ހަޒާޑް، ރިޓަޔާކުރުމަށް ވިސްނަނީ

ބެލްޖިއަމް ފޯވަޑް އެޑެން ހަޒާޑް -- ފޮޓޯ/ ގެޓީ

މިދިޔަ ސީޒަނަށްފަހު ރެއާލް މެޑްރިޑް ދޫކޮށްލި ބެލްޖިއަމް ފޯވަޑް އެޑެން ހަޒާޑް، ރިޓަޔާކުރުމާ މެދު ވިސްނަމުންދާ ކަމަށް ރިޕޯޓުކޮށްފިއެވެ.

ރިޕޯޓުތައް ބުނާގޮތުގައި އާޖެންޓީނާ ތަރި ލިއޮނެލް މެސީގެ އިންޓަ މަޔާމީން ހަޒާޑަށް ހުށަހެޅުމެއް ލިބުނު ނަމަވެސް، އެ ހުށަހެޅުމަށް އޭނާ ވަނީ އިންކާރުކޮށްފައެވެ. އަދި މިހާރު އޭނާގެ ވިސްނުން ހުރީ ރިޓަޔާމަންޓަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޗެލްސީގައި ވިދާލުމަށްފަހު، ރެއާލް މެޑްރިޑާ ހަޒާޑް ގުޅުނީ 2019 ވަނަ އަހަރު ކްލަބުގެ ރެކޯޑު އަގެއްގައެވެ. ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، ރެއާލް ދޫކޮށްލުމާއެކު އެ ކްލަބުން ވަނީ ހަޒާޑަށް ބޮޑު އުންމީދުތަކެއް ކޮށްފައެވެ. ނަމަވެސް ރެއާލްގައި އޭނާއަށް ވަނީ ޗެލްސީގައި ދެއްކި ކުޅުމާ ގާތަށް ވެސް ނުދެވިފައެވެ.

ރެއާލްގައި ހަޒާޑަށް އެންމެ ބޮޑު އުނދަގުލަކާ ކުރިމަތިލާން ޖެހިފައިވަނީ އަނިޔާގެ މައްސަލަތަކާ ގުޅިގެންނެވެ. ހަޒާޑްގެ ފިޓްނަސް ރަނގަޅުކުރުމަަށް މަސައްކަތްކުރި ނަމަވެސް، އެ މަގާމަށް ކުޅޭ އެހެން ތަރިންތަކެއް ތިބުމުން އޭނާއަށް ރެއާލުން ގިނަ ފުރުސަތުތަކެއް ލިބިފައެއް ނުވެއެވެ. މިދިޔަ ސީޒަނަށްފަހު އުމުރުން 32 އަހަރުގެ ހަޒާޑް ވަނީ ހަތަރު ސީޒަނަށްފަހު، ރެއާލްގެ ކޮންޓްރެކްޓް ބާތިލުކޮށްފައެވެ. އޭރު ކޮންޓްރެކްޓުގައި ބާކީ އެއް އަހަރު ދުވަހުގެ މުއްދަތެއް އޮތެވެ.

މިދިޔަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕަށްފަހު ބެލްޖިއަމް ގައުމީ ޓީމަށް ކުޅުން ހުއްޓާލި ހަޒާޑަށް މިހާތަނަށް ހުށަހެޅުމެއް ލިބިފައިވަނީ ހަމައެކަނި އިންޓަ މަޔާމީންނެވެ. އޭނާއަށް ޔޫރަޕުގެ ކްލަބުތަކުން އަދި ހުށަހެޅުމެއް ލިބިފައެއް ނުވެއެވެ.

comment ކޮމެންޓް