ފާރިސް ރިޔާސީ ރޭހަށް ނެރެން ތާއީދު ހޯދުމުގެ މަސައްކަތް އެމްއާރްއެމުން ފަށައިފި

އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން -- ސަން ފޮޓޯ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް، ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައިި އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން ނެރުމަށް އެ ޕާޓީން އާންމުންގެ ތާއީދު ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

މި ކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން އެމްއާރްއެމްގެ ނައިބު ރައީސް އާމިނަތު ނާދިރާ ވިދާޅުވީ ފާރިސް ރިޔާސީ ރޭހަށް ނެރެން ކުރިން ނިންމި ނިންމުމާ އެއްގޮތަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.

"[ފާރިސް ރިޔާސީ އިންތިޚާބުގައި ވާދަކުރާތީ] އެ ކަން މަގުފަހިކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް އަޅުގަނޑުމެން މި ކުރަނީ،" ނާދިރާ ވިދާޅުވިއެވެ.

މީގެ އިތުރުން ނާދިރާ ވިދާޅުވީ ޖުމްހޫރީ ޕާޓީއާއެކު ކުރަމުން އަންނަ މަޝްވަރާތައް ވެސް އަދި ހިނގަމުން އަންނަކަމަށެވެ.

ޖުމްހޫރީ ޕާޓީއާއެކު އެމްއާރްއެމުން މިދިޔަ ހަފުތާގައި ފެށި މަޝްވަރާތަކާއެކު ކުރިން ބެލެވިފައި އޮތީ ދެ ޕާޓީ އެކުވެ ނެރޭނީ އެއް ކެންޑިޑޭޓެއްކަމަށެވެ.

އެއީ ރިޔާސީ އިންތިޚާބުގައި 50 ޕަސެންޓުން މަތިން ވޯޓު ހޯދައި މިހާރުގެ ސަރުކާރު ބަދަލުކުރެވޭނެ ގޮތަަކަށް މަސައްކަތްކުރުމަށް ކަމަށް އޭރު ފާރިސް ވިދާޅުވިއެވެ.

ނަމަވެސް އެމްއާރުއެމުން އަންނަ އަންގާރަ ދުވަހު ބާއްވަން ނިންމާފައިވާ ޕްރައިމަރީގައި ވާދަކުރައްވަން ފާރިސް ވަނީ ކުރިމަތިލައްވާފައެވެ. އަދި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހީމްގެ ކެމްޕެއިން ހަރަކާތްތައް އެ ޕާޓީން ދަނީ ހިންގަމުންނެވެ.

ރިޔާސީ އިންތިޚާބުގެ ކެންޑިޑެންސީ ހުށަހެޅުމުގެ ފުރުސަތު މިހާރު އިލެކްޝަންސް ކޮމިޝަނުން ހުޅުވައިލައިފައިވާއިރު މި ފެށޭ އޯގަސްޓު މަހުގެ ހަތްވަނަ ދުވަހަށް އެ ފުރުސަތު ހަމަވާނެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވެރިކަން ކުރާ މައި ޕާޓީއާއެކު ކޯލިޝަން ހަދަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެމްއާރުއެމްއަށް ދައުވަތު ދެއްވި ނަމަވެސް، އެ ދައުވަތު ގަބޫލުނުކުރަން އެ ޕާޓީން ވަނީ ނިންމާފައެވެ.

އެމްއާރްއެމްއިން ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓެއް ނެރުމުގެ މަސައްކަތް ކުރަމުން އަންނައިރު ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވުމުން އިލްކްޝަންސް ކޮމިޝަން (އީސީ)ން ވަނީ އެ ޕާޓީ އުވާލުމަށް މީގެ ކުރިން ނިންމައިފައެވެ.

އީސީގެ ނިންމުމަށް އަމަލުކުރުން ފަސް ކުރަން ސިވިލް ކޯޓުން މިދިޔަ މެއި މަހުގެ 28 ވަނަ ދުވަހު ވަނީ އަމުރެއް ނެރެފައެވެ.

ސިވިލް ކޯޓުގެ އަމުރު މުރާޖައާ ކޮށްދިނުމަށް އެ ކޮމިޝަންގެ ފަރާތުން ހުށަހެޅުމުން ޣައިރު ހާޒިރުގައި އަމުރު ނެރެދިނުމަށް ހުރަސްއެޅޭ ފަދަ ހަގީގަތެއް އެމްއާރުއެމްގެ ފަރާތުން ހާމަނުކޮށް އޮތްކަން އީސީއަށް ބަޔާންކޮށްދެވިފައި ނެތް ކަމަށް ކޯޓުން ވަނީ ބުނެފައެވެ. އެހެންކަމުން، ޝަރީއަތުން ވަކި ގޮތެއް އަންގަންދެން، އީސީން އެމްއާރުއެމް އުވާލަން ނިންމި ނިންމުމަށް އަމަލެއް ނުކުރެވޭނެއެވެ.

comment ކޮމެންޓް