ގާސިމާއި ނަޝީދާއި ނާޒިމް އެއްބަސްވީ އެއް ކެންޑިޑޭޓަކު ނެރެން

އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް --

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)އާއި އެމްއެންޕީ އަދި ދަ ޑިމޮކްރެޓްސް ގުޅިގެން އެއް ކެންޑިޑޭޓަކު ނެރެން އެއްބަސްވެއްޖެއެވެ.

ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމް މިއަދު ވަނީ މ. ކުނޫޒުގައި ބައްދަލު ކުރައްވައިފައެވެ. އެ ބައްދަލުވުމަށް ފަހު، ނޫސްވެރިންނާ ވާހަކަދައްކަވަމުން އެ ބޭފުޅުން ވަނީ ތިން ޕާޓީ ގުޅިގެން އެއްބަސްވެވޭ އެއް ކެންޑިޑޭޓަކު ނެރެން އެއްބަސްވުމަކަށް އާދެވުނުކަން އިއުލާނު ކުރައްވައިފައެވެ.

"އަޅުގަނޑުމެން އެންމެން އެއް ކެންޑިޑޭޓަކު ރިޔާސީ އިންތިޚާބަށް ނެރެގެން އެކުގައި މަސައްކަތް ކުރުމުގެ ފޯމިއުލާއެއް އެބައޮތް،" ގާސިމް ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

އޭނާ ވިދާޅުވީ، އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕީޕީއެމާއި އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމާ ވެސް އެ ކަމުގެ މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި، އެ ގޮތަށް ކުރިއަށް ދާން މިއަދު މަޝްވަރާ ކުރި ތިން ޕާޓީއަށް ވެސް އެއްބަސްވެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއް ކެންޑިޑޭޓަކު ގޮވައިގެން ދާން އަޅުގަނޑުމެން ބޭނުން ވަނީ ރިޔާސީ އިންތިޚާބުގައި،" ގާސިމް ވިދާޅުވިއެވެ.

އެކަމަކު، މިހާތަނަށް މި ކަމުގެ މަޝްވަރާތައް އިދިކޮޅު ޕީޕީއެމާ އެކު ނުކުރެއެވެ. އެހެންނަމަވެސް، އުންމީދަކީ ސަރުކާރާ ދެކޮޅު ހުރިހާ ޕާޓީތަކުން އެކުގައި އެއް ކެންޑިޑޭޓަކު ނެރުން ކަމަށް އެ ބޭފުޅުން ތަކުރާރުކޮށް ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ނަޝީދާއި ނާޒިމް -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

"ހުރިހާ ބޭފުޅުންނަށް ވެސް އެއްބަސްވެވޭ ކެންޑިޑޭޓަކާ އެކުގައި އަޅުގަނޑުމެންނަށް ނުކުމެވޭނެ،" ނަޝީދު ވިދާޅުވިއެވެ.

އެ ތަނުގައި ތިބި ނޫސްވެރިންނާ ވާހަކަދައްކަވަމުން ރިޔާސީ ކެމްޕޭން ކުރައްވަމުން ގެންދަވާ ނާޒިމް ވެސް ވިދާޅުވީ، ތިން ޕާޓީއަށް އެއްބަސްވެވޭ ކެންޑިޑޭޓެއް ނެރެން އެއްބަސްވެފައިވާ ކަމަށެވެ.

"ކުރިއަށް އޮތް ތަނުގައި ޕާޓީތަކާ މަޝްވަރާ ކުރުމަށް ފަހުގައި، ކޮމަން ކެންޑިޑޭޓެއް ނެރުމަށް މަސައްކަތް ކުރާނަން،" ނާޒިމް ވިދާޅުވިއެވެ.

https://sun.mv/179765

އެއްބަސްވެވޭ އެއް ކެންޑިޑޭޓެއް ނެރެން ތިން ޕާޓީން އެއްބަސްވިއިރު، ނާޒިމާއި ގާސިމަކީ މިހާރު ވެސް ރިޔާސީ ޓިކެޓު ލިބި ކެމްޕޭން ކުރައްވަމުން ގެންދަވާ ބޭފުޅުންނެވެ. އަދި، ޑިމޮކްރެޓްސްއަށް ސޮއި ކުރެއްވުމަށް ފަހު، ނަޝީދު ވެސް ގެންދަވަނީ މެނިފެސްޓޯ އެކުލަވައިލާ ކެމްޕޭން ކުރައްވަމުންނެވެ.

މިއަދުގެ ބައްދަލުވުމުގެ ކުރިން ވެސް، ގާސިމާއި ނާޒިމް އަދި ނަޝީދުގެ އިތުރުން ޕީޕީއެމްގެ އިސް ބޭފުޅުން ވަނީ ވަކިވަކިން ބައްދަލުކުރައްވައިފައެވެ.

comment ކޮމެންޓް