ބަޔާން މިއުނިކްގެ ސެނެގާލް ފޯވަޑް ސާޑިއޯ މާނޭ، ސައުދީ އަރަބިއާގެ އަލް ނަސްރަށް ސޮއިކޮށްފައިވާކަން އެ ކްލަބުން އިއުލާންކޮށްފިއެވެ.
ބަޔާން ދޫކޮށްލުމަށްފަހު، ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުންދާ އަލް ނަސްރާ މާނޭ ގުޅިފައިވަނީ 35 މިލިއަން ޕައުންޑް (45 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީއެއްގެ ދަށުންނެވެ. އޭނާއަށް މުސާރައިގެ ގޮތުގައި އަލް ނަސްރުން އަހަރެއްގެ މައްޗަށް 34 މިލިއަން ޕައުންޑް (43 މިލިއަން ޑޮލަރު) ލިބޭނެއެވެ.
ފުޓުބޯޅައިގެ ޓްރާންސްފާ މާކެޓުގައި އެންމެ ބޮޑު ސިހުމެއް ފުރަތަމަ ގެނައި ސައުދީ ކްލަބަކީ އަލް ނަސްރެވެ. މިދިޔަ ޖެނުއަރީ މަހު އަލް ނަސްރުން ޕޯޗުގަލް ތަރި ރޮނާލްޑޯ ގެނައުމާއެކު، ސައުދީގެ ގިނަ ކްލަބުތަކަކުން މިހާރު ދަނީ ބޮޑެތި ހަރަދުތަކެއްކޮށް ފުޓުބޯޅައިގެ ތަރިންތައް ގެންނަމުންނެވެ. އެގޮތުން އަލް ނަސްރުން ވެސް ވަނީ ކުރިއަށްއޮތް ސީޒަނަށް މާނޭގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ޑިފެންޑަރު އެލެކްސް ޓެލޭސް އާއި އިންޓަ މިލާންގެ ކުރީގެ މިޑްފީލްޑަރު މާސެލޯ ބްރޮވިޗްގެ ސޮއި ވެސް ހޯދައިފައެވެ.
މާނޭ އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ އޭނާ ލިވަޕޫލުގައި ހޭދަކުރި ދުވަސްތަކުގައެވެ. ލިވަޕޫލުގައި މިސްރު ފޯވަޑް މުހައްމަދު ސަލާހާއި ބްރެޒިލް ފޯވަޑް ރޮބާޓޯ ފިރްމީނޯއާއެކު އެ ކްލަބުގެ ފޯވަޑް ލައިން އޭރު ފާހަގަކޮށްލެވުނީ ވަރަށް ނުރައްކާކޮށެވެ. ލިވަޕޫލުގައި ހަ އަހަރު ހޭދަކުރުމަށްފަހު، ބަޔާނާ މާނޭ ގުޅުނީ މިދިޔަ ސީޒަނުގައެވެ.
ބަޔާންގައި މާނޭ ހޭދަކޮށްފައިވަނީ ވެސް މިދިޔަ ސީޒަން އެކަންޏެވެ. ބަޔާންގައި މާނޭއަށް ރަނގަޅު ކުޅުމެއް ދެއްކިފައި ނުވާ އިރު، އޭނާއަށް މިދިޔަ ސީޒަނުގައި 38 މެޗުން ކާމިޔާބުކުރެވިފައިވަނީ 12 ގޯލެވެ. މާނޭއަށް ބަޔާންގައި މައްސަލަތަކަކާ ވެސް ކުރިމަތިލާން ޖެހުނެވެ. އެގޮތުން ބަޔާންގެ ލެރޯއީ ސާނޭއާ ދެމެދު ހިނގި ހަމަނުޖެހުމެއްގެ ސަބަބުން މާނޭއަށް ކްލަބުން ސަސްޕެންޝަނަކާ ކުރިމަތިލާން ޖެހުނެވެ.