެއް ދެވޭނެ ބްރޭންޑެއް ބިނާކުރުމަށް އެސްއެމްއީ ޑިޖިޓަލްއިން ގެންގުޅޭ ތަސައްވުރުގެ ރަމްޒެއްކަމަށެވެ.
މި ކެމްޕެއިން ރާއްޖޭގެ ވިޔަފާރީގެ މައި ހަބެއްކަމުގައިވާ އައްޑޫ ސިޓީގައި ތައާރަފް ކުރެވުން މިއީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ފަހުރެއް، މިހާތަނަށް އެސްއެމްއީ ޑިޖިޓަލް އިން އައްޑޫ ސިޓީގެ 134 ކުދި ވިޔަފާރިއަކަށް 144 މިލިއަނަށް ވުރެ ގިނަ އަދަދެއްގެ ފައިނޭންސިންގ ވަނީ ފޯރުކޮށްދީފައި. އަޅުގަނޑުމެންގެ އުއްމީދަކީ ކެމްޕެއިންގެ ޒަރީޔާއިން، ކުދި ވިޔަފާރިތަކާއި އެސްއެމްއީ ޑިޖިޓަލްގެ ގުޅުން ބަދަހިވެ ވިޔަފާރީގެ ހުރިހާ މަރުހަލާއެއްގެ ބައިވެރިއަކަށްވުން
އެ ކުންފުނިން ބުނިގޮތުގައި ކެމްޕެއިންގެ ދަށުން އާއްމުން ޝައުގުވެރިވާ ގޮތަށް ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައިވާއިރު، ރާއްޖޭގެ އެކި އަތޮޅުތަކުގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން، އެ ސަރަހައްދުތަކަށް ދަތުރުކޮށް ހާއްސަ މަސައްކަތު ބައްދަލުވުންތައް ބޭއްވުމަށް ވަނީ ރާވާފައިއެވެ.
މި ވޯކްޝޮޕްތަކުގެ ޒަރީއާއިން ވިޔަފާރިވެރިންނަށް މުހިންމު މައުލޫމާތުތައް ފޯރުކޮށްދީ، ވިޔަފާރީގެ ދާއިރާއަށް އަހުލުވެރިކުރުވުމުގެ ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދާނެއެވެ.
މި ކެމްޕެއިންގެ ތެރޭގައި، ކުދި ވިޔަފާރިތަކުގެ ތަޖުރިބާތައް ހިއްސާކުރުމަށް ހާއްސަ ޕޮޑްކާސްޓް ސިލްސިލާއެއް ކުރިއަށް ގެންދިއުމަށްވެސް ވަނީ ނިންމާފައިއެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަންއިން ގުޅިގެން އައްޑޫ ސިޓީގައި މިހާރު ކުރިއަށް ގެންދާ މި ފޯރަމްގައި އެސްއެމްއީ ޑިޖިޓަލް އިން ވަނީ ބައިވެރިވެ ކުދި ވިޔަފާރިތަކުގެ ކުރިއެރުމާއި ގުޅުންހުރި މުހިންމު މަޝްވަރާތަކުގައި ބައިވެރިވެފައިއެވެ.