ރާއްޖެއާ އެކު އޮތް ޒަމާންވީ ގުޅުން އިތުރަށް ވަރުގަދަކުރަން ތައްޔާރު: ޖަޕާނުގެ ބޮޑުވަޒީރު

ޖަޕާނުގެ ބޮޑުވަޒީރު ޝިގެރު އިޝިބާ: އޭނާ ވަނީ ދެ ގައުމުގެ ޒަމާންވީ ގުޅުން އިތުރަށް ވަރުގަދަކުރަން ތައްޔާރު ކަމަށް ވިދާޅުވެފައި -- ފޮޓޯ/ އޭޕީ

ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު އޮތް ޒަމާންވީ ގާތްގުޅުން އިތުރަށް ވަރުގަދަކުރަން ދެ ގައުމުން އެކުގައި ގުޅިގެން މަސައްކަތްކުރަން އުންމީދުކުރައްވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ޝިގެރޫ އިޝިބާ ވިދާޅުވެއްޖެއެވެ.

މި މަހުގެ އެއްވަނަ ދުވަހު، ޖަޕާނުގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެން ޝިގެރޫ އިޝިބާ އެފަދައިން ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެ، އެކްސްގައި ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ.

އެ މަނިކުފާނު ވަނީ ޝިގެރޫ އިޝިބާގެ ބޮޑު ވަޒީރުކަމުގައި އެ ގައުމަށް ކާމިޔާބާއި ކުރިއެރުމަށް އެދިވަޑައިގެންފައެވެ. އަދި، ރާއްޖެއާއި ޖަޕާނާ ދެމެދު އޮތް ޒަމާންވީ ރަޙުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހި ސަރުކާރާ އެކު މަސައްކަތް ކުރައްވަން އުއްމީދުކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެ ޕޯސްޓާ ގުޅިގެން ޖަޕާނުގެ ބޮޑުވަޒީރު ވަނީ ކިޔުއްވި މަރުހަބާއަށް ޝުކުރުދަންނަވާފައެވެ.

އަދި، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް، ދިވެހި ސަރުކާރާ އެކު ގުޅިގެން މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވިއެވެ. ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން "ފްރީ އެންޑް އޯޕަން އިންޑޯ-ޕެސިފިކް ސްޓްރެޓެޖީ"ގެ ދަށުން މަސައްކަތްކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޖަޕާނުގެ ބޮޑުވަޒީރު ކަމަށް އިޝިބާ އައްޔަންކުރީ އެގައުމުގެ ކުރީގެ ބޮޑުވަޒީރު ފުމިއޯ ކިޝިދާ މަގާމުން ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ.

ކިޝިދާ މަގާމުން ވަކިވެވަޑައިގެން މިދިޔަ މަހު ބޭއްވި އިންތިޚާބުގައި ސަރުކާރު ހިންގާ, ލިބަރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ)ގެ ލީޑަރުގެ މަގާމަށް އަލުން ވާދަނުކުރައްވާނެކަމަށް ނިންމެވިއެވެ.

އޭނާ ވިދާޅުވީ، މިއީ ޕާޓީގެ ލީޑާޝިޕަށް އާ މޫނެއް ފެންނަންވީ ވަގުތު ކަމަށާއި އާ ލީޑަޝިޕަށް އޭނާގެ ފުރިހަމަ ސަޕޯޓު ލިބޭނެ ކަމަށެވެ.

comment ކޮމެންޓް