ޖަޕާނު ސަރުކާރުގެ އެހީގައި ދިވެހި ފުލުހުންގެ ޚިދުމަތަށް ސީސީޓީވީ ކެމެރާ އިކުއިޕްމަންޓް އިއްޔެ ހަދިޔާކޮށްފިއެވެ.
މިއީ "ޕްރޮޖެކްޓް ފޯ އެންހޭންސްމަންޓް އޮފް އެބިލިޓީ އިން މެރިޓައިމް ސޭފްޓީ އެންޑް ސެކިއުރިޓީ އިން މޯލްޑިވްސް"ގެ ދަށުން، ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އާ ގުޅިގެން ހަދިޔާކޮށްފައިވާ ސަވައިލެންސް އިކުއިޕްމަންޓްތަކެކެވެ.
އިސްކަންދަރު ކޮށީގައި އިއްޔެ ބޭއްވި ރަސްމިޔާތުގައި، ޖަޕާން ސަރުކާރުގެ ފަރާތުން އެ ތަކެތި ހަވާލުކޮށްދެއްވީ ޖަޕާނުން
ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓަކެއުޗީ މިޑޮރީއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އެ ތަކެއްޗާ ހަވާލުވެލެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއުއެވެ.
ޖަޕާނު އެމްބަސީން ބުނި ގޮތުގައި އެ ތަކެއްޗަކީ ތިންސަތޭކަ ސާޅީސް ހަތް މިލިއަން (347،000،000) ޖަޕަނީސް ޔެންގެ އިކުއިޕްމަންޓް ކަމަށެވެ. އެއީ ގާތްގަނޑަކަށް 2.5 މިލިއަން ޑޮލަރު ނުވަތަ ދިވެހި ރުފިޔާއިން ބަލާނަމަ 38.5 މިލިއަން ރުފިޔާގެ އަގުގެ ތަކެއްޗެވެ.
އިއްޔެ ހަވާލުކުރި ތަކެތީގެ ތެރޭގައި:
- ސީސީޓީވީ ކެމެރާ
- ކޮމްޕިއުޓާ ސިސްޓަމް (މޮނިޓާ، ސީޕީޔޫ، ޔޫޕީއެސް)
- ސްމާޓް ޓީވީ
- އެހެނިހެން ސަޕޯޓިން އިކުއިޕްމަންޓް
ޖަޕާނު އެމްބަސީން ބުނީ އެ ސާމާނު ސެޓަކީ މަސްތުވާތަކެތީގެ މައްސަލަތަކާއި، މަސްވެރިކަމުގެ ސިނާއަތުގައި ހިނގާ ކުށްތަކާއި، ރާއްޖޭގެ ވަށައިގެންވާ ކަނޑުގެ ތަންތަނަށް އަސަރުކުރާ ކުށްތައް ހަރުދަނާ ގޮތެއްގައި ހުއްޓުވުމަށް ބޭނުންހިފޭނެ ތަކެތި ކަމަށެވެ.
އަދި އެއީ އެފަދަ ކުށްތައް ދެނެގަނެ، ތަހުގީގުކޮށް، ދައުވާ ކުރުމުގައި ދިވެހި ސަރުކާރަށް ފުޅާ ދާއިރާއެއްގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި ހަދިޔާކުރި ތަކެތި ކަމަށް ވެސް ބުނެފައިވެއެވެ.
މީގެ ސަބަބުން މާލެއާއި ދުރު ރަށްތަކުގައި ވެސް ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފަސޭހަވެގެންދާނެ ކަމަށް އެ އެމްބަސީން ބުންޏެވެ. އޭގެ ތެރޭގައި އއ. ރަސްދޫ، ހއ. އުލިގަމު، ވ. ފެލިދޫ، ނ. ފޮއްދޫ، ގއ. ވިލިނގިލި، ފުވައްމުލަކާއި ލ. ފޮނަދޫ ސަރަހައްދު ހިމެނެއެވެ.
"ޖަޕާނު ސަރުކާރުން އުއްމީދުކުރަނީ، މި އިކުއިޕްމަންޓްގެ ސަބަބުން ދިވެހި ފުލުހުންގެ ގާބިލުކަން އިތުރުވެ، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް،" ޖަޕާނު އެމްބަސީން ބުންޏެވެ.
ޖަޕާން ސަރުކާރުގެ އެހީގައި ޔޫއެންއޯޑީސީގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތަށް މީގެކުރިން ވެސް ޚިދުމަތުގެ އެކި ދާއިރާތަކަށް ބޭނުންވާ ވަސީލަތްތައް ހަދިޔާކޮށްފައިވެއެވެ.
އޭގެ ތެރޭގައި އެއްގަމު އުޅަނދާއި ކަނޑު އުޅަނދުގެ އިތުރުން ޑްރަގް ފީލްޑް ޓެސްޓު ކިޓް ޕްރިކާސާ ފީލްޑް ޓެސްޓު ކިޓް އަދި ރަމަން ހޭންޑްހެލްޑް ފީލްޑް އައިޑެންޓިފިކޭޝަން ކިޓު ހިމެނެއެވެ.