ފާޓިލިޓީ ސަޕޯޓު ކޮމިނިއުޓީގެ އައިވީއެފް ފަންޑު ފަސް މީހަކަށް ދީފި

ފާޓިލިޓީ ސަޕޯޓު ކޮމިއުނިޓީން ދޭ އައިވީއެފް ފަންޑު ލިބުނު ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ފަންޑު ހަވާލުކޮށްދެއްވައިފި --- ސަން ފޮޓޯ/ މާހިލް އާތިފް

ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާދިނުމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް އައިވީއެފްގެ ޚިދުމަތް ދޭން ފަށާއިރު، ފާޓިލިޓީ ސަޕޯޓު ކޮމިއުނިޓީން އައިވީއެފް ފަންޑު ފަސް މީހަކަށް ދީފިއެވެ.

ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީއިން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ފަންޑު އޭގެ ހައްގުވެރިންނަށް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދުއެވެ.

ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީއިން ލޯންޗްކުރި އައިވީއެފް ފަންޑުގެ މަގުސަދަކަީ ދަރިމައިވުމުގެ ދަތިތައް ހުންނަ ފަރާތްތަކުގެ ތެރެއިން މާލީ ދަތިތަކާއިހުރެ، އައިވީއެފް ހެދުމުގެ ފުރުސަތު ލިބިފައިނުވާ ދިވެހި ދެމަފިރިއަކަށް ޖަމިއްޔާގެ އެހީގައި ހިލޭ އައިވީއެފް ހެދުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

މިއީ ކޮންމެ އަހަރަކު އެއްފަހަރު އާންމުކޮށް ހުޅުވާލައިގެން، ކުރިމަތިލާ ފަރާތްތަކުގެ ހާލަތު ކަށަވަރުކުރުމަށްފަހު އެންމެ މަތިން މާކްސް ލިބިގެން ހޮވޭ ފަރާތަކަށް ދެވޭ ހިލޭ އެހީއެއް ކަމަށް ފާޓިލިޓީ ސަޕޯޓުން މައުލޫމާތު ދެއެވެ.

އެންމެ ފަރާތަކަށް މި ފަންޑު ދިނުމަށް ކަނޑައެޅިފައި ވީ ނަމަވެސް އިންޑިއާގެ ޔާމީ ފާޓިލިޓީ އެންޑް އައިވީއެފް ސެންޓަރުންނާއި އެސްޓާ މެޑްސިޓީގެ ފަރާތުން ދެއްވި ދީލަތި އެހީއާއެކު އިތުރު ހަތަރު ދެމަފިރިއަކަށް މި އަހަރު އައިވީއެފް ހެދުމުގެ ފުރުސަތު ވަނީ ލިބިފައެވެ.

މި އަހަރު ހަވާލުކުރި ފަސް އައިވީއެފްގެ އަގު ޖުމްލަ 15،000 ޑޮލަރާއި ގާތްކުރާނެ ކަމަށް ފާޓިލިޓީ ސަޕޯޓު ކޮމިއުނިޓީން މައުލޫމާތު ދެއެވެ.

އައިވީއެފް ފަންޑު ލިބުނު މީހުންނަކީ އެވްރެޖް ގޮތެއްގައި 17 އަހަރު ކައިވެނިކޮށްގެން ދަރިއަކު ހޯދުމަށްޓަކައި އެވްރެޖްކޮށް 15 އަހަރު ވަންދެން މަސައްކަތްކޮށްފައިވާ، ނަމަވެސް އަދި މިހާތަނަށް އައިވީއެފް ހެދުމުގެ ފުރުސަތު ލިބިފައިނުވާ ފަސް ދެމަފިރިއެކެވެ.

އައިވީއެފް ފަންޑް ހަވާލުކުރުމާއެކު، އޭގެ ހައްގުވެރިންނާއި އަދި ޖަމިއްޔާއާއި ދެމެދުވަނީ ހާއްސަ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި މި އެއްބަސްވުމުގެ ދަށުން ކުރިއަށްއޮތް އެއް އަހަރުގެ ތެރޭ، މި ފަރާތްތަކުގެ އައިވީއެފް ހެދުމުގެ މަސައްކަތް ފެށިގެން ދާނެ ކަމަށް ފާޓިލިޓީ ސަޕޯޓު ކޮމިއުނިޓީން މައުލޫމާތު ދެއެވެ.

ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ އަކީ ދަރިމައިވުމުގެ ސިއްހަތާ ގުޅޭގޮތުން މުޖްތަމައު ހޭލުންތެރިކުރުވާ ސިއްހީ ސައްހަ މައުލޫމާތު އާންމުންނަށް ފޯރުކޮށްދީ، އަދި ދަރިމައިވުމުގެ އުނދަގޫ ތަޙައްމަލުކުރައްވާ ފަރާތްތަކަށް އެކި ގޮތްގޮތުން އެހީތެރިވެ ހިތްވަރުދިނުމަށްޓަކައި 27 ޖަނަވަރީ 2021 ވަނަ ދުވަހު ރަޖިސްޓްރީކުރި ޖަމިއްޔާއެކެވެ. ފާޓިލިޓީ ސަޕޯޓު ކޮމިއުނިޓީ އުފެދިގެން އައިއިރު، 100 އެއްހާ މެންބަރުން ހަރަކާތްތެރިވިއިރު، މިހާރު އެ ޖަމިއްޔާގައި 400 އެއްހާ މެންބަރުން އެބަތިއްބެވެ.

ޓްރީޓޮޕްގައި އައިވީއެފްގެ ޚިދުމަތް ފެށިއިރުވެސް 300 އެއްހާ މީހުން ކިއޫގައި އެބަތިބި ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ. އެ ހޮސްޕިޓަލުގެ ތިންވަނަ ފަންގިފިލާ އައިވީއެފްއަށް ހާއްސަކޮށްފައިވާއިރު، އެންމެ މަތީ ފެންވަރުގައި އެ ޚިދުމަތް ދިނުމަށް އަބަދު ވެސް މަސައްކަތް ކުރާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

comment ކޮމެންޓް