ފިނި ކޮޓަރީގައި ތިބެގެން އިންތިޚާބު ކާމިޔާބު ނުވާނެކަމަށް ވިދާޅުވެ ކެމްޕޭނަށް ނުކުތުމަށް ވާދަވެރިންނަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ގޮވައިލައްވައިފިއެވެ.
ށ. އަތޮޅަށް ކުރައްވަމުން އަންނަ ކެމްޕޭން ދަތުރުފުޅުގައި ފޭދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އިންތިޚާބެއްގައި ވާދަކޮށް ކާމިޔާބުކުރަން ބޭނުންނަމަ ރައްޔިތުން ގާތަށް ނުކުންނަން ޖެހޭނެ ކަމަށެވެ. އަދި ރައްޔިތުންގެ އަޑު އަހަންވާނެ ކަމަށެެވެ.
"ގޭގައި ކޮޓަރީގައި ތިބެގެން އެ ކަމެއް ނުވާނެ. އަޅުގަނޑުމެން މި ކުރަނީ އެ މަސައްކަތް. ކޮންމެ ރަށެއްގެ ކޮންމެ ރައްޔިތަކާ ބައްދަލުކޮށް އެ ރަށަކަށް ބޭނުންވާ ކަންތައްތައް ދެނެގަނެ ކުރިއަށް އޮތް ފަސް އަހަރުގެ ތަރައްގީގެ ޕްލޭނުގައި އެ ކަންތައްތައް މި ހިމަނަނީ. އަޅުގަނޑު ގޮވައިލަނީ އަޅުގަނޑުމެންގެ ވާދަވެރިންނަށް ނުތިއްބަވައި ނިކުމެވަޑައިގެން ކެމްޕޭން ކުރައްވާށޭ،" ރައީސް ވިދާޅުވިއެވެ.
ރައްޔިތުންނާ ދުރުން، ބައްދަލުނުކޮށް، އަޑު ނާހައި ހަދައި މެނިފެސްޓޯއަކުން ކުރާނެ ފައިދާއެއް ނޯންނާނެކަމަށް ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު މަސައްކަތްޕުޅު ކުރައްވަނީ ރައްޔިތުންގެ އަޑު އަހައިގެންކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ރަށްރަށުގެ ތާއީދު ލިބެމުން އަންނަ ސަބަބުކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ތަފާތުކުރުމެއް ނެތި ރަައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފަހިކޮށްދިނުމަކީ އެއިރަކު އޮންނަ ސަރުކާރަކަށް ގާނޫނު އަސާސީން ލާޒިމްކުރާ ކަމެއް ކަމަށެވެ.
މީގެ ކުރިން އަސާސީ ޚިދުމަތްތައް ދޫކޮށްލެވިފައި އޮތް މިންވަރު ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވިއިރު ސާފު ބޯފެން ލިބެނީ 36 ރަށަށް ކަމަށާއި، ނަރުދަމާ 65 ރަށުގައި ކަމަށެވެ. ނަމަވެސް މި ސަރުކާރުން އެ ހިދުމަތް އެތައް ރަށަކަށް ތައާރަފް ކުރައްވާފައިވާކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ތަރައްގީގެ މަޝްރޫތައް ހިންގަން އަބަދުވެސް ރައްޔިތުން އެދޭނެ ކަމަށެވެ. ރަށު ރައްޔިތުން ބޭނުންވާ ކަންކަން ރައީސަށް ހިއްސާކުރުމުން އެ ކަންކަން ކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ދެން އަންނަ ދައުރެއްގައި ފޭދޫގައި ކުރައްވާނެ ކަންކަން:
- ރަށުގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ހެދޭނެކަމަށް
- އޭޓީއެމްގެ ޚިދުމަތް ފޯރުކޮށްދޭނެކަމަށް
- ހޭންޑްބޯލް ކޯޓަކާއި ވޮލީ ކޯޓެއް އަަޅައިދޭނެކަމަށް
- ރަށްގިރާ ސަރަހައްދު ހިމާޔަތްކުރުން