ހަފުތާއެއް ތެރޭ އެސްޓީއޯ ސްމާޓް ޝޮޕުން 1،937 މީހުން ވިޔަފާރިކޮށްފި

"އެސްޓީއޯ ސްމާޓް ޝޮޕް" -- ފޮޓޯ/ އެސްޓީއޯ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޭޝިއަރަކާއި ސޭލްސްމަނެއް ނެތި ވިޔަފާރިކުރެވޭ ގޮތަށް އެސްޓީއޯއިން ހެދި "އެސްޓީއޯ ސްމާޓް ޝޮޕް" ހުޅުވިތާ ހަފުތާއެއް ތެރޭ 1،937 މީހުން ވިޔަފާރިކޮށްފިއެވެ.

އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހުޅުމާލޭ ފޭސް އެކެއްގައި މިދިޔަ މަހުގެ 27 ވަނަ ދުވަހު ހުޅުވި މި ސްމާޓް ޝޮޕަކީ، އެއްފަހަރާ ހަ މީހުންނަށް ވިޔަފާރި ކުރެވޭ ފިހާރައެކެވެ.

އެސްޓީއޯ ސްމާޓް ސްޓޯ ހުޅުވިތާ ހަފުތާއެއް ތެރޭގައި އެވްރެޖްކޮށް ކަސްޓަމަރަކު ހޭދަކޮށްފައިވަނީ ފަސް މިނެޓު ކަމަށް އެ ކުންފުނިން ބުންޏެވެ. އޭގެ ތެރެއިން މުދަލަށް ފައިސާ ކެނޑުމަށް ހޭދަވެފައިވަނީ ގާތްގަނޑަކަށް ތިން ސިކުންތު ކަމަށް އެ ކުންފުނިން ބުންޏެވެ.

2،700 މީހުން ސްމާޓް ސްޓޯ އެޕް ޑައުންލޯޑް ކޮށްފައިވާއިރު އޭގެ ތެރެއިން މިދިޔަ ހަފުތާގައި 1،937 މީހުން ފިހާރައަށް ވަދެފައިއެވެ.

އެސްޓީއޯއިން ބުނި ގޮތުގައި އޭގެ ތެރެއިން 24 އިންސައްތަ މީހުން ފާހަގަކުރެވިފައި ވަނީ ތަކުރާރުކޮށް ބާޒާރުކުރާ ކަސްޓަމަރުންގެ ގޮތުގައިއެވެ. އަދި ހަތް ދުވަސްތެރޭ ފިހާރައަށް ވަން 1،937 މީހުންތެރެއިން 22 ކަސްޓަމަރުންގެ އެޕީލް ވަނީ ލިބިފައެވެ.

"އެސްޓީއޯ ސްމާޓް ޝޮޕް" -- ފޮޓޯ/ އެސްޓީއޯ

އެސްޓީއޯ ސްމާޓް ޝޮޕަކީ، އާޓިފިޝަލް އިންޓެލިޖެންސް ވިޝަން ބޭނުންކޮށްގެން ވިޔަފާރިކުރެވޭ ފިހާރައެކެވެ. މި ފިހާރައިން ޚިދުމަތް ހޯދޭނީ އެކަމަށް ކަނޑައެޅިފައިވާ ޚާއްސަ މޯބައިލް އެޕްލިކޭޝަން "އެސްޓީއޯ ސްމާޓް ސްޓޯ" މެދުވެރިކޮށެވެ. މި އެޕްލިކޭޝަން މިހާރު އެންޑްރޮއިޑް އާއި އެޕަލް ޕްލޭ ސްޓޯރުން ހިލޭ ޑައުންލޯޑު ކުރެވޭނެއެވެ.

މި އެޕުގައި ލޮގިން ވުމަށްފަހު، ދެން ކުރަންޖެހޭނެ ކަމަކަށް އިންނާނީ، އެމީހެއްގެ ބޭންކު ކާޑު ރެޖިސްޓްރީ ކުރުމެވެ. ފިހާރައަށް ވަދެވޭނީ އެޕްލިކޭޝަނުގައި އިންނަ ކިއު އާރުކޯޑު ސްކޭން ކުރުމުންނެވެ. އެއަށްފަހު ފިހާރައަށްވަދެ ބޭނުންވާ އެއްޗެއް ނެގުމަށްފަހު ނުކުމެގެންދާންވީއެވެ.

މި ފިހާރައިގައި ކޭޝިއަރެއް ނުވަތަ ސޭލްސްމަނެއް ނެތް ނަމަވެސް، އެ ފިހާރަ އަކީ ރާއްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ފިހާރައެކެވެ. އެގޮތުން އާޓިފިޝަލް އިންޓެލިޖެންސް ކެމެރާ ނުވަތަ އޭއައި ކެމެރާތައް ފިހާރައިގެ އެކި ތަންތަނުގައި ހަރުކޮށްފައި ހުރެއެވެ. މި އޭއައި ކެމެރާތަކުން އެ ފިހާރައިގެ ހަރުތަކާއި، ސްޓޮކު ބެލެހެއްޓުމުގެ މަސައްކަތް ކުރާނެއެވެ.

comment ކޮމެންޓް