ޖަޕާނުގެ ފޮރިން މިނިސްޓަރު ހަޔާޝީ ޔޮޝިމާސާ ރާއްޖެ ވަޑައިގެންފި

ޖަޕާނުގެ ފޮރިން މިނިސްޓަރު ހަޔާޝީ ޔޮޝިމާސާ -- ފޮޓޯ/ ޒީ5

ޖަޕާނުގެ ފޮރިން މިނިސްޓަރު ހަޔާޝީ ޔޮޝިމާސާ މިރޭ ރާއްޖެ ވަޑައިގެންފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިނިސްޓަރަށް މަރުހަބާ ވިދާޅުވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލްއެވެ.

މި ދަތުރުފުޅުގައި މިނިސްޓަރު ހަޔާޝީ، ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ބައްދަލުކުރައްވާނެއެވެ.

މިނިސްޓަރުގެ މި ދަތުރުފުޅުގައި، ޖަޕާނާއި ރާއްޖެއިން ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓްތައް ބޭނުންކުރާ ފަރާތްތަކަށް 90 ދުވަހުގެ މުއްދަތަކަށް ވިސާއާ ނުލައި އެތެރެވުމާ ބެހޭ އެއްބަސްވުމެއްގައި ދެ ގައުމުން ސޮއިކުރާނެއެވެ. އަދި ރާއްޖެއާއި ޖަޕާނާ ދެމެދު ކުރިއަށްގެންދާ ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަޝިޕް (ޖޭޑީއެސް)އާ ގުޅުންހުރި ލިޔެކިޔުންތަކެއް ވެސް ދެ ގައުމުން ބަދަލުކުރާނެއެވެ.

މީގެ އިތުރުން، ޖަޕާނާއި ރާއްޖޭގެ ގުޅުން ރަމްޒުކޮށްދޭ ޓެޓްރަޕޮޑް މޮނިއުމަންޓް ބައްލަވާލައްވައި، ކަލާފާނު ސްކޫލަށް ވެސް މިނިސްޓަރު ހަޔާޝީ ޒިޔާރަތް ކުރައްވާނެއެވެ.

ކަލާފާނު ސްކޫލަކީ ޖަޕާނުގެ އެހީގެ ދަށުން ތަރައްގީ ކޮށްފައިވާ ސްކޫލެކެވެ.

ދިވެހި ރާއްޖެއާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ 1967 ވަނަ އަހަރުގައެވެ.

comment ކޮމެންޓް