އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރަނިން މޭޓަކަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ހަމަޖައްސަައިފިއެވެ.
އެމްޑީޕީގެ ތަރުޖަމާނު، އަނަސް އަބްދުއްސައްތާރު ވަނީ މިއަދު އެކަން އިއުލާނުކުރައްވާފައެވެ.
އަސްލަމަކީ އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ލީޑަރެވެ. އަދި އެ ޕާޓީގެ މަޖިލިސް މެންބަރުންގެ ތެރެއިން މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ މެންބަރު ވެސްމެއެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް ފަހު، އެ މަގާމާ ވެސް ހަވާލުވާނީ އަސްލަމް ކަމުގައި ބެލެވުނެވެ.
ގާނޫނު އަސާސީ އެކުލަވާލި މަޖިލީހުގެ މެންބަރުކަން ވެސް އަސްލަމް ކުރެއްވިއެވެ. އަދި އާ ގާނޫނު އަސާސީގެ ދަށުން އެކުލަވާލި ހުރިހާ މަޖިލީހެއްގައި ވެސް މެންބަރުކަން ކުރެއްވިއެވެ.
އަސްލަމް ރަނިން މޭޓަކަށް ހޮވިއިރު، އެ މަގާމުގެ ވާދަވެރިކަން ވަރަށް ބޮޑެވެ. އެގޮތުން، މިހާރުގެ ނާއިބު ރައީސް ފައިސަލް ނަސީމާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް އެ މަގާމަށް ޝައުގުވެރިކަން ފާޅުކުރެއްވި ކަމަށް އަޑުތައް ފެތުރުނެވެ. ރައީސް މީގެ ކުރިން ވަނީ ރަނިން މޭޓެއް އިޚްތިޔާރުކުރުމަކީ، އުނދަގޫ ނިންމުމެއް ކަމަށް ވިދާޅުވެފައެވެ.
ރައީސް ޞާލިޙުގެ އިތުރުން މިއަހަރުގެ އިންތިޚާބުގައި، ވާދަކުރައްވާ އެހެނިހެން ބައެއް ކެންޑިޑޭޓުން ވެސް މިހާރު ވަނީ ރަނިންމޭޓުން ކަނޑައަޅާފައެވެ. އެގޮތުން، ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓަކަށް ކަނޑައަޅާފައިވަނީ، ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ. އެމަނިކުފާނުގެ ބެކަޕެއްގެ ގޮތުގައި އެ ކޯލިޝަނުން ނެރޭ ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓަކަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ވަނީ ކަނޑައަޅާފައެވެ.
އޭގެ އިތުރުން މިފަހަރުގެ އިންތިޚާބުގައި ވާދަކުރާނެ ކަމަށް އިއުލާން ކުރައްވާފައިވަނީ، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމާއި، އެމްއާރްއެމްގެ ރައީސް އަހްމަދު ފާރިސް މައުމޫން އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަދި ޑިމޮކްރެޓްސްގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.