ފުވައްމުލަކުގައި ފުލުހުންނާއި އިދިކޮޅު ސަޕޯޓަރުން ދެމެދު ކުރިމަތިލުމެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ

ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ހިނގި ހަމަނުޖެހުމުގެ ތެރެއިން -- ފޮޓޯ/ ސޯޝަލް މީޑިއާ

ފުވައްމުލައް ސިޓީން، މުޙައްމަދު ނާއިލް ޙަފީޒް

ފުވައްމުލައް ސިޓީގައި މިރޭ އޮތް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ކެމްޕޭން ޖަލްސާއާ ދިމާކޮށް އިދިކޮޅު ޕީޕީއެމްގެ ސަޕޯޓަރުން ޝުއޫރު ފާޅުކުރަމުން ދިޔަ ވަގުތު ފުލުހުން އެކަމަށް ހުރަސް އެޅުމުން ހިނގި ހަމަނުޖެހުމުގައި ދެ މީހަކަށް އަނިޔާވެ ފަރުވާދޭން ފަށައިފިއެވެ.

މިރޭ މި ރަށު މިސްކިތް މަގު އަވަށު މައިލޯ ސްޓޭޑިއަމްގައި ކެމްޕޭން ޖަލްސާ ކުރިއަށްދިޔަ ވަގުތު އިދިކޮޅު ސަޕޯޓަރުން ގެންދިޔައީ އަޑުގަދަކޮށް އިހުތިޖާޖުކުރަމުންނެވެ.

ހަމަނުޖެހުން ހިނގީ ޖަލްސާ ނިމެން ގާތްވެފައިވަނިކޮށެވެ.

ފުލުހުން މަސައްކަތްކުރީ އެ ސަރަހައްދުން މުޒާހަރާގެ ބައިވެރިން ފަހަތަށް ޖެއްސުމަށެވެ. ނަމަވެސް އެ މުޒާހަރާ ކުރިމަތިލުމަކަށް ބަދަލުވެ ވަކި ހިސާބަކުން ފުލުހުންނާ ދިމާއަށް ގާ އުކާފައިވެއެވެ.

މުޒާހަރާގެ ބައެއް ބައިވެރިން ވަނީ އެ ސަރަހައްދުގައި ހުރި ކެފޭއަކަށް ވަދެފައެވެ. އެ ހަމަނުޖެހުމުގައި ކެފޭއަށް ވެސް ބައެއް ގެއްލުންތައް ލިބުނެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި ހަމަނުޖެހުމުގައި ފުލުހަކަށާއި އާންމު މީހަކަށް އަނިޔާވެފައިވެއެވެ. އެގޮތުން އެ ފުލުސް މީހާގެ ބޯ ފަޅައިގެން ގޮސް އޭނާ އަށް އަންނަނީ ފަރުވާދެމުންނެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މިއަދު ހަވީރު ވެސް އިދިކޮޅު ސަޕޯޓަރުން އެއާޕޯޓު ސަރަހައްދަށް އިހުތިޖާޖުކުރުމަށް ކައިރި ވެވޭތޯ މަސައްކަތްކުރިއެވެ. ބައެއް ސަޕޯޓަރުން މަގު ބަންދުވާހެން އޮށޯވެ ވެސް ތިއްބެވެ.

comment ކޮމެންޓް